"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ތިބާއަށް އެނގޭތަ؟

މުޙައްމަދު ޝާފިޢު ހއ އިހަވަންދޫ

ތިބާގެ އުމުރު ކުރުވެ، އާޚިރަތާއި ދިމާއަށް ދަތުރުކުރަމުންދާކަން ތިބާއަށް އެނގޭހެއްޔެވެ؟ ތިބާގެ އުމުރުގައި ބާކީ އޮތީ ކިތައްދުވަސްކަން ތިބާއަށް އެނގޭހެއްޔެވެ؟ ތިބާއަށް ތިބާ މަރުވާނެ ވަގުތު  އެނގޭހެއްޔެވެ؟ އަހަރެމެންގެ އުމުރު ކުރުވަމުން ދާކަމާއި، އަދި އާޚިރަތާއި ދިމާއަށް އަހަރެމެން ދަތުރުކުރަމުން ދާކަން އަހަރެމެންނަށް އިޙްސާސް ނުކުރެވެއެވެ. އަހަރެމެންގެ ތެރެއިން ގިނަމީހުން މިވަނީ މަރު ހަނދާންކުރުމުން ދުރުހެލިވެފައެވެ. ނުވަތަ ޣާފިލުވެފައެވެ. މަރަށް ތައްޔާރުވުމަކީ ނެތްކަމެއްކަމަށް ހަދާފައެވެ.

އަހަރެމެން މަރުވާނޭ ކަމާއި އަހަރެމެންގެ ޢަމަލުތަކުގެ ހިސާބު ބައްލަވާނޭކަން އަހަރެމެން ޤަބޫލުކުރަނީ ނަމަ  އަހަރެމެން ތިބޭނީ ފަރުޟު ފަސްނަމާދު އަޅައިފައި ފިނިއަށިތަކުގައި ކުޅެން ހެއްޔެވެ؟ އަހަރެމެން ތިބޭނީ ﷲ ހަނދުމަކުރުމުން ދުރުވެ ޓީވީތަކުން ފޮނުވަމުންދާ ޝައިތާނީ ޗެނަލްތަކުގެ ތެރެއަށް ގެއްލިފައި ހެއްޔެވެ؟ ނުވަތަ އަޅުގަނޑުމެން އިންތިޒާރުކުރަމުން ދަނީ ނަމާދު ވަގުތުތައް ފިޔަވާ ކުޅިވަރުގެ ވަގުތުތަކަށް ހެއްޔެވެ؟ ނުވަތަ އަޅުގަނޑުމެންގެ މޯބައިލް ފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ މެމޮރީ ފުރިފައިވާނީ މިޔުޒިކާ، ލަވަޔާ އަދި ކާފަރު ،ބަރަހަނާ (އޮރިޔާން) ފޮޓޯތަކުން ހެއްޔެވެ؟ ނުވަތަ އަޅުގަނޑުމެންގެ ޅަދަރީންނަށް ދަސްކޮށްދޭނީ ކީރިތި ޤުރުއާނުގެ ބަދަލުގައި ލަވަޔާ މިޔުޒިކަށް ފައި ހަމަކޮށް އިސްޓޭޖުތައް ފަޅުފިލުވާނެ ގޮތްތައް ހެއްޔެވެ؟ ނުވަތަ އަޅުގަނޑުމެންގެ ހެދުންއެޅުން ހުންނާނީ މާތްﷲ އާއި އެކަލާންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމަ އެންގެވިގޮތާ ހިލާފަށް ޔޫރަޕް ސްޓައިލަށް ހެއްޔެވެ؟ ނުވަތަ އަޅުގަނޑުމެން ނަމޫނާއަކަށް ބަލަނީ މިއުއްމަތުގެ ރަސޫލާ ފިޔަވައި ރޮނާލްޑޯއާއި، ބެކަމްއާއި، ޖޯން އަބުރަހަމްއާއި، ޕްރިތީއާއި، ރާނީ މުކަރުޖީ ހެއްޔެވެ؟ 

ނޫނެކެވެ. އަހަރެމެން މަރުވާނެކަން އަހަރެމެންނަށް އިޙްސާސްކުރެވޭނަމަ އަހަރެމެންގެ ޢަމަލުތައް ހުންނާނީ އެހެނެއް ނޫނެވެ. އަހަރެމެން ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި އަދާކުރާނެއެވެ. އަޅުގަނޑުމެން ހުރިހާ ވަގުތެއްގައިވެސް ﷲ ހަނދުމަ ކުރާނެއެވެ. އަޅުގަނޑުމެން އިންތިޒާރު ކުރަމުންދަނީ ނަމާދު ވަގުތުތަކަށެވެ. އަޅުގަނޑުމެންގެ ފޯނުތަކާއި ކޮމްޕިޔުޓަރުތަކުގެ މެމޮރީ ފުރިފައި ވާނީ ކީރިތި ޤުރުއާނާއި، ދުޢާ ތަކާއި، ދީނީ ތަކެތީންނެވެ. އަޅުގަނޑުމެންގެ ޅަދަރީންނަށް ދަސްކޮށްދޭނީ ކީރިތި ޤުރުއާނުގެ ޢިލްމާއި އިސްލާމް ދީނުގެ ރިވެތި އުޞޫލުތަކެވެ. އަޅުގަނޑުމެން ހެދުން އަޅާނީ މާތްﷲ އާއި އެކަލާންގެ ރަސޫލާ ޞައްލަﷲ އަލައިހި ވަޞައްލަމަ އެންގެވި ގޮތަށެވެ. އަދި އަޅުގަނޑުމެން ނަމޫނާއަކަށް ބަލާނީ މިއުއްމަތުގެ މާތް ނަބީއްޔާއެވެ. ސުބުޙާނަﷲ .....!

އެކަމަކު ތިބާ ތިޔަހުރީ އުމުރުގައި ތަން އޮތްކަމަށް ހީކޮށް ކުޅިވަރާއި މަޖަލުގެ ތެރެއަށް ގެއްލި ހަލާކުވެފައެވެ. ޝައިތާނާ މުށުތެރޭގައިވާ ބޯޅައެކޭ ތިބާއެކޭ އެއްގޮތެވެ. އެސޮރު އެބޯޅައާއި ބޭނުން ގޮތަކަށް ކުޅެ އަނބުރާ ހަދާނެވެ. އަދި އެންމެފަހުން އެސޮރު އެބޯޅަ އެއްލައިލާނީ އަލިފާނަށެވެ. އާދެ ނަރަކަ އަށެވެ.

އޭ އަޅުގަނޑުގެ އެކުވެރި އަޚުންނާއި އުޚުތުންނެވެ. ހޭ އަރާށެވެ. ބުއްދިވެރިޔަކީ ކޮންމެ ދުވަހަކީވެސް ތިމާގެ އެންމެ ފަހުދުވަސްކަމުގައި ބަލައި ހެޔޮޢަމަލު ކުރުން ގިނަކޮށް، ނަހީތަކުން ދުރުވެ، ރައްކާތެރި ވެގެންވާ މީހާއެވެ. ތިބާގެ އުމުރުގައި ފަސްދޮޅަސް އަހަރު ނުވަތަ ސަތޭކަ އަހަރު ބަކީ އޮތްކަމަށް ނުދެކޭށެވެ. އޭގެބަދަލުގައި ކޮންމެ ވަގުތެއްގައި ތިބާ މަރުވެދާނެކަން ހަނދާންކޮށް ހެޔޮޢަމަލުކުރުން ގިނަކުރާށެވެ. ކުޅިވަރާއި މަޖަލުގައި ގިނަވަގުތު ހޭދަނުކުރާށެވެ. ﷲގެ ކޯފާއާއި އަޒާބުގެ ގޮވަތި ނަރަކައަށް ބިރުވެތިވާށެވެ. އަދި ގިނަގިނައިން މަރު ހަނދާން ކުރާށެވެ. އަވަހަށް ތަޢުބާވާށެވެ. ކީރިތި ޤުރުއަނާއި ސުންނަތުގައި ވަރުގަދައަށް ހިފަހައްޓާށެވެ. އޭރުން ތިބާ މަގުފުރެދިގެން ނުދާހުއްޓެވެ.

މާތްﷲ ތިބާއަށާއި، އެންމެހާ މުސްލިމުތަކުންނަށް ހެޔޮރަހުމަތް ލައްވާށި. އާމީން!

-ނިމުނީ-

dheenee-news@hotmail.com

blog stats

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)