''ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކާމެދު ވަކި ގޮތެއް ނިޔާކުރައްވާފައި ވަނިކޮށް، އެބައިމީހުންގެ އެކަންތަކުގައި އެނޫންގޮތެއް ޚިޔާރުކުރުމަކީ މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިން އަންހެނަކަށް ވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ ހަމަކަށަވަރުން ބަޔާންވެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެއެވެ.'' سورة الأحزاب: 36

 
 

ރައީސް އޮފީހުން ނެރެފައިވާ ޤުރުއާން ތަރުޖަމާގެ އާޔަތްތަކުގައި، ވަރަށް ބައިވަރު ލިޔުމުގެ ކުށް ހުރުމުން އެތަރުޖަމާ އެގޮތަށް ގެންގުޅުން ހުއްދަ ނުވާނެ ކަމަށް ޖަމްޢިއްޔަތުއް ސަލަފުން ބަޔާންކޮށްފި.

ރައީސް އޮފީހުން އެންމެ ފަހުން ނެރުނު ޤުރުއާން ތަރުޖަމާ، ޖަމްޢިއްޔަތުއް ސަލަފުން ބަލާ ތަޙްޤީޤު ކުރުމަށްފަހު، އެތަރުޖަމާގެ އާޔަތްތަކުގައި (ޢަރަބި ނައްޞުތަކުގައި) ވަރަށް ބައިވަރު ލިޔުމުގެ ކުށް ހުރުމުން، އެތަރުޖަމާ އެގޮތަށް ގެންގުޅުން ހުއްދަނުވާނެކަމަށް ބަޔާންކޮށްފިއެވެ.

ޖަމްޢިއްޔަތުއް ސަލަފްގެ ވެބްސައިޓުގައި ބަޔާންކޮށްފައިވާ ގޮތުން އެތަރުޖަމާގެ ވަރަށް ގިނަ އާޔަތްތަކުގައި "ن" (ނޫނު) ހިމެނޭ ތަންތަނުގައި، ނޫނުގެ މަތީގައި އޮންނަ ނުޤުތާ ލިޔެވިފައި ނުވާކަމަށް ބަޔާންކޮށްފައިވެއެވެ. އެސައިޓުގައި އެކުށް ހުރި ބައެއް އާޔަތްތަކުގެ ނަމްބަރުވެސް ބަޔާންކޮށްފައިވެއެވެ. މިގޮތުން ބަޤަރާ ސޫރަތުގެ 133 ވަނަ އާޔަތުގަ އާއި، ނަބާ ސޫރަތުގެ 12 ވަނަ އާޔަތުގައާއި އަދި 40 ވަނަ އާޔަތުގައާއި، ޢަބަސަ ސޫރަތުގެ 5 އަދި 36 ވަނަ އާޔަތުގައާއި، މުޠައްފިފީން ސޫރަތުގެ 27 ވަނަ އާޔަތުގައާއި، ފަޖުރު ސޫރަތުގެ 24 ވަނަ އާޔަތުގައާއި، ޝަމްސު ސޫރަތުގެ 5 ވަނަ އާޔަތުގައާއި، ލައިލް ސޫރަތުގެ 6،8،9 އަދި 11 ވަނަ އާޔަތުގައާއި، ހުމަޒާ ސޫރަތުގެ 4 ވަނަ އާޔަތުގައާއި، މަސަދު ސޫރަތުގެ 2 ވަނަ އާޔަތުގައާއި، ތަޣާބުން ސޫރަތުގެ 6 ވަނަ އާޔަތުގެ ދެ ތަނެއްގައާއި، ފުއްޞިލަތު ސޫރަތުގެ 33 ވަނަ އާޔަތުގައާއި، ތަޙްރީމް ސޫރަތުގެ 11 ވަނަ އާޔަތުގެ ދެތަނެއްގައި، އެކުށް ހިމެނޭކަމަށް ބަޔާންކޮށްފައި ވެއެވެ. މިކަން ބަޔާންކޮށް، އެތަރުޖަމާގައި އެކުށް ހިމެނޭ އެއްތަނުގެ ފޮޓޯވެސް ހިމެނިފައިވެއެވެ.

ފޮޓޯ 1:

 

(ރައީސް އޮފީހުން ނެރުނު ތަރުޖަމާގައި ވާ ގޮތް)

ފޮޓޯ 2:

(އެ كلمة، قرآن ގައި އޮންނަގޮތް)

މިކަމާއި ގުޅިގެން ޖަމްޢިއްޔަތުއް ސަލަފްގެ ވެބްސައިޓުގައި ބަޔާންކޮށްފައިވެއެވެ. "ޖުމްލަކޮށް ބުނާއިރު ކީރިތި ޤުރުއާނުގެ މިޗާޕުގައި މިފަދަ ހުރިހާ "ن" ނޫނުތައް މިހާ ގިނަ އަދަދަކަށް ވެއްޓިފައި ވުމާއި، އެންމެ ނުޤުތާއެއް ބަދަލުވިޔަސް ތިލާވަތަށާ އަދި މާނައަށްވެސް ބަދަލު އަންނާތީ މިޕްރިންޓު އިޞްލާޙު ނުކޮށް ބޭނުން ކުރުން ހުއްދަނުވާނެކަމަށް ޖަމްޢިއްޔަތުއްސަލަފުން ދިވެހިރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަންގާ އިޢުލާނު ކުރަމެވެ. އަދި ކީރިތި ޤުރުއާން ޢާންމުކޮށް ނެރުމުގައި ފަރުވާތެރިކަމާއެކު ކުށްހުރިތޯ ބަލާ މުރާޖަޢާ ނުކޮށް ނެރުމީ ކީރިތި ޤުރުއާނަށް ކުރެވޭނެ އިހާނެތި ކަމެއްކަމުގައިވެސް މިޖަމްޢިއްޔާއިން ދެކެމެވެ. އަދި މިހާރު އަވަށު އޮފީސްތަކާއި ރަށްރަށުގެ އޮފީސްތައް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަހަމުންދާ ބެހުން ވަގުތުން ހުއްޓަވާލައްވާ މި އާޔަތްތައް މުޅި ކީރިތި ގުރުއާނުން ފަރުވާތެރިކަމާއެކު މުރާޖަޢާކޮށް އިޞްލާޙު ކޮއްފައި މެނުވީ ދިވެހިރާއްޖޭގައި ނުގެންގުޅުމަށްވެސް މި ޖަމްޢިއްޔާއިން އިލްތިމާސް ކުރަމެވެ. އަދި މިސްކިތްތަކުގައި ބެހެއްޓިފައިވާ ނުސްޚާތައް ނެންގެވުމައްވެސް އިލްތިމާސް ކުރަމެވެ."

ޖަމްޢިއްޔަތުއް ސަލަފްގެ ރައީސް، އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ޚަބަރުދެއްވި ގޮތުގައި މަތީގައި ބަޔާންވެ ދިޔަ ތަންތަން ނޫން އެހެން އެތައް ތަނެއްގައިވެސް އެކުށް ތަކުރާރުވެފައިވެއެވެ. އެހެންކަމުން މިހާރު އެބޭފުޅުން އެތަރުޖަމާ ވަރަށް ރަނގަޅަށް ދިރާސާ ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި ރައީސް އޮފީހުން އެނެރުނު ތަރުޖަމާގައި، ދިވެހި ތަރުޖަމާގެ ކުށް ހުރިތޯއާއި އަދި ނުބައިކޮށް ތަރުޖަމާކޮށްފައިވޭތޯ ބެލުމަށްޓަކައި ޖަމްޢިއްޔަތުއް ސަލަފްގެ ފަރާތުން ދަނީ ބަލާ ދިރާސާ ކުރަމުންނެވެ.

ކޮންމެއަކަސް މިކަމާއި ގުޅިގެން (މިއަދު ޑީއާރްޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި) މުޙައްމަދު ޤުބާދު އަބޫބަކުރު ދެއްކެވި ވާހަކަތަކަށް ހަވާލާދީ ހަވީރު ނޫހުގައި ބަޔާންކޮށްފައި ވަނީ، އެތަރުޖަމާގައި ބައެއް ކުށް ހުރިކަމަށް ޤަބޫލު ކުރާކަމަށާއި އެއީ ބައެއް އާޔަތްތަކުގައި ނޫނުގައި ސުކުނެއް މަދުވެފައިވާ މަދުވުން ކަމަށެވެ.

އެހެންނަމަވެސް އެއްވެސް ޙާލެއްގައި ނޫނުގައި މަދުވެފައިވަނީ ސުކުނެއް ނޫނެވެ. ނުޤުތާއެކެވެ. އެކަން މަތީގައި ބަޔާންކުރެވިފައިވާ ފޮޓޯއިންވެސް ސާފުކޮށް ފެންނަން އެއޮތީއެވެ.

ވީމާ ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިންވެސް އަޅުގަނޑުމެން އެދެނީ މިކަމަށް ރަނގަޅަށް ސަމާލުވެ ވަޑައިގަތުމަށެވެ. އަދި އެތަރުޖަމާތައް އަނބުރާ ސަރުކާރާއި ޙަވާލުކޮށް، އެކުށްތައް އިޞްލާޙު ކުރެވިފައިވާ ތަރުޖަމާތައް ލިބިގަތުމަށެވެ. އެހެނީ މިފަދަ ކަމަކީ މިއަދު ކުޑަކުޑަ ކަމެއްކަމުގައި އަޅުގަނޑުމެން ދެކުނު ކަމުގައި ވިޔަސް ވަރަށް ބޮޑު އަދި ނުރައްކާތެރި ކަމެކެވެ. މިޘާލަކަށް އަޅުގަނޑުމެންގެ ދަރީންގެ ދަރީންނަށް މިފޮތްތައް ވާރުތަވާ އިރު އެގޮތަށް ނުބައިކޮށް އޮވެއްޖެނަމަ އެމީހުންނަށް އެއިން ރަނގަޅު ވަކި ކުރަން ނޭނގި އޮޅުންއެރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެއްބަޔަކު މިފޮތުގައި މިއޮތީ ރަނގަޅަށް ކަމަށް ދަޢުވާ ކުރުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ.

މިކަމާއިމެދު އަޅާ ނުލާ ފަރުވާކުޑަކޮށްލުމަކީ އަޅުގަނޑުމެން ފާފަވެރިވެދާނޭފަދަ ކަމެކެވެ. އެހެނީ އެހެން ފޮތްތަކާއި ޚިލާފަށް (އެއީ ޢަރަބި ބަހުން ނުވަތަ ދިވެހި ބަހުން ނުވަތަ އެހެން ބަހަކުން ލިޔެވިފައިވާ ފޮތެއް ކަމުގައި ވީނަމަވެސް)، މިފޮތަކީ އެހުރިހައި އެއްޗަކާއި ތަފާތު އެއްޗެކެއެވެ. އެހެނީ މިއީ ﷲ ގެ ކަލާމްފުޅެވެ. ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކެވެ. އެހެންކަމުން މިފޮތުގައި ބައިވަރު ކުށް ހުރެމެ، އެކަމަށް އަޅާ ނުލާ ދޫކޮށްލުމަކީ އެފޮތާއިމެދު ވެވޭ އިހާނާތަކަށް މެނުވީ ނުވެއެވެ.

-ނިމުނީ-

dheenee-news@hotmail.com

blog stats

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)