"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރުން.

މީހުން މަރުވެގެން ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް އޮތްތޯ ބެލުމަށާއި ނުވަތަ ކަށުނަމާދުގައި ކުރުމަށްޓަކައި އިޢުލާނުކުރާ އިޢުލާނުކުރުމުގައި އަޅުގަނޑުގެ ލޮބުވެތި މިވެނިމީހެއް މިވެނި ތާރީޚެއްގައި މިވެނި ވަޤުތެއްގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފިޔޭ ކިޔާ އަޑަކީ ރޭޑިޔޯއިން ވަރަށް ގިނައިން އިވޭ އަޑެކެވެ. އަހަރެން ކުޑައިރުގައި، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިޔޭ ރޭޑިޔޯއިން ކިޔާ އަޑު އިވުމުން ހީކުރެވިފައި އޮންނަނީ، އެމީހާ ކޮންމެސް ޤައުމަކަށް ދަތުރުކުރީ ކަމަށެވެ. ނުވަތަ ކޮންމެވެސް ތަނަކަށް ދަތުރުކުރީ ކަމަށެވެ. އަދި ބައެއް ފަހަރަށް ހިތަށް އަރައެވެ. ދަތުރުކުރިކަމަށްވާނީ މަތިންދާ ބޯއްޓެއްގައެވެ. ނުވަތަ ކަނޑުމަގުން ބޯޓެއްގައެވެ. ދަރަންޏާއި ވަޞިއްޔަތަކީ ކޮންއެއްޗެއް ކަމެއްވެސް އޭރަކު ނޭނގެއެވެ. އެހެން އެކިޔަނީ މީހުން މަރުވުމުންކަން އެނގުނީ ހަތްވަނަ ކިލާހުގައި ކިޔަވަން އުޅެނިކޮށެވެ.

އަޞްލު ޙަޤީޤަތުގައި މީހަކު މަރުވުމަށްފަހު އެމީހާ ފުރަތަމަ އެދަތުރުކުރަނީ ދެމިއޮތުމުގެ ޢާލަމަކަށް ނޫނެވެ. އެމީހާ އެދަތުރުކުރަނީ ބަރުޒަޚުގެ ޢާލަމަށެވެ. ބަރުޒަޚަކީ މަރުވުމަށްފަހު އަލުން ދިރުއްވަންދެން އެދެމެދުގައިވާ މަރުޙަލާއެވެ. ބަރުޒަޚުގެ ޢާލަމަކީ އަބަދަށް ދެމިގެންދާ ޢާލަމެއް ނޫނެވެ. ދެމިއޮތުމުގެ ޢާލަމަކީ އަލުން ދިރުއްވުމަށްފަހު ސުވަރުގެ ނުވަތަ ނަރަކާގައި މީހާ ވުމެވެ.

އެހެންކަމުން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުން މިޢިބާރާތް މިގޮތަށް ބޭނުންކުރެވިދާނެބާއެވެ؟ އެ ޢިބާރާތް ބޭނުންކުރަނީ މަރުވުމަށްކަމުގައި ވިޔަސް އެއިން އެހެން މާނައެއް ދޭހަވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. އަދި އެދޭހަވާ މާނައަކީ އަހުލުއްސުންނާ ވަލްޖަމާޢާތުގެ ޢަޤީދާއާ ފުށުއަރާ މާނައެކެވެ. އެހެންކަމުން މިޢިބާރާތުގެ ބަދަލުގައި "ނިޔާވެއްޖެއެވެ"، މިހެން ބޭނުންކުރަމާތޯއެވެ.

 -ނިމުނީ-

_____________________________________________________

ނޯޓް: މިލިޔުމަކީ http://mohamedshafiu.blogspot.com އިން ނަގާފައިވާ ލިޔުމެކެވެ.

dheenee-news@hotmail.com

blog stats

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)