|
މިއީ
މިނިވަންކަންތަ ނުވަތަ އަނިޔާތަ؟
أبو عبد الرحمن أحمد سمير إبراهيم حسين،
ށ.ފޯކައިދޫ
މިހާރަކަށް އައިސް އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް
އެކަނބަލުންނަށް މިނިވަންކަން ދިނުމަކީ ހުރިހާ
މުޖުތަމަޢުތަކެއްގައިވެސް ވަރަށް އަހަންމިއްޔަތުކަންދޭ ކަމެކެވެ.
ނަމަވެސް ދުވަހެއް ދުވަހަކަށް އަންހެނުންގެ ފައިދާ ނާޖާއިޒު ގޮތުގައި
ބޭނުންކުރުން އިތުރުވަމުންދާ ކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އަދި
މީގައި އެންމެ ހިތާމަކުރަންޖެހޭކަމަކީ އަންހެނުންގެ ޝަރަފާއި
ޢިއްޒަތް ގެއްލިދާފަދަ ދަށުފެންވަރުގެ ކަންތަކަކީ އެކަނބަލުންގެ
ޙައްޤުތައްކަމުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރާ
ޖަމާޢަތްތަކުން ދެކޭކަމެވެ.
އަހުރެމެންގެ މިދިވެހި މުޖުތަމަޢުގައިވެސް އަނަހެނުންނަށް ތަފާތު
އަނިޔާތައް ދަނީ ކުރެވެމުންނެވެ. މިގޮތުން ކުރެވޭ އަނިޔާ ތަކުގެ
ތެރޭގައި އަންހެނުންގެ ހަށިވިއްކުން ފާހަގަ ކުރެވެއެވެ. މިތަނުގައި
އަޅުގަނޑު ހަށިވިއްކުން މި މާނަ ކުރަނީ ތިޔަބޭފުޅުން ތިޔަހީކުރައްވާ
ވަރަށްވުރެ މާ ފުޅާ މާނައެއްގައެވެ. ހަށިވިއްކުމޭ ބުނުމުން ހުރިހާ
މީހުންގެ ސިކުނޑިތައްވެސް ގޮސް ހުއްޓެނީ އެއް ދިމާލަކަށެވެ. މަސާޖު
ކުރާތަންތަން ނުވަތަ ހަށީގެ ވިޔަފާރި އަށެވެ. މިކަންކަމަކީ ހުރިހާ
މީހުންވެސް ނަފުރަތު ކުރާކަމެކެވެ. ދިވެހި ރާއްޖޭގައި މަސާޖުކުރާ
ތަންތަނުގައި މިފަދަ ކަންތައް ހިނގަމުން ދާތީ އެކަމާ މުޅި ދިވެހި
ރާއްޖެވަނީ އިދިކޮޅު ހަދާ ކަންބޮޑުވެފައެވެ.
ނަމަވެސް ހިތާމަ ކުރަންޖެހެނީ އެކަމާ ދެކޮޅުހެދި ބައެއް މީހުންވެސް
އަންހެނުންގެ ހަށިގަނޑު ވިޔަފާރީގައި ބޭނުން ކުރަމުން ދާކަމެވެ.
އަޅުގަނޑު މިދަންނަވަނީ ވިޔަފާރިވެރިންގެ މުދާ އިޝްތިހާރުކުރުމުގައި
އަންހެނުންގެ ހަށިގަނޑު ބޭނުން ކޮށްގެން އެމީހުންގެ މުދާ ވިއްކުމަކީ
ހަށިވިއްކުން ކަމުގައި ނުވާނެ ބާވައެވެ؟
މިކަމަކީ މިއަދު މުޅި ދުނިޔޭގައި ފެތުރިފައިވާ ވަބާއެކެވެ.
އަހަރުމެންގެ މައިންނާއި އަނބިން އަދި ކޮއްކޮއިންނާއި
ދައްތައިންކަމުގައިވާ އަންހެނުންނާ ދެކޮޅަށް އިޢުލާނު ކުރެވިފައިވާ
އަނިޔާވެރި ހަނގުރާމައެކެވެ. މިހަނގުރާމައިގައި އަނިޔާ ލިބެމުންދާ
އަޅުގަނޑުމެންގެ މުސްލިމު އުޚުތުންގެ ތަޞްވީރުތައް ބަލާލި ކޮންމެ
ދިމާލަކުން ފެންނާނެއެވެ. މާލޭގެ ކޮންމެ ހަތަރު އަނގޮޅިއެއްގައި
މިނިކަމެތި އަންހެނުންގެ ހަށިގަނޑު ދުނިޔަވީ ފައިދާއަށްޓަކައި
ވިކިފައިވާތަން ފެންނާނެއެވެ. އެންމެ ހިތާމަ ކުރަން ޖެހޭކަމަކީ
އަޅުގަނޑުމެންގެ ޤައުމީ ޓީވީ މިކަމުގައި ވަރަށް ކުރިޔަށް ގޮސްފައިވާ
ކަމެވެ. މިގޮތުން އިޝްތިހާރުގައި ބޭނުންކުރެވެނީ ވަކި ވައްތަރެއްގެ
މުދަލެއް ނޫނެވެ. ސިމެންތި،
ޔަންމާ އިންޖީނު،
ވަޑާންކުރުމަށް ބޭނުންވާ ކަރަންޓު ސާމާނު،
ލަކުޑި ،
ފެން
ޕަމްޕު ،
މޮހޮރު
މަރުތެއޮ،
މިހެން ގޮސް ޢިމާރާތް ކުރުމުގެ ސާމާނަށް ދާންދެން ވިއްކަމުން ދަނީ
އަންހެނުންގެ ހަށިގަނޑު އެވިޔަފާރީގައި ބޭނުން ކޮށްގެންނެވެ.
އެންމެހާ މުސްލިމު އުޚްތުންނޭވެ! ތިޔަކަނބަލުންނަކީ އެހާ
ދަށުފެވަރުގެ ބައެއް ނޫނެވެ. އިސްލާމް ދީނުގައި ތިޔަކަނބަލުންނަށް
ދީފައިވާ ޢިތްޒަތަކީ ވަރަށް މަތިވެރި ޢިތްޒަތެކެވެ. ހުރިހާ
ހާލެއްގައިވެސް އަންހެނުން ވަނީ ޙިމާޔަތް ކުރެވިފައެވެ.
ހަނގުރާމައިގެ ޙާލުގައިވެސް އަންހެނުން މެރުން ސަލާމާއި ޞަލަވާތް
ލެއްވި ކީރިތި ރަސޫލާ ވަނީ ނަހީކުރައްވާފައެވެ. ލިބިދާނެ
އަނިޔާއަކުން ސަލާމަތް ކުރުމަށްޓައި އަންހެނުން އެކަނި
ދަތުރުކުރުންވަނީ ނަހީ ކުރެވިފައެވެ. އަދި ކިއެއްތަ ކައިވެނީގެ
ޢަޤުދަކާއި ނުލާ ހިލޭ އަންހެނެއްގައި ބީހުންވެސް ވަނީ
ނަހީކުރައްވާފައެވެ. އަދި އެންމެ ހެޔޮ މީހަކީ އަނބީންނަށް އެންމެ
ހެޔޮ މީހާކަމުގައިވަނީ އަންގަވާފައެވެ. އަންހެނާ އަބަދުމެ ހުންނަނީ
މީހެއްގެ ޙިމާޔަތުގެ ދަށުގައެވެ. ހިލޭ ފިރިހެނުންގެ އަނިޔާވެރި
ވަކިތަކުން ކޫރުމެއްވެސް އެޅުނަ ނުދިނުމަށްޓަކައި ފިރިހެނުންނާއި
އެކަހެރި ނުވުމަށާއި،
އަންހެނުން އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުނުކުރުމަށާއި،
މީރުވަސް ދުވާ އަތަރާއި ސެންޓް ޖަހައިގެން ހިލޭ ފިރިހެނުންގެ ގާތަށް
ނުނިކުތުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ތުއި އަޑުން ހިލޭ
ފިރހެނުންނާ ވާހަކަދެއްކުން ވަނީ މަނާކުރެވިފައެވެ. ޒީނަތްތެރިކަން
ފާޅުކުރުމުގެ ގޮތުން އަންހެނުންގެ ފައިގައި އޮންނަ ތަކަހޮޅީގެ އަޑު
އިވޭވަރަށް ބިމުގައި ބާރަށް ފައިން ނުޖެހުމަށް ވަނީ އަމުރު
ކުރައްވަފައެވެ. މިހެންގޮސް ލިޔާނަމަ ވަރަށް ގިނަ
ވާހަކަލިޔެވިދާނެއެވެ. މިހުރިހާ ކަމެއްވެސް އަންގަވާފައިވަނީ
އަންހެނާގެ ޙިމާޔަތަށް ޓަކައެވެ. ފިރިހެނުންގެ ފަރާތުން ލިބިދާނެ
އަނިޔާއަކުން ސަލާމަތް ކުރެއްވުމަށްޓަކައެވެ.
ވިޔަފާރީގައި އަންހެނުންގެ ހަށި ބޭނުން ކުރުމަކީ މިއަދު
އަޅުގަނޑުމެން މުޅި ޤައުމު ސަމާލުކަމަށް ގެންނަން ޖެހޭކަމެކެވެ. އަދި
ޙައްލުކުރަން ޖެހޭ މުހިންމު މައްސަލައެކެވެ.
ވިޔަފާރިވެރީންނޭވެ! ތިޔަބައިމީހުންގެ މުސްލިމު އުޚްތުންނާމެދު މާތް
ﷲ އަށް ތަޤުވާވެރިވާށެވެ! އެކަނބަލުންގެ ޢިއްޒަތް ދުނިޔަވީ
ފައިދާއަކަށް ނަގައި ނުލާށެވެ! މިހަނގުރާމައިގައި އަނިޔާލިބިފައިވާ
އަހުރެމެންގެ އުޚުތުންނޭވެ! ތިޔަކަނބަލުންގެ ޢިތްޒަތާއި ކަރާމާތް
ދުނިޔަވީ މުދަކަށް ވިއްކާ ނުލާށެވެ! ތިޔަކަނބަލުންނަކީ ދުނިޔަވީ
މުދަލަކަށް ގަނެވޭ ވަރަށްވުރެ މާ އަގުބޮޑު ބައެކެވެ.
މާތް ﷲ
އަޅަމެންގެ މުސްލިމު އުޚްތުން މިއަނިޔާވެރިކަމުން ސަލާމަތް
ކުރައްވާށި! އާމީން.
-ނިމުނީ-
______________________________________________________
ނޯޓް:
މިލިޔުމަކީwww.manadhoolive.com
އިން
ނަގާފައިވާ ލިޔުމެކެވެ.
|