''ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކާމެދު ވަކި ގޮތެއް ނިޔާކުރައްވާފައި ވަނިކޮށް، އެބައިމީހުންގެ އެކަންތަކުގައި އެނޫންގޮތެއް ޚިޔާރުކުރުމަކީ މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިން އަންހެނަކަށް ވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ ހަމަކަށަވަރުން ބަޔާންވެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެއެވެ.'' سورة الأحزاب: 36

 
 

ޕްރޮފެސަރ ޢަބްދުﷲ ސަޢީދު ރޭގައި ދެއްކި ވާހަކަތަކަށް ވިސްނާލާއިރު...!

(ފުރަތަމަ ބައި)

    ޕްރޮފެސަރ ޢަބްދުﷲ ސަޢީދާއި ޑރ. ޙަސަން ސަޢީދު ލިޔެފައިވާ "Freedom of Religion, Apostasy and Islam" (އިސްލާމްދީނާއި މުރުތައްދުވުން އަދި ދީން ދީނުގެ މިނިވަންކަން)، މިފޮތާއިމެދު ޖަމްޢިއްޔަތުއް ސަލަފްއިން ދިރާސާއެއް ކޮށް، އެކަމާއި ގުޅޭ ގޮތުން ނެރުނު ޚުލާޞާ ރިޕޯޓާއި އޭގެ ޤަރާރާއި ވިދިގެން ޕްރޮފެސަރ ޢަބްދުﷲ ސަޢީދު އެއަށް ރައްދު ދެއްވާފައިވާ ވީޑިއޯއެއް، ރޭގައި ބޭއްވި ޑރ.ޙަސަން ސަޢީދުގެ ކެމްޕޭން ބައްދަލުވުމެއްގައި ވަނީ ދައްކާފައެވެ. އެހެންކަމުން އެވާހަކަތަކުގެ މައްޗަށް އަލިއަޅުވާލައި ޙަޤީޤަތް ފާޅުކުރުމަކީ އަޅުގަނޑުމެންގެ މައްޗަށްވާ ވާޖިބަކަށް ވީހިނދު އެކަމާއިގެން ﷲގެ ވާގިފުޅާއިއެކު އަޅުގަނޑުމެންގެ ގަލަން އުފުލާލަމެވެ.

މިހެން މިދަންނަވަން ޖެހުނު ސަބަބަކީ ތަކުރާރުކޮށް އޭނާ ވިދާޅުވަމުން ދިޔައީ  އެފޮތަކީ ރާއްޖެ ފިޔަވާ އެހެން އެއްވެސް އިސްލާމީ ޤައުމެއްގައި މަނާކޮށްފައިވާ ފޮތެއް ނޫން ކަމަށާއި އަދި އެއްވެސް އިސްލާމީ ޖަމާޢަތަކުން ނުވަތަ ޖަމްޢިއްޔާއަކުން އެފޮތަކީ ގޯސް ފޮތެއްކަން ބަޔާންކޮށްފައި ނުވާކަމެވެ. ކޮންމެއަކަސް އެއީ ވަރަށް ބޮޑު އޮޅުވާލުމެކެވެ. އެހެނީ އެފޮތުގެ ހުރި ދީނާއި ޚިލާފް ވާހަކަތައް ޢާއްމުކޮށް ބަޔާންކޮށްގެން މިއުޅެނީ ޖަމްޢިއްޔަތުއް ސަލަފް ކިޔާ ހަމަ އިސްލާމީ ޖަމްޢިއްޔާ އަކުންނެވެ. ޖަމްޢިއްޔަތުއް ސަލަފްއަކީ ޢަބްދުﷲ ސަޢީދާއި އަދި ޙަސަން ސަޢީދު ކިޔަވާ ވިދާޅުވި ގިނަ ޔުނިވާސިޓީތަކުން ތަޢުލީމު ޙާޞިލްކޮށްގެން ތިބި ޢިލްމުވެރިންތަކެއް ހިމެނޭ ޖަމްޢިއްޔާއެކެވެ.

ހަމައެހެންމެ ޖަމްޢިއްޔަތުއް ސަލަފްއިން ނެރުނު ބަޔާނުގައި ފާހަގަކޮށް އަލިއަޅުވާލާފައިވާ އެއްވެސް ނުޤުތާއަކަށް ޢިލްމީ ޖަވާބެއް ޤުރުއާނާއި ސުންނަތުން އެބޭފުޅާ ދައްކަވާފައެއް ނުވެއެވެ. މުޅީންވެސް ބަޔާން ކުރަމުން ދިޔައީ މިއީ ސިޔާސީ ފައިދާއަކަށްޓަކައި ބަޔަކު ކޮށްގެން އުޅޭ ކަމަކާއި އެފޮތުގެ ތަންތަންކޮޅު ނުބައިކޮށް ތަރުޖަމާކޮށްފައިވާ ވާހަކައެވެ. އެންމެ ރަނގަޅެވެ. ތަރުޖަމާ ކޮށްފައި ހުރި ތަންތަން ނުބައި ކަމުގައި ވީނަމަވެސް ދެން ހުރި ނުޤުތާތަކަށް ޢިލްމީގޮތުން ރައްދު ނުދެއްވީ ކީއްވެހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ. އެނުޤުތާތައް ދޮގުކޮށްފައެއްވެސް ނުވެއެވެ.

މީގެ މިޘާލެއްގެ ގޮތުން މުރުތައްދުވުމުން ޤަތުލު ކުރުމުގެ ޙުކުމަކީ މިޒަމާނާއި ނުގުޅޭ ބޯދާ ޚިޔާލެއްކަމުގައި ބުނުމާއި، އިސްލާމްދީނަށް ފުރައްސާރަކޮށް "ދަ ސަޓަނިކް ވާރސަސް" ލިޔުނު ސަލްމާން ރުޝްދީމެން ފަދަ މީހުން ދިފާޢުކުރެއްވުމުގެ ގޮތުން ދައްކާފައިވާ ވާހަކަތަކާއި، އުއްމަތުގެ ދަންނަބޭކަލުން ވެފައިވާ އިޖްމާޢުއަކާއި ޚިލާފުވުމަކީ އޭގެ ފަހުން އެއްވެސް ޒަމާނެއްގައި އެއްވެސް ޢިލްމުވެރިއަކަށް ޙަރާމް ކަމަކަށްވާއިރު މިމައްސަލާގައި އޮތް ދަންނަބޭކަލުންގެ އިޖުމާޢުއާއި، ޚިލާފަށް އޭނާ ބަޔާންކޮށްފައިވާ ވާހަކަތައް ހިމެނެއެވެ. މިއިން އެއްވެސް ކަމަކަށް ޤުރުއާނާއި ސުންނަތުން ދަލީލު ދައްކަވާފައެއް ނުވެއެވެ. އެހެންކަމުން ސިޔާސީ މަޤްޞަދުތަކަށްޓަކައި އެފޮތުގައިވާ ވާހަކަތަކާއި ޚިލާފަށް މިހާރު ދޮގު ހަދަމުން މިދަނީ ކޮންބައެއްކަން އެފޮތް ކިޔައިފި ކޮންމެ މީހަކަށް ނިކަން ރަނގަޅަށް އެނގި ޘާބިތުވެގެން ދާނެއެވެ.

އާދެ އެހެންކަމުން އެންމެ ފުރަތަމަ މިތަނުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ޢަބްދުﷲ ސަޢީދު މަދީނާގައި ކިޔަވަން އުޅުނު ދުވަސްވަރާއި ބެހޭ ގޮތުންނެވެ. ޢަބްދުﷲ ސަޢީދު މަދީނާގެ އިސްލާމިކް ޔުނިވާސިޓީއިން ކިޔަވާފައިވަނީ ޢަރަބި ބަހާއި ސެކަންޑަރީ ސްކޫލާއި އަދި އެއަށްފަހު ޙާޞިލްކޮށްފައިވަނީ ޢަރަބި ބަހުން މަތީ ތަޢުލީމު (ފުރަތަމަ ޑިގްރީ) އެވެ. ޢަބްދުﷲ ސަޢީދާއި އެކު އެދުވަސްވަރު މަދީނާ ޔުނިވާސިޓީގައި ކިޔަވަންތިބި ދިވެހި ބޭފުޅުންގެ ތެރޭގައި އިސްލާމީ ކަންތައްތަކާއި ބެހޭ މަތީ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ޝެއިޚް އަޙްމަދު ފާރޫޤް މުޙައްމަދާއި އައްޝެއިޚް އަބޫބަކުރު އިބްރާހީމްފަދަ ބޭބޭފުޅުން ހިމެނެއެވެ. މިފަދަ ބޭބޭފުޅުންގެ ކިބައިން އަޅުގަނޑުމެންނަށް އެނގި ކަށަވަރުވެފައިވާ ގޮތުގައި އޭރުވެސް ޢަބްދުﷲ ސަޢީދަކީ މަދީނާ ކަމުނުގޮސްގެން އަބަދުމެ ކަހަލަ ގޮތަކަށް ދޫ ނުހިފެހެއްޓިގެން އުޅޫ މީހެކެވެ. އަދި ހަމައެހެންމެ އިސްލާމީ ޙުކުމްތަކާއިމެދު ހިތްހަމަ ނުޖެހި ކަމުނުގޮސްގެން އެކަމާއިމެދު އެދުވަސްވަރުވެސް އިޢުތިރާޟުކޮށް ހަދާއުޅުއެވެ. މިކަންކަން ޔަޤީން ކުރަން ބޭނުންނަމަ އެބޭބޭފުޅުންނާއި ސުވާލުކޮށް އޮޅުން ފިލުވާށެވެ.

އާދެ އެއަށްފަހު ދެން އޭނާ ވަޑައިގަތީ އޮސްޓްރޭލިޔާއަށެވެ. ޕީއެޗްޑީ ޙާޞިލް ކުރުމަށްފަހު ޕްރެފެސަރަކަށް ވީވެސް ހަމަ އެތަނުގައެވެ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ ކަމެކެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ޔުނިވާސިޓީ ކަމުގައިވާ މަދީނާ އިސްލާމިކް ޔުނިވާސިޓީއިން މާސްޓާރސް ޑިގްރީއާއި ޕީއެޗްޑީ ޙާޞިލް ނުކުރައްވާ މުސްލިމުންނާއި އެހާމެ ޢަދާވާތްތެރި ކާފަރު ޤައުމެއް ކަމުގައިވާ އޮސްޓްރޭލިޔާއަށް ވަޑައިގަތީ ކީއްވެބާއެވެ؟ (ދާދި އިހަކަށް ދުވަހުވެސް ބީބީސީއިން އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ޚަބަރަކީ އޮސްޓްރޭލިޔާގެ ރަށެއްގައި މުސްލިމުން އެމީހުންގެ ދަރިންނަށް ކިޔަވައިދިނުމަށްޓަކައި ސްކޫލެއް އަޅަން ބިމެއް ގަނެ އެތަނުގައި ސްކޫލެއް އެޅުމުގެ މަސައްކަތް ކުރަން އުޅުމުން އެތަނުގެ ރައްޔިތުންނާއި ސަރުކާރުން އެކަން މަނާ ކުރި ކަމުގެ ޚަބަރެވެ.) އަދި ހަމައެހެންމެ އިސްލާމީ ދުނިޔޭގައި ބޮޑެތި ވަރުގަދަ އިސްލާމީ ޔުނިވާސިޓީތައް ވަނިކޮށް، ޢަބްދުﷲ ސަޢީދު ރޭގައި ވިދާޅުވިފަދައިން (އޭނާ ވިދާޅުވެފައިވަނީ މުޅި ޙަޔާތް ހޭދަ ކުރަމުން މިދަނީ ދީން ކިޔަވައި ދީނަށް ޚިދުމަތް ކުރުން ކަމުގައި) ދީން ކިޔެވުމަށްޓަކައި ކާފަރު ބަޔަކު ހިންގަމުންދާ ޔުނިވާސީޓީއަކަށް ދާންޖެހުނީ ކޮން ސަބަބުތަކަކަށްޓަކައިތޯއެވެ؟ މިކަމާއިމެދު ރަނގަޅަށް ވިސްނާ ފިކުރު ކުރައްވާށެވެ. ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވާ ފަދައިން ވިސްނާ ފިކުރު ކުރާ ބަޔަކަށް ހެކިތަކާއި ޢިބްރަތްތައް ވެއެވެ.

އާދެ ކޮންމެއަކަސް ޢަބްދުﷲ ސަޢީދު އޮސްޓްރޭލިޔާއަށް ދިއުމަށްފަހު ހަމަ އެދުވަސްވަރު ސުޢޫދީ ޢަރަބިއްޔާގައި ކިޔަވާ ވިދާޅުވެ އެތަނުގައި ދީނަށް ޚިދުމަތް ކުރެއްވުމުގައި ހުންނެވި ދިވެހި ލޮބުވެތި ރައްޔިތެއް ކަމުގައިވާ ޝެއިޚް ޖައުފަރު ފާއިޒު ގާތުގައި އޮސްޓްރޭލިޔާއަށް އައުމަށާއި އެތަނުގައި މާފަސޭހައިން ދިރިއުޅެވިދާނޭކަމަށް ވިދާޅުވެފައިވެއެވެ. ނުވަތަ އެވާހަކަ ބަޔާންކޮށް ސިޓީއެއް ފޮނުވާފައިވެއެވެ. މިވާހަކަ އަޅުގަނޑަށް ވިދާޅުވެދެއްވީ ޚުދު ޝެއިޚް ޖަޢުފަރެވެ. އެބޭފުޅާ އަދިވެސް ހުންނެވީ ސުޢޫދީ ޢަރަބިއްޔާގައެވެ. އެބޭފުޅާ އެތަނުގައި އުޅުއްވާތާ މިހާރު ފަނަރަ އަހަރު ވަނީއެވެ.

ދެން އެބޭފުޅާ ވިދާޅުވެފައިވަނީ ޢަރަބި އިސްލާމީ ޤައުމުތަކުގެ ވެރީންނާއި އަދި އެނޫންވެސް ސަފީރުންނާއި ވަފުދުތަކާއި އެކިއެކި ބޭކަލުންނާއި ގުޅުން އޮންނަ ވާހަކައެވެ. އަދި މިފޮތް ހަދިޔާކޮށް ހަދާ ވާހަކައެވެ. މިތަނުގައި އަޅުގަނޑުމެން ފާހަގަކޮށްލަން ޖެހެނީ މިހެން ހަދިޔާއަކަށް ލިބޭ ފޮތްތައް އެއީ ރަނގަޅު ފޮތެއްކަމުގައި ވިޔަސް ނުވަތަ  ނުރަނގަޅު ފޮތެއްކަމުގައި ވިޔަސް އެފަދަ ޙާލަތުގައި ކޮންމެ މީހަކުވެސް އެ ޤަބޫލުކުރާނޭ ކަމެވެ. މިޘާލަކަށް އެގޮތަށް ހަމަ ބައިބަލްގެ ނުސްޚާއެއްވެސް ހަދިޔާއަކަށް ލިބިދާނެއެވެ. އެހެންނަމަވެސް އެހަދިޔާ ޤަބޫލު ކުރުމަކުން އަދި އޭގެ މާނައަކީ އެފޮތެއް ރަނގަޅު ފޮތެއް ކަމުގައި ވުމެއް ނޫނެވެ. އަދި އެހެންނޫނަސް މިގޮތަށް ހަދިޔާއަކަށް ލިބޭ ހުރިހާ ފޮތްތައް އެފަދަ ބޭފުޅުން ވަޤުތު ހޯދައިގެން ކިޔާ ހަދާނެ ކަމަކީ ސިކުނޑިއަށް މާބޮޑަށް ޤަބޫލު ކުރެވޭ ކަމެއްވެސް ނޫނެވެ.

ދެން ވިދާޅުވަނީ އެފަދަ ޤައުމުތަކުގެ ޢިލްމުވެރިން އެފޮތް މަނާ ނުކުރާ ވާހަކައެވެ. ދުނިޔޭގައި މިހާރު ތިބި އެފަދަ ޤައުމުތަކުގެ ބޮޑެތި ދަންނަ ބޭކަލުންނަށް ބަލާލާއިރު އެބޭކަލުންނަކީ އިނގެރޭސި ބަސް ދެނެލައްވާ ބޭބޭކަލުންނެއް ނޫނެވެ. ވީމާ މިފޮތުގައި ލިޔެފައިވާ އެއްޗެއް އެބޭބޭކަލުންނަށް އެނގިވަޑައެއް ނުގަންނަވާނެއެވެ. އެނގިވަޑައިގަންނަވާނަމަ މަނާ ކުރައްވާނެކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ. އެހެނީ މިފޮތުގައި ބަޔާންކުރެވިފައިވާ ވާހަކަތަކަކީ އިސްލާމީ އުއްމަތުގައި އެކަމެއްގެ ޙުކުމް މަޝްހޫރު އަދި މިއުއްމަތުގެ ދަންނަބޭކަލުން ވެލައްވާފައިވާ އިޖުމާޢުއާއި ޚިލާފް ބުހުތާނު ދޮގު ވާހަކަތައް ކަމުގައި ވާކަމެވެ. އެހެންނޫންނަމަ އަޅުގަނޑު ހިތައް އަރަނީ ޢަބްދުﷲ ސަޢީދާއި ޙަސަން ސަޢީދު މިފޮތް ޢަރަބި ބަހުން ނުލިޔުއްވީ ނުވަތަ ޢަރަބި ބަހަށް ތަރުޖަމާ ނުކުރެއްވީ ކީއްވެތޯއެވެ؟ މިއީ ކުރުން ވަރަށް މުހިއްމު ސުވާލެކެވެ.

-ނުނިމޭ-

ޕްރޮފެސަރ ޢަބްދުﷲ ސަޢީދު ރޭގައި ދެއްކި ވާހަކަތަކަށް ވިސްނާލާއިރު...! (ދެވަނަ ބައި)

dheenee-news@hotmail.com

blog stats

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)