|
ޕްރޮފެސަރ ޢަބްދުﷲ
ސަޢީދު ރޭގައި ދެއްކި
ވާހަކަތަކަށް ވިސްނާލާއިރު...!
(ދެވަނަ ބައި)
ކޮންމެއަކަސް މިބައިގާވެސް ﷲ ތަޢާލާގެ ވާގިފުޅާއިއެކު އަޅުގަނޑުމެން
މަސައްކަތް ކުރާނީ ޕްރޮފެސަރ ޢަބްދުﷲ ސަޢީދު ދެއްކެވި ބައެއް
ވާހަކަތަކުގެ މައްޗަށް އަލިއަޅުވާލާ އެކަންކަމުގެ ޙަޤީޤަތް ދިވެހި
އެންމެހައި ލޮބުވެތި އަޚުންނާއި އުޚްތުންނަށް ބަޔާންކޮށްދިނުމަށެވެ.
އަދި ހަމައެހެންމެ ފޮތުގެ އަނެއް މުޞައްނިފު ކަމަށްވާ ޑރ.ޙަސަން
ސަޢީދު، ދީނީ ކަންކަމާއިމެދު ގެންގުޅުއްވާ އުޞޫލުތަކާއި
ކުރައްވާފައިވާ ބައެއް ކަންކަމަށްވެސް މިލިޔުމުގައި އަލިއަޅުވާލެވޭތޯ
ބަލާނަމެވެ.
ދެ ސަޢީދުންގެ މިފޮތާއި ބެހޭގޮތުން ޕްރޮފެސަރ ޢަބްދުﷲ ސަޢީދު
އެންމެ ހަރުއަޑުން ވިދާޅުވާ އެއްވާހަކައަކީ މިފޮތް ދުނިޔޭގެ އެހެން
އެއްވެސް ޤައުމެއްގައި މަނާ ނުކުރާ ވާހަކައާއި އަދި ބައެއް އިސްލާމީ
ބައެއް ޤައުމުތަކުގެ މުޤައްރަރުގެ ތެރޭގައި މިފޮތް ކިޔަވާދެމުންދާ
ވާހަކައެވެ. ޚާއްޞަކޮށް ސުޢޫދީ ޢަރަބިއްޔާ ފަދަ ޤައުމުތަކުން މިފޮތް
މަނާ ނުކުރާ ވާހަކައެވެ. މިލިޔުމުގެ ފުރަތަމަ ބައިގާ މިވާހަކައަށް
ކޮންމެވެސް ވަރަކަށް އަލިއަޅުވާލެވިފައިވާނެއެވެ.
އާދެ އަޅުގަނޑުމެން އެންމެން ދަންނަ ޙަޤީޤަތަކީ ދުނިޔޭގެ
އެތަންމިތަނުގައި މުސްލިމުންގެ ނަމުގައި ތިބެ، އެތައް ބަޔަކު
އިސްލާމްދީނުގެ ނަމުގައި ދީނާއި ޚިލާފު އެތައް އެއްޗެއް ލިޔެ
ފޮތްތަކުގެ ޞިފައިގައާއި އަދި އެނޫންވެސް ގޮތްގޮތަށް ފަތުރަމުން
ދާކަމެވެ. މިގޮތަށް ފަތުރަމުންދާ ހުރިހާ ތަކެއްޗަކީ މުސްލިމުންގެ
ބޮޑެތި ޢިލްމުވެރިންނަށް އެނގިގެން ފަތުރަމުންދާ ތަކެއްޗެއް ނޫނެވެ.
އަދި ކިއެއްހެއްޔެވެ. މިފަދަ ގިނަ ތަކެތި ލިޔެވިފައި ހުންނަނީވެސް
އިނގެރޭސި ބަހުންނެވެ.
ކޮންމެއަކަސް އަޅުގަނޑުމެން އެންމެން ދަންނަ ޙަޤީޤަތަކީ މިފަދަ
ފޮތްތައް ޤައުމުތަކުން މަނާކުރަނީ އެޤައުމުތަކަށް މިފަދަ ފޮތްތައް
އެތެރެކޮށް ވިއްކާ ނުވަތަ ބަހާ ހަދަމުންދާނަމައެވެ. އެހެންނޫންނަމަ
ގިނަ ފަހަރަށް މިފަދަ ފޮތެއް ލިޔެވިފައި އޮތް ކަމެއްވެސް އެފަދަ
ޤައުމުތަކުގެ ދަންނަބޭކަލުންނަށް އެނގިވަޑައެއް ނުގަނެއެވެ.
(މިފުރުޞަތުގައި އަދި ބަޔާންކޮށްލަމެވެ. މިހާރު އަޅުގަނޑުމެން މިދަނީ
މިފޮތް ސުޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީއަށާއި އަދި އެތަނުގައި
ތިއްބެވި ބޮޑެތި ޢާލިމުންނަށް އަރުވައި މިފޮތާއި ގުޅޭގޮތުން ވަކި
ޙުކުމެއް ބަޔާންކޮށްދެއްވުމަށް އެދި މަސައްކަތް ކުރަމުންނެވެ. އަދި
ހަމައެހެންމެ މިހާރު މިފޮތްވަނީ ޢަރަބި ބަހާޢި އިނގެރޭސި ބަސް
ރަނގަޅަށް ދެނެވަޑައިގަންނަވާ އަދި ދީނީ ޢިލްމުން މަތީ ތަޢުލީމު
ޙާޞިލް ކުރައްވާފައިވާ ބޭފުޅުން ކަމުގައިވާ ޑރ.ބިލާލް ފިލިޕްސް ފަދަ
ބޭބޭފުޅުންނަށް ހުށައަޅާފައެވެ. އަދި މީގެ އިތުރުން ޔޫރަޕާއި
އެމެރިކާގައި އިސްލާމްދީނަށް ގޮވާލެއްވުމުގައި
މަޝްހޫރުވެވަޑައިގެންފައިވާ ދާޢީންކަމުގައިވާ ޑރ.ޔޫސުފް އެސްޓެސްއާއި
ޝެއިޚް ޢަބްދުއްރަޙީމް ގްރީންއާއި ޝެއިޚް ޚާލިދް ޔާސީން ފަދަ
ބޭބޭފުޅުންނަށްވެސް މިހާރުވާނީ މިފޮތުގެ ވާހަކަ ދެންނެވިފައެވެ.
އަޅުގަނޑުމެންނަށް ޚަބަރު ލިބިފައިވާ ގޮތުން ޖަމްޢިއްޔަތުއް ސަލަފުން
ނެރެފައިވާ ޚުލާޞާ ރިޕޯޓާއި ޤަރާރަކީވެސް އެބޭބޭފުޅުންގެ ގާތުން
ލަފާއާއި މަޝްވަރާ ކުރެއްވުމަށްފަހު ނެރެފައިވާ ފޮތެކެވެ.)
އިސްލާމްދީނުގައި މުރުތައްދުވާ މީހުންނަށް މަރުގެ އަދަބު
ކަނޑައެޅިފައި އޮންނަ ޙުކުމަކީ ޒަމާނުއްސުރެވެސް އަޅުގަނޑުމެން
ދިވެހިންގެ ތެރޭގައި މަޝްހޫރު އަދި އެންމެންނަށްހެން އެކަމުގެ ޙުކުމް
އެނގި ބަޔާންވެފައިވާ ޙުކުމެކެވެ. ކޮންމެއަކަސް އެފޮތުގެ ދިފާޢުގައި
ޢަބްދުﷲ ސަޢީދު ވިދާޅުވާ އަނެއް ވާހަކައަކީ އެފޮތަކީ އިސްލާމީ ބައެއް
ޤައުމުތަކުގައި ކިޔަވާދޭ މުޤައްރަރުގައި ހިމެނޭ ފޮތެއް ކަމުގައެވެ.
އެހެންނަމަވެސް އެބޭފުޅާ މިކަމަށް އެއްވެސް ހެއްކެއް އަދި
ޤަރީނާއެއްވެސް ދައްކަވާފައެއް ނުވެއެވެ. އެހެންކަމުން އެފޮތް
ކިޔަވާދޭ އެންމެ އިސްލާމީ ޔުނިވާސިޓީއެއް ނުވަތަ ސްކޫލެއް ނުވަތަ
މަދަރުސާއެއްގެ ނަންވިޔަސް ބަޔާންކޮށްދެއްވުމަށް ގޮވާލަމެވެ.
(ފަހަރެއްގައި އެވިދާޅުވާ ސްކޫލްތަކަކީ އިސްލާމީ ޤައުމެއްގައި ހުރި
ނަޞާރާ ދީނުގެ ނުވަތަ ޔަހޫދީ ދީނުގެ މަދަރުސާއަކަށް ވުން އެކަށީގެން
ވެއެވެ.)
އާދެ މިފޮތުގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވުމުން ޑރ.ޙަސަން
ސަޢީދު ވިދާޅުވެފައިވަނީ އެފޮތަކީ ޢިލްމީ މަސައްކަތެއް ކަމާއި
އެފޮތަށް ޢިލްމީ ގޮތުން ދެވޭ ކޮންމެ ރައްދަކަށް މަރުޙަބާ ކިޔާނޭ
ވާހަކައެވެ. އެހެންނަމަވެސް ޢިލްމީގޮތުން އެފޮތުގައި ހުރި ވާހަކަތައް
ބަޔާންކޮށް އެވާހަކަތައް ފޮތެއްގެ ޞިފައިގާ ނެރުމުން މިހާރު ދެ
ސަޢީދުންވެގެން މަސައްކަތް ކުރަމުން އެދަނީ އެކަން ކުރި ފަރާތުގެ
އަގުވައްޓާލުމަށްޓަކައި ސިޔާސީ ފައިދާތަކެއް ކުރުމަށްޓަކައި ބަޔަކު
ކޮށްގެން އުޅޭ ކަމެކޭ ބުނެ، އަދި އެފޮތުގައިވާ ޢިބާރާތްތައް
ނުބައިކޮށް ތަރުޖަމާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވައި މިފަދަ
އެތައް ވާހަކަތަކެއް ދައްކަމުންނެވެ. އެދެބޭފުޅުންނަށް
ޖަމްޢިއްޔަތުއް ސަލަފް ފަރާތުން ނެރެފައިވާ ޚުލާޞާ ރިޕޯޓުގައިވާ 45
ނުޤުތާގެ ތެރެއިން އެއްވެސް ޕޮއިންޓަކަށް، އަދި ހަމަ އެއްވެސް ޢިލްމީ
ރައްދެއް ދެވިފައެއް ނުވެއެވެ.
ކޮންމެއަކަސް އެދެބޭފުޅުން އެދައްކަވާ ވާހަކަފުޅަކީ
ޙަޤީޤަތްކަމުގައިވާނަ އަދި އެދެބޭފުޅުން ލިޔުއްވި ފޮތަކީ އެހާމެ ބޮޑު
ޢިލްމީ މަސައްކަތެއް ކަމުގައިވީހިނދު އެފަދަ ފޮތެއްގެ ފޮނި މީރުކަން
ދިވެހި ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ފޮތް ލިޔުނު
ފަހުން މިވީހާ ދުވަހެއްގައި އެފޮތް ދިވެހި ބަހަށް ތަރުޖަމާ ނުކޮށް
އޮތީ ކީއްވެތޯ މިއީ އުފެދޭ ސުވާލެކެވެ. އެހެންކަމުން މިހާރު
އެބޭފުޅުން އެދައްކަވާ ވާހަކަފުޅުތަކަކީ ޙަޤީޤަތްކަމުގައިވާނަމަ،
ވީހާވެސް އަވަހަކަށް އެފޮތް ދިވެހި ބަހަށް ތަރުޖަމާ ކޮށްދެއްވުމަށް
ގޮވާލަމެވެ.
ޕްރޮފެސަރ ޢަބްދުﷲ ސަޢީދުގެ ވާހަކަތަކަށް އަލިއަޅުވާލާއިރު އެފޮތުގެ
އަނެއް މުޞައްނިފު ކަމަށްވާ ޑރ.ޙަސަން ސަޢީދުގެ ވާހަކަތަކަށްވެސް
އަލިއަޅުވާލުމަކީވެސް ހަމަ ކޮންމެހެން ލާޒިމުކަމެކެވެ. ޙަސަން
ސަޢީދަކީ ސަރުކާރުގެ ބަންޑާރަ ނައިބަކަށް ހުންނެވި އިރު
އަޅުގަނޑުމެންގެ އަޚް އަލީ ރަމީޒު ނެރުއްވި "ޔާރައްބަނާ" މަދަހަ
ސީޑީގެ ސަބަބުން ދައުލަތުގެ ފަރާތުން ހަސަން ސަޢީދު އިސްވެރިއަކަށް
ހުންނަވައިގެން އެމައްސަލަ ކޯޓަށް ހުށައެޅުއްވި ބޭކަލެކެވެ. ތިޔަ
އެންމެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން އެމަދަހަ
ސީޑީގެ ސަބަބުން ﷲގެ ރަޙްމަތާއި އެކު މުޅި ރާއްޖެއަށް ބުރުޤާ
ފެތުރިގެން ދިޔައެވެ.
ކޮންމެއަކަސް ހަމަ އެބޭފުޅާ ބަންޑާރަ ނައިބަކަށް ހުންނަވައިގެން ވަނީ
މޫނު ބުރުޤާ މަނާ ކުރެވޭތޯވެސް ވަރަށް މަސައްކަތް ކޮށްފައެވެ. އަދި
ދީނަށް އުޅޭ މީހުންނަކީ ޙައްދުފަހަނައަޅާފައިވާ މީހުން ކަމުގައި ބުނެ
އެފަދަ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް މަސައްކަތް
ކޮށްފައިވެއެވެ. އަދި މަދީނާއާއި ޕާކިސްތާނުން ކިޔަވައިގެން އަންނަ
ބޭފުޅުންނަކީ ޙައްދުފަހަނައަޅާފައިވާ މީހުންކަމަށް ވިދާޅުވެ
އިނގެރޭސިވިލާތުގެ ނޫހެއް ކަމުގައިވާ ޓެލެގްރާފްއަށް 01 އޮކްޓޯބަރ
2007 ގައި އިންޓަވިޔުއެއް ދީފައިވެއެވެ. މިކަންކަމަކީ ތިޔައިގެ
ތެރެއިން އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެންފައި އޮންނާނެ ކަމެއް
ނޫނެވެ.
މިކަންތައްތައް މިހެން ހުއްޓައިވެސް ޓީވީއާއި ރޭޑިއޯއިން
އެބޭފުޅާއަށް ތާޢީދު ކުރާ ބޭފުޅުން، އެބޭފުޅާއަކީ ވަރަށް ދީންވެރި
ބޭފުޅެކޭ ބުނާތީ އަޅުގަނޑުމެން ހަމަ އަންތަރީސްވެއެވެ. އެބޭފުޅާގެ
ދީނީ ޢިލްމީ ފެންވަރު މިދާކަށް ދުވަހު ޔޫޓިއުބް އިން ޢާއްމުވި
އެބޭފުޅާ ޑީއާރުޕީގެ ޖަލްސާއެއްގައި ދެއްކެވި ވާހަކަތަކެއްގެ
ވީޑިއޯއިންވެސް ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން އެވީޑިއޯގައި
ޤުރުއާނުގެ އާޔަތްތަކާއި ކީރިތި ރަސޫލާގެ ޙަދީޘްފުޅުތައް ކިޔަން
ނޭނގިގެން އުޅުނުތަން ވަރަށް ރަނގަޅަށް ވަނީ ފެނިގެން ގޮސްފައެވެ.
ދެން ކޮންމެއަކަސް އަޅުގަނޑުމެން މާ ވާހަކަ ދިގުކުރާކަށް ނެތީމެވެ.
އަޅުގަނޑުމެން ތައްޔާރު ކުރި މިލިޔުމުގެ ދެބައިގާވެސް ޤުރުއާނާއި
ސުންނަތުން ދަލީލު ނުދައްކައި ދުނިޔެވީ ދަލީލުތަކުން ދަލީލު
ދައްކާފައިމިވަނީ އެބޭފުޅުން ދެއްވާފައިވާ ރައްދުތަކުގައިވެސް
އެއްވެސް ޢިލްމީ ކަންފުޅެއް ނުވާތީއެވެ. ޢިލްމީގޮތުން ޤުރުއާނާއި
ސުންނަތުން ދަލީލު ދެއްކެވިނަމަ އަޅުގަނޑުމެންވެސް އެބޭފުޅުންނާއި
މުޤާބަލާ ކުރެއްވީހީ ހަމަ ޤުރުއާނާއި ސުންނަތުގެ ދަލީލުތަކުންނެވެ.
ކުރީގައި އަޅުގަނޑުމެން ހީކުރީ ޕްރޮފެސަރ ޢަބްދުﷲ ސަޢީދަކީ އެބޭފުޅާ
އެޤަބޫލުކުރާ ކަންތައްތަކުގައި އެބޭފުޅާގެ ކޮޅަށް ވަރަށްވަރުގަދަ
ދަލީލާއި ޙުއްޖަތް ދައްކަވާނޭ ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް
އެބޭފުޅާވެސް އެވިދާޅުވަނީ ހަމަ ޢުމަރު ނަޞީރުވެސް ވިދާޅުވި
ވަރަށެވެ. ޢުމަރު ނަޞީރު ވިދާޅުވީ އެފޮތަކީ ދީނާއި ޚިލާފް ފޮތެއް
ކަމުގައެވެ. ޢަބްދުﷲ ސަޢީދު ވިދާޅުވަނީ އެފޮތުގައި ދީނާއި ޚިލާފް
ވާހަކައެއް ނޯންނާނެކަމަށެވެ. އެބޭފުޅާ ދައްކަވާ ވާހަކާގައި
ޤުރުއާނާއި ސުންނަތުން ހަމަ އެއްވެސް ދަލީލެއް ނުދައްކަވައެވެ.
-ނިމުނީ- |