|
ސާދަވަނަ ޤަރުނުގެ ބޯދާ ޚިޔާލާއި މިޒަމާން.
ލިޔުއްވީ:
ޢަބްދުﷲ ނަޢީމް އިބްރާހިމް.
24 މާރޗް 2009،
އަންގާރަ.

ޑިމޮކްރަސީއަކީ ރައްޔިތުންގެ ވެރިކަމެކެވެ. ރައްޔިތުންގެ
ވެރިކަމެއްގައި އޮންނާނީ ރައްޔިތުންގެ ބާރެވެ. ރައްޔިތުން ބޭނުން
ވާހަކައެއް ދެއްކޭނެއެވެ. ޚިޔާލު ފާޅުކުރެވޭނެއެވެ. އެކަމަކު ޚިޔާލު
ފާޅުކުރަމުން ގޮސް އިމުން ބޭރުވުމަކީ ޑިމޮކްރަސީއެއްގައިވެސް އޮންނަ
ގޮތެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ޚާއްޞަ
ޢިނާޔަތްތަކެއް ލިބިވަޑައިގެން ތިއްބަވާ ބޭފުޅުން ކޮޅެކެވެ.
މަޖިލީހުގައި ދައްކަވާ ވާހަކަފުޅަކުން އެބޭފުޅުންގެ މައްޗަށް
ޝަރީޢަތެއް ހިންގުމަކީ ރާއްޖޭގެ ޤާނޫނު އަސާސީ މަނާކުރާ ކަމެކެވެ.
އެކަމަކު ރާއްޖޭގައި ޤާނޫނު އަސާސީއަށްވުރެ މާވަރުގަދަ އެއްޗެއް އެބަ
އޮތެވެ. އެއީ އިސްލާމްދީނެވެ. ކީރިތި ޤުރުއާނެވެ. ﷲގެ ޤާނޫނެވެ.
ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި
އިސްލާމްދީނުގެ އުޞޫލުތަކާ ޚިލާފަށް ހެދޭ ކޮންމެ ޤާނޫނެއް
ބާޠިލުވާނެއެވެ. އެހެންވީމާ މިއީ ޤާނޫނު އަސާސީވެސް އެއްބަސްވާ
ކަމެކެވެ.
އެކަމަކު
މިހާރަކަށް އައިސް އިސްލާމްދީނުގެ ހަމަތަކާ ޚިލާފަށް ނުވަތަ
އިސްލާމްދީން ހުއްދަ ނުކުރާ ގޮތްގޮތަށް ރައްޔިތުންގެ މަޖިލީހުގެ
ބައެއް މެންބަރުން ވާހަކަފުޅު އެބަދައްކަވައެވެ. މިފަދަ
ވާހަކަފުޅުތައް ހުއްޓުވުމަކީ މަޖިލީހުގެ ރިޔާސަތުން ކުރައްވަން ޖެހޭ
ކަމެއްކަމަށް ފެނެއެވެ.
އިއްޔެ
ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް، މީހަކު ޢުމުރުން
ނުވަ އަހަރުގެ ކުއްޖަކާ އިނަސް، ތިމަންގެ ދަރި އެޢުމުރުގައި މީހަކާ
ނުދެވާނަމޭ، މަޖިލީހުގެ މެމްބަރަކު ވިދާޅުވިއެވެ. އެވިދާޅުވާ މީހަކީ
(އެމެންބަރަކު ކިތަންމެ ވަރުގަދަ ދަލީލުތަކެއް ދެއްކެވި ކަމުގައި
ވިޔަސް) އަޅުގަނޑުމެންގެ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި
ވަސައްލަމް އެވެ.
މިއީ
ވަރަށް ހިތާމަހުރި ކަމެކެވެ. ކީރިތި ރަސޫލާގެ ވާހަކަ އެގޮތަށް
ދެއްކުމަކީ އެއްވެސް މީހަކަށް ދެއްވާފައިވާ އިޚްތިޔާރެއް ނޫނެވެ.
ރަސޫލާއަކީ އާދައިގެ އިންސާނެއް ނޫނެވެ. އަޅުގަނޑުމެންގެ މުޅި
ސަލާމަތް ބިނާވެފައި އޮންނަނީ އެކަލޭގެފާނުގެ ރިސާލަތުގެ މައްޗަށެވެ.
އެކަލޭގެފާނަށް އިހާނެތި ބަހެއް ރައްދު ކުރާ މީހަކީ ތައުބާ ލައިދޭން
ޖެހޭ މީހެއް ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ތައުބާ ލައިދިނީމާ
ޤަބޫލުނުކޮށްފިނަމަ އެމީހަކީ މުސްލިމް ޖަމާޢަތުން ބޭރުވެފައިވަ
މީހެކެވެ.
ދެން
އިއްޔެގެ ޖަލްސާގައި އިވިގެން ދިޔައީ ޣައިރު މުސްލިމުންގެ ތެރެއިން
ވަރަށް ގިނައިން އިވެމުންދާ ވާހަކައެކެވެ. އެއީ ސާދަވަނަ ޤަރުނުގެ
ބޯދާ ޚިޔާލުގެ ވާހަކައެވެ. މިވާހަކަ މިގޮތަށް ރާއްޖޭގެ ވަރަށް
ފުންނާބު އުސް ބޭފުޅެއް ކަމަށްވާ ކުރީގެ އިންފޮމޭޝަން މިނިސްޓަރު
މުޙައްމަދު ނަޝީދުވެސް ވަނީ އޭނާގެ ބްލޮގްގައި ލިޔުއްވައިފައެވެ.
މީގެ ސާދަސަތޭކަ އަހަރުގެ ބޯދާ ޚިޔާލުގެ މައްޗަށް ކަންތައް
ބިނާކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށް އޭނާވެސް
ދެކެވަޑައިގަނެއެވެ. އިއްޔެ މާލޭގެ ޢިއްޒަތްތެރި މެންބަރު އިބްރާހިމް
އިސްމާޢީލް ވިދާޅުވީ، ސާދަވަނަ ޤަރުނުގެ ވިސްނުން ގެންގުޅޭ ބަޔަކު
މިހާރުވެސް ޢުމުރުން އެންމެ ސާދަ އަހަރުގައި އަންހެން ދަރިން މީހުނާ
ދެވަން ރުހޭ ކަމުގައެވެ.
މިއީ
ހަމަގައިމުވެސް އަޅުގަނޑުގެ ހިތަށް ވަރަށް ހިތި އަސަރުތަކެއް ކުރި
ވާހަކަފުޅުތަކެކެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. އަޅުގަނޑުމެން
މިއީ މީގެ ސާދަ ސަތޭކަ އަހަރުގެ ބޯދާ ޚިޔާލުގެ މައްޗަށް ދިރިއުޅުން
ބިނާކޮށްގެން އުޅޭ ބައެއް ބާވައެވެ؟ ނުވަތަ އިސްލާމްދީނުން
ގޮވައިލަނީ ސާދަވަނަ ޤަރުނުގެ ޚިޔާލުތަކުގެ މައްޗަށް ދިރިއުޅުން
ބިނާކުރަން ބާވައެވެ؟
އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އަޅުގަނޑުމެންނަށް އަންގާފައިވަނީ
ޤުރުއާނާއި ސުންނަތުގައި ހިފާށެވެ. އެއީ ސާދަވަނަ ޤަރުނުގެ ބޯދާ
އެއްޗެއް ނޫނެވެ. އެއީ މިއަދުގެ އެއްޗެކެވެ. މިހާރުވެސް
އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އެއްޗެކެވެ. ދީނުގެ ވާހަކަ
ބާއްވާފައި އެހެން ޢިލްމަކަށް ބަލާއިރު، އަޅުގަނޑުމެން ހިފަނީ ހަމަ
މިއަދު ނެރުނު ހަމަތަކެއްގައި ބާވައެވެ؟ އަޅުގަނޑުމެން ފިޒިކްސްގެ
ހަމަތަކެއް ކަމަށް ޤަބޫލުކުރާ ހަމަތަކަކީ 2009 ވަނަ އަހަރުގެ
ހަމަތަކެއްތޯއެވެ؟ ބިމުގައި ދަމާބާރު ހުންނަކަމަށް އަޅުގަނޑުމެން
ޤަބޫލުކޮށްގެން މިތިބީ އެއީ ނިވްޓަން ދާދި އިހަށްދުވަހު ހޯދައި
ޢާއްމު ކުރި ނަޒަރިއްޔާއަކަށް ވާތީތޯއެވެ؟ އަޅުގަނޑުމެން އަޅުކަން
ކުރާ ދަރަޖައަށް ތަބާވާ ޑިމޮކްރަސީއަކީ އިހަށްދުވަހުގެ
ނަޒަރިއްޔާއެއްތޯއެވެ؟ އެއީ އިސްލާމްދީނަށް ވުރެ މާކުރީގެ "ބޯދާ"
ނަޒަރިއްޔާއެކެވެ.
އަޅުގަނޑުމެން ކަމެއް ޤަބޫލުކުރަނީ އެކަމެއްގެ މައްޗަށް އޮންނަ
އީމާންކަމެއްގެ ސަބަބުންނެވެ. އީމާންކަން އުފެދެނީ، އެކަމެއް
ސާބިތުވުމުންނެވެ. ތެދެއްކަން ކަށަވަރުވާފަދަ ހެކިތަކެއް
ހުރުމުންނެވެ. އެއީ ތެދުކަމަށް ހިތުގައި ބިންވަޅު ނެގުނީމައެވެ.
އެހެންކަމަށްވާނަމަ، ކީރިތި ޤުރުއާނާއި ސުންނަތަކީ ތެދުކަމަށް
ޤަބޫލުކުރާ މީހަކު އެއިން ސާބިތުވާ ކަމަކާ ދެކޮޅެއް ނުހަދާނެއެވެ.
ސާދަސަތޭކަ
އަހަރުގެ ކުރީގެ ވާހަކަތައް ޤަބޫލުކުރަން ރަނގަޅު ނޫންކަމަށް
އަޅުގަނޑުމެން މުސްލިމުންގެ ބޮލަށް ވައްދައިދޭން މަސައްކަތް ކުރާ
މީހުން ތިބީ އެއަށްވުރެ މާކުރީގެ ވާހަކަތަކެއް ޤަބޫލުކޮށްގެންނެވެ.
އެކަމަކަު ދެރަކަމަކީ އަޅުގަނޑުމެން މުސްލިމުން އެމީހުންގެ މަޅީގައި
ވަރަށް ރަނގަޅަށް ޖެހޭކަމެވެ.
މިސާލަކަށް
ތުނބުޅީގެ ވާހަކަ އަޅުގަނޑުމެން ދައްކަނީވެސް ބޮޑު ހަޖުލަކަށް
ހަދައިގެންނެވެ. އެކަމަކު ފިރިހެނުންގެ ތުނބުޅި ފަޅާކަމީ
ޙަޤީޤަތެކެވެ. އަޅުގަނޑުމެން ތުނބުޅި ބަހައްޓަނީ ގަދަކަމުން
ދިގުކޮށްގެނެއް ނޫނެވެ. އެއީ ޓެޓު ޖަހާހެން ކުރާކަމެއް ނޫނެވެ. ﷲގެ
ޑިޒައިނާ އެއްގޮތަށް ފަޅާ އެއްޗެކެވެ. އެކަމަކު އެއީވެސް ސާދަސަތޭކަ
އަހަރުގެ ބޯދާ ގޮތަކަށް އަޅުގަނޑުމެން ހަދަނީއެވެ. އަޅުގަނޑުމެންގެ
ބޮލަށް ތުނބުޅިއާ ބެހޭގޮތުން ވަހުމް ވައްދާ މީހުން ޤަބޫލުކުރާ، ދީނީ
ބޭބޭފުޅުންގެވެސް ތުނބުޅި ހުއްޓެވެ. ކްރިސްޓިއަނުން ޤަބޫލުކުރާ
ގޮތުގައި ޢީސާ ޢަލައިހިއްސަލާމަކީ ކަލާނގެ ދަރިކަލެކެވެ. ނަޢޫޛު
ބިއްލާހި. ޚުދު އެމީހުން ކުރަހާ ކުރެހުމުގައި އެކަލޭގެފާނުގެ
ތުނބުޅިފުޅު ހުރެއެވެ. ޔަހޫދީން ޤަބޫލުކުރަނީ އެންމެ ފަހުގެ ރަސޫލަކީ
މޫސާ ޢަލައިހިއްސަލާމް ކަމަށެވެ. ޚުދު އެމީހުން ތަޞައްވަރު ކުރާ މޫސާ
ޢަލައިހިއްސަލާމްގެ ތުނބުޅިފުޅު ހުރެއެވެ. އެކަމަކު އެމީހުން
މަސައްކަތް ކުރަނީ ތުނބުޅިއަކީ އަޅުގަނޑުމެންގެ ރަސޫލާ މުޙައްމަދު
ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އީޖާދެއް ކަމަށް މުސްލިމުންގެ ބޮލަށް
ވަައްދައިދޭށެވެ. ތުނބުޅިއަކީ އެކަލޭގެފާނުގެ އީޖާދެއް ނޫނެވެ.
އެކަލޭގެފާނު ވަޑައިގެންނެވި އިރުވެސް ފިރިހެނުންގެ ތުނބުޅި
ހުރެއެވެ.
ތުނބުޅީގެ
ވާހަކަ މިދެންނެވީ އެއީ ދީނުގައި ކިހިނެއް އޮންނަ ކަމެއްތޯ ސާބިތު
ކުރުމުގެ ގޮތަކުންެނެއް ނޫނެވެ. އެއޯ އަޅިގަނޑުގެ ކަމެއް ނޫނެވެ.
ތުނބުޅި ދިގުކުރަން ޖެހޭތޯ ނުވަތަ ނޫންތޯ އެއީ އެއީ އަޅުގަނޑުގެ
ބަހުސެއް ނޫނެވެ. އަޅުގަނޑު ދަންނަވަން މިމަސައްކަތްކުރީ
އިސްލާމްދީނަކީ ސާދަވަނަ ޤަރުނު ބޯދާ ޚިޔާލެއް ނޫނޭއެވެ.
އިސްލާމްދީނަކީ ބޯދާ ޚުރާފާތްތައް ނައްތާލި ދީނެވެ. ފަޤީރުވެދާނެ
ކަމަށް ބިރުން އަންހެން ދަރިން ދިރިތިއްބާ ވަޅުލުން މަނާ ކުރި
ދީނެވެ. އަންހެނުންނަށް އެމީހުންގެ ޙައްޤުތައް ހޯދައިދިން ދީނެވެ.
އަމިއްލަ އަތުން ހަދާ ބުދުތަކަށް އަޅުކަން ކުރުން ހުއްޓުވި ދީނެވެ.
އެހެންވީމާ
ތިމާގެ މޮޅުކަން ދައްކަން، ނުވަތަ މިޒަމާނުގެ ޚިޔާލުތަކަށް
ތާޢީދުކުރާކަން ދައްކަން އަމިއްލަ ބިންގަލަށް ލޮޅުން އަރުވަން
މަސައްކަތް ކުރުމަކީ މޮޔަ ކަމެކެވެ. މިހާރުގެ ސްޓައިލަކީ ދީނަށް
ފުރައްސާރަ ކުރުން، އެއީ ޒަމާނީ ތަހުޒީބުކަމަށް ބެލުމެވެ. ނޭވަޔަކު
ދެކޮޅު ކޮންމެވެސް މީހެއްގެ އަބުރާ ބެހެމުންގޮސް އެންމެ ފަހުން
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އާ ހަމައަށްވެސް ދިޔައީއެވެ.
ބޮޑުވެ ތަޞައްރަފު ފުދުނީމާ މީހަކާ އިނުމުގެ އިޚްތިޔާރު
އިސްލާމްދީނުގައި ދީފައި އޮންނަނީ ކިހިނެއްތޯ، އެކަމުގެ ހަމަތައް
ހުންނަ ގޮތަކީ ކޮބައިތޯ ނުބަލައި، ދެކޮޅު ހެދުންވެސް ނުވަތަ
އެއްބަސްވުންވެސް ވާނީ ބޯދާ ކަމަކަށެވެ. ޙަޤީޤަތުގައި ބޯދާ ކަމަކީ
ނޭނގި ތިބެ ވާހަކަ ދެއްކުމެވެ. މިޒަމާނުގެ ގޮތަކީ ކަންތައް އޮތްގޮތް
ބަލައި، ތަޙްޤީޤުކޮށް ހެދުމަށްފަހު ވާހަކަ ދެއްކުމެވެ. ތަނެއް ދޮރެއް
ނުބަލައި ހިތަށް އެރިހައި ގޮތަކަށް ވާހަކަ ދެއްކުމެއް ނޫނެވެ.
-ނިމުނީ-
______________________________________________________
ނޯޓް: މިލިޔުމަކީ
24 މާރޗް 2009ގެ އާފަތިސް ނޫހުގެ 'މަޅުމަތި' ކޮލަމްއަށް އަލްފާޟިލް
ޢަބްދުﷲ ނަޢީމް އިބްރާހިމް ލިޔުއްވާފައިވާ ލިޔުމެކެވެ.
|