|
އަހަރެންވެސް ގެންދޭ...
ތަރުޖަމާ:
އަޙްމަދު އަސްލަމް

ގޭތެރެ
ރަނގަޅަށް ސާފުކޮށްލުމަށް ފަހު ކާރުގެ އަޑީތެޔޮ ބަދަލުކޮށް
ހަދައިގެން ބާޒާރަށް ދިޔައީމެވެ. އަދި ގެއަށް ބޭނުންވާ ސާމާނުކޮޅެއް
ގަނެގެެން އެނބުރި އައި ތަނުން އަންހެނުން އެދުނީ ކުދިންކޮޅު
ގޮވައިގެން އެކުދިން ފުޓްބޯޅަ ފަރިތަކުރަން ސުކޫލަށް ލާން
ދިއުމަށެވެ. އަހަރެން ހުރީވެސް ވަރަށް ވަރުބަލިވެފައެވެ.
އެކަމަކުވެސް އަންހެނުން ބުނީމާ ދެން ދިއައީއެވެ.
އަހަރެން ކުދިންކޮޅު ސުކޫލަށް ލައިފާ އެނބުރި ގެއަށް އައިމަގުމަތީ
ވަރަށް ގަބޫލުކުރަންދަތި މަންޒަރެއް ފެނުނެވެ. ރޭލު ދުއްވާ މަގު
ހުރަސްކުރަމުން ދިޔަ ކާރެއް ރޭލުގައި ޖެހި ކާރު ވަރަށް ބޮޑަށް
ހަލާކުވެފައިވާތަނެވެ. އޭރު ރޭލު މަޑުވެސްނުކޮށް ގޮސް ލޯމަތިން
އޮބާލަނީއެވެ. އަހަރެންނަށް މިތަން ފެނުމުން މިހާރު މިކާރުގެ
ޑުރައިވަރު އޮންނާނީ ސަލާމަތުން ނޫންކަން ޔަޤީންކުރެވުނެވެ.
އަވަހަަށް އަހަރެންގެ ކާރު އެއްކައިރީގައި ޕާކުކޮށްލާފައި ކާރުން
ނުކުމެގެން ދުއްވައިގަތީ އެދިމާއަށެވެ. ކާރުގައި ދުއްވަން އިން
އަންހެންމީހާ އޮތީ މަރުވެފައެވެ. ގައިގެ އެތަން މިތަނަނުން ލޭ
ފައިބައެވެ. ދެން ފެނުނު މަންޒަރުން އަހަރެންގެ ދެ ލޮލުން ކަރުނަ
އޮހިގަތެވެ.
އެކާރުގެ ފަހަތުސީޓުގައި، ހަށިގަނޑުގެ އެކިތަންތަނުން
ޒަޚަމްވެފައިތިބި ދެ ކުދިން ތިއްބެވެެ. އަހަރެންނަށް ހީވާގޮތުން
އެކުދިންނަށް އަދިވާނީ 4 ވަރަކަށް އަހަރެވެ. އެއްކުއްޖަކު އޮތީ
މަރުވެފައި ހެންވެސް ހީވެއެވެ. ކުއްލިއަކަށް އެތަނުން ކިރިޔަ ކިރިޔާ
ނޭވާލެވޭ ހާލުގައި އޮތް ކުއްޖާ ވާހަކަދައްކަން ފެށިއެވެ.
"އަހަރެންގެ މަންމައާއި ދައްތަގެ ހާލު ރަނގަޅުތަ؟"
އަހަރެން އެތުއްތު ތުއްތު ކުޖާއަށް ބަލާލާފައި ބުނީމެވެ. "ކޮއްކޯ
އަހަރެންނަކަަށް ނޭނގޭ... މިތާ ކައިރީގައި އެބަހުރި ހޮސްޕިޓަލެއް
އެންމެން ހިނގާ އަވަހަށް ދާން"
ދެންހަމަ އެވަގުތު އެކުއްޖާ ރޮމުން ކިޔަންފެށިއެވެ. "އަހަރެންގެ
މަންމައާއި ދައްތަ އެކަނި ނުގެންދޭ އަހަރެންވެސް އެމީހުންނާއިއެކު
ގެންދޭ..."
އެކުއްޖާ އާދޭހުގެ ރާގުގައި ރޮމުންދިއައެވެ... އެކަމަކު ކޮންތާކަށް
ހެއްޔެވެ؟
އަހަރެން އެކުއްޖާއާއި ސުވާލު ކުރީމެވެ. ކޮއްކޮ ތި ވާހަކަދައްކަނީ
ކާކާހެއްޔެވެ؟
އެކުއްޖާ ރޮމުން ޖަވާބުދިނެވެ. ބޭބެއަކަށް ނުފެނޭތަ؟
ރީތި
މީހުންތަކެއް އެތިބަ އަހަރެން މަންމައާއި ދައްތައާއި ވާހަކަ
ދައްކަނީނުން!! އަހަރެންވެސް ބޭނުން މަންމައާއިއެކު ދާން...
މަންމައެހެރީ ދައްތަގެ އަތުގައި ހިފަހައްޓައިގެން އަހަރެންނާއި
ދިމާއަށް ހިނިތުންވެގެން... މަންމާ! އާދޭ އަހަރެން ބަލާ..!
އަނެއްކާވެސް އެކުއްޖާ ބާރަށް ރޯންފެށިއެވެ. އަހަރެންގެ ހައިރާންކަން
ދިއައީ އިތުރުވަމުންނެވެ. އަހަރެންނަކީ އެއްވެސް ދީނެއް އަދި
މަލާއިކަތުންވެސް ވާކަމަށް ގަބޫލުކުރާ މީހެއްނޫނެވެ. އެކަމަކު މީހުން
ކިޔާއަޑު ކޮންމެސް ވަރަކަށް އިވެއެވެ. އެހެނަސް މިފެންނަމުންދާ
މަންޒަރުތަކުން....
އަހަރެންގެ ހިތަށް އެރިއެވެ. އެބުނާ ރީތި ބަޔަކު އެއައީ
ކޮންތާކުންބާއެވެ؟
ހަމަކުއްލިއަކަށް އެކުއްޖާ ހޭންފަށައިފިއެވެ. އަދި މީހަކު ކުދިން
އުރަން އަތްދިއްކުރީމައި ދެމިގަންނަ ފަދައިން މައްޗަށް ދެއަތް
އުފުލާލިއެވެެ. އަދި އެތުއްތު ކުއްޖާ ހިނިތުން ވެފައިވާ މޫނަކާއި
އެކު ދެލޯ މަރާލިއެވެ. އާނއެކެވެ. އެކުޖާ މަރުވީއެވެ. އަހަރެންހުރީ
ހަދާނެ ގޮތެއް ކުރާނެ ކަމެއް ނޭނގިފައެވެ. ހައިރާންވެ
އަންތަރީސްވެފައެވެ. ޖަވާބު ނުލިބޭ ބައިވަރު ސުވާލު ތަކަކާއި
އެކުއެވެ.
އެތުއްތު ކުއްޖާ މަރުވާތަންފެނިފައި އަހަރެނެއް ދެރައެއް ނުވެއެވެ.
އަހަރެން ނޫން މީހަކަށް އެތަން ފެނުން ނަމަވެސް ދެރަ ނުވީސްކަން
ކަށަވަރެވެ. އެއީ އެކުއްޖާގެ މޫނުގައި އެވާ ހިނިތުންވުން ފެނުމުން
ދެރަވާނެ ފުރުސަތެއްނުލިބޭނެއެވެ. އަހަރެންނަށް އެތުއްތު ކުއްޖާ
އެކުއްޖާގެ މަންމައާއި އަދި ދައްތައާއި ބައްދަލުވިކަމުގެ އިހްސާސް
ކުރެވުނެވެ.
އެއީ
އަހަރެންގެ މުޅި ހަޔާތް ބަދަދުވެގެން ދިޔަ ދުވަހެވެ.
މާތް ﷲ ގެ ރަހުމަތުން މިއަދު އަހަރެންގެ މިކުޑަ އާއިލާއަކީ މުސްލިމް
ޢާއިލާއެކެވެ.
-ނިމުނީ- |