|
"މިލިޔުން ނުކިޔާތި! ސަބަބަކީ މިލިޔުމަކީ
ވައްހާބީއަކު ލިޔެފައިވާ ލިޔުމެއް. އެމީހުންނަކީ
މީގެ ސާދަ ސަތޭކަ އަހަރުގެ ކުރީގެ ވިސްނުން
ގެންގުޅޭބައެއް!"
ލިޔުނީ:
މުޙައްމަދު ސިރުޙާން

ތިބާ ކުރަމުންދަނީ ހާދަހާ ޢަޖައިބު ކުރަނިވި
ކަމެކެވެ. އަހަރެން މިލިޔުން ނުކިޔާށޭ ބުނުމުން
ވެސް ތިޔަދަނީ ކިޔަމުންނެވެ. އަހަރެންނަށް ތިބާ
މިލިޔުން ކިޔަމުންދާ ސަބަބެއް ނުވަތަ ނިޔަތެއް
ނޭނގެއެވެ. އެކަން އެންމެ މޮޅަށް
ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. ރަނގަޅެވެ.
ކަންކަން ދިރާސާކޮށް ބަލަންޖެހޭނެއެވެ.
މައްސަލައެއް ނެތެވެ. ކިޔާހިތްވަންޏާ ކުރިއަށް
ދާށެވެ.
އިންސާނުންގެ ގާތަށް ރަސޫލުބޭކަލުން
ފޮނުއްވުމުން،
އެބޭކަލުންނަށް ކާފިރުވި މީހުންވެސް ބުނަނީ އެ
ރަސޫލުންގެ ވާހަކަތައް އަޑު ނޭހުމަށެވެ. އެފަދަ
ވާހަކަތައް އަޑުނާހާންވެގެން އޭގެ ތެރެއިން
ބަޔަކު ކަންފަތަށް އެއްޗިހި ކޮއްޕާވެސް
އުޅުނެވެ. އެއީ އެބައިމީހުން އެގޮތަކަށް ހޭނި،
ޒަމާނުންސުރެ ޢަމަލުކުރަމުން އަންނަ ގޮތް ބަދަލު
ކުރަން ޖެހިދާނެތީއެވެ.
ރަސޫލުބޭކަލުންނަށް ކާފިރުވި މީހުން،
އެ ރަސޫލުބޭކަލުންނަކީ ސިޙުރުވެރިން ކަމަށާއި
ސިޙުރުޖެހިފައިވާ ނުވަތަ މޮޔަވެފައިވާ
ބައެއްކަމަށް ބުނެއުޅުނެވެ. މި ގޮތަށް ނަން ނަން
ކިޔުމުން އެބައިމީހުންގެ ހިތްތަކަށް ފިނިކަން
ލިބެއެވެ. މިއީ ހުރިހާ މުޖުތަމަޢުތަކުންވެސް
ފެންނަ އާދައެކެވެ. މިސާލަކަށް މިރާއްޖޭގައިވެސް
މީހަކު ގަވާއިދުން މިސްކިތަށް ދާންފަށައިފިނަމަ
ނުވަތަ ތުނބުޅި ދިގުކުރަން ފަށައިފިނަމަ،
އެފަދަ މީހަކަށް ވައްހާބީ ކިޔައި
ތައްގަނޑުޖެހިދެއެވެ. އެހެން ކިޔުމުން އެ
ކިޔާބައެއްގެ ހިތަށް ފިނިކަން ލިބިދެއެވެ.
ކަންކަމަށް ނަން ކިޔުމަކީ ގޯސް ކަމެކޭ
ނުބުނަމެވެ. ނަމަވެސް ރަނގަޅު ކަންކަމަށް ގޯސް
މާނަ ދޭހަވާ ނަން ކިޔުމާއި،
ނުބައި ކަންކަމަށް ރަނގަޅު މާނަ ދޭހަވާ ނަން
ކިޔުމަކީ ޝައިޠާނާގެ ކަމެކެވެ. މިފަދަ ގޮތް
ގޮތަށް އަހަރެމެންނަށް ނަންނަމުގެ މާނަ
އޮޅުވާލުމުގައި ޝައިޠާނާ ދަނީ ވަރަށް ހީވާގިކޮށް
މަސައްކަތްކުރަމުންނެވެ. މިސާލަކަށް ނަމާދޭ
ބުނެފިނަމަ އަހަރެމެންނަށް،
ވިސްނެނީ މުސްކުޅިވުމުން ކުރަން ޖެހޭ
ކަމެއްކަމަށެވެ. ޒަކާތޭ ބުނެފިނަމަ ވިސްނެނީ
މުއްސަނދި މަހުޖަނުން ކުރަން ޖެހޭ ކަމެއް
ކަމަށެވެ.
ޢަވްރަ ނިވާކުރުމޭ ނުވަތަ ހެދުން ލުމޭ ބުނުމުން
ވިސްނެނީ ގަޔަށް ބާރުކަމުން ނޭވާލާން އުނދަގޫ
ވާވަރުގެ ހެދުމެއް ލުމުން ޢަވްރަ ނިވާވީ
ކަމަށެވެ. އަންތަރީސްވާކަމަކީ ތިމާގެ
އުފަންދުވަހަށް،
ތިމާގެ ހެދުމުގެ އެތެރޭން ލާ ހެދުމުގެ
ނަމްބަރުގެ ހެދުން ގެކައިރީ ފާރުބުރިމަތީ ތިބޭ
ޕާޓޭންވެސް ގެނެސްދޭތީއެވެ.
ޝައިޠާނާ މިވަނީ އަހަރެމެން ވޯޓުލައިގެން
ހޮވާފައިވާ މަޖިލީހުގެ މެންބަރުންނަށް ވެސް
އޮޅުވާލާފައެވެ. ނުވަތަ އެ މެންބަރުން ފުރިހަމަ
ސުންނީ މުސްލިމުންނޭ ކިޔައިގެން އަހަރެމެންނަށް
އޮޅުވާލައި،
ގިނަ ވޯޓް ހޯދައިގެން މަޖިލީހަށް
ވަދެގަނެފައެވެ. މަޖިލީހަށް ހޮވުމުން އެމީހުން
ދަނީ މަޖްލީސްގެ ޖަލްސާތަކުގައި އިސްލާމްދީނާއި
އަހަރެމެންގެ ލޮބުވެތި ނަބިއްޔާއަށް
ހުތުރުވާގޮތަށް ކުފުރުގެ ބަސްތައް ގޮވަމުން،
އިސްލާމްދީނުގެ ޙުކުމްތަކަށް ފުރައްސާރަކޮށް
މަލާމާތްކުރަމުން އިސްލާމީ ޝަރީޢަތުގެ ޙުރުމަތް
ކަނޑަމުންނެވެ.
އޭ ދިވެހި މުސްލިމު އަޚުންނާއި އުޚުތުންނޭވެ!
އަހަރެމެން ރަނގަޅަށް ވިސްނައި
ފިކުރުކުރަންވެއްޖެއެވެ. ނޫންނަމަ އަހަރެމެންގެ
އަމިއްލަ ކަރަށް މިއޮއްގެން ވަޅިހެރެނީއެވެ.
ރައްޔިތުންގެ މަޖިލީހަކީ އެތާގައި ދެކެވޭ
ވާހަކައިގެ މައްޗަށް ޝަރީޢަތެއް ހިންގޭ ތަނެއް
ނޫނެވެ. މަޖިލިހަށް ވަނަކަސް ތިމާ ގަލަން
އުފުލިގެންވާ މީހުންގެ ތެރެއިން އަދި ނުވެއެވެ.
އެތާގައި ދެކެވޭ ވާހަކަތަކުގެވެސް ހިސާބު
ޤިޔާމަތް ދުވަހުން ބެލެވޭނެވެ. މަޖިލިސްތެރޭގައި
ވެސް މަޖިލިހުން ބޭރުގައިވެސް ތިމާއަކީ
މުސްލިމެއްކަމުގައި ހުންނަން ބޭނުން ނަމަ
އިސްލާމްދީނުގެ ޙުދޫދުގެ ތެރޭގައި
ހުންނަންޖެހެއެވެ.
ޝައިޠާނާ އަހަރެމެންނަށް މާނަ އޮޅުވާލާފައިވާ
އަނެއް ބަހަކީ "މަރުވުން" މިއެވެ. މަރުވުމޭ
ބުނެފިނަމަ ވިސްނެނީ މުސްކުޅިވުމުން ވާނެ
ކަމެއްކަމަށެވެ. އަހަރެމެންގެ ލޯމަތީގައި
ތުއްތުކުދިންނާއި ޒުވާނުން މަރުވަމުން
ދާއިރުވެސް މަރަކީ އަހަރެމެންނާ ވަރަށް ދުރުގައި
ވާ އެއްޗެއްކަމަށް އަހެރެމެންނަށް ހީވެއެވެ.
މީހަކު އަމިއްލައަށް މަރުވެއްޖެއޭ ނުވަތަ
މަރާލައިފިޔޭ ބުނުމުން ވެސް މިޒަމާނުގައި
އަހެރެމެންނަށް ވިސްނެނީ ނޭފަތުގައި އިން
މެއްސެއް ފޮޅާލުން ހެންނެވެ. "ގޭ"،
"ލެޒްބިއަން"،
"ޕޯން"،
"ޑީޖޭ"
"ބިޓެއްކައިރިއަށް ދިއުން"،
"އެބޯޝަން
ހެދުން" މިފަދަ ނަންނަމުގައި ހަޑިހުތުރު
ފާފަތައް މިދަނީ އަހަރެމެންގެ ތެރޭގައި
ރީތިވަމުން ޒީނަތްތެރިވަމުންނެވެ.
ޖިންސުއްލަޠީފުއްނަށް ފެޝަނުގެ ނަމުގައި
މަގުތަކެކޭ ގޭގެ ފާޚާނައެކޭ އެއް ޙުކުމެކެވެ.
ބޭނުން އެއްޗެއް ލާންވީއެވެ. މިފަދަ ކުއްޖަކަށް
ހަދިޔާއަކަށް ހެދުމެއް ގެންނަށް ވެއްޖެނަމަ
އެކުއްޖެއްގެ ބައްޕަ ހަދާނީ ކިހިނެއްތޯއެވެ؟
އިސްލާމީ ފޭރާމެއް ގެނެސްފިނަމަ ބުނާނީ ތީ
ވައްހާބީން ލާހެދުމެކެވެ. ނުވަތަ މާ ކުރީގެ
ވިސްނުން ގެންގުނޭ މީހުން ލާހެދުމެކެވެ.
ތިހެދުން ލުމުން މީހުން ބުނާނީ ކީކޭހެއްޔެވެ؟
ﷲ
ގެ މަތިވެރިކަމާއެވެ. މިފަދަ ކުދިން ﷲ ގެ
އެންގެވުމަށް ނުވަތަ އެއިލާހު ރުހިވޮޑިގަތުން
ބޭނުން ނުވެ މީސްތަކުންގެ ރުހުން ބޭނުން
ވަނީތޯއެވެ؟
އެމީހުން ތިމާ ޤިޔާމަތްދުވަހުން ﷲ ގެ ޢަޛާބުން
ސަލާމަތް ކުރާނެ ތޯއެވެ؟
މިހާރު ވެސް ތިބާއަށް އަހަރެން މިބުނާ
އެއްޗެއްގެ މާނަ ޝައިޠާނާ އޮޅުވާލަފާނެއެވެ. މާ
ހަރުކަށި ލިޔުމެކޭވެސް ހިތަށް އަރުވަފާނެއެވެ.
ތިބާ މިހެން ބުނެފާނެއެވެ. "އަހަރެން ލާ
ހެދުމަކީ ނުވަތަ ދުލުން ބޭރުކުރާ ބަހަކީ ކިހާ
ކުޑަ ކަމެއްހެއްޔެވެ؟
ﷲ
އީ އެންމެ އޯގާވަންތަ އިލާހެވެ." އާނއެކެވެ. ﷲ
އީ އެންމެ އޯގާވަންތަ އިލާހެވެ. އެކަމަކު
އެއިލާހަށް އުރެދޭ އަޅުންނަށް އެއިލާހުގެ ޢަޛާބު
ގަދަފަދައެވެ.
ޝައިޠާނާ އަހަރެމެންނަށް އޮޅުވާލައިފައިވާ
އަނެއް ބަހަކީ "ތައުބާ" އެވެ. ތައުބާ އޭ
ބުނުމުން ހިތަށް އަރަނީ ޢުމުރުގެ ފަހުކޮޅު
ޙައްޖަށްގޮސް ދެން ތައުބާވާނީ އެވެ. އަދި
އަހަރެން އަވަހަކަށް މަރެއް ނުވާނެއެވެ. މި
ޒުވާން ޢުމުރުގައި އުފާކޮށްލަންޖެހޭނެއެވެ. ﷲގެ
މަތިވެރިކަމާއެވެ. ޒުވާން ޢުމުރުގައި ކުރެވޭ
އަޅުކަން ﷲ ގެ ޙަޟްރަތުގައި
މަތިވެރިވެގެންވާކަން ހަނދާންނެތުނީތޯއެވެ؟
ޒުވާން ޢުމުރުގައި ﷲގެ މަގުގައި ހޭދަކުރާ
އަޅުންނަށް ހުރި ޘަވާބާއި ދަރުމަ ބޭނުން
ނުވަނީތޯއެވެ؟
އަހަރެމެން ﷲ ގެ މަގުން އެއްކިބާކޮށް އެއިލާހު
ރުހިވޮޑިގަންނަވާ މަގުން ދުރުކުރުވާ ކަންކަމަކީ
ކޮބައިތޯ ބަލާލަމާތޯއެވެ؟
އޭގެ މުގުލުގައި ހުރީ ޝައިޠާނާކަން
އެންމެންނަށްވެސް އެނގެއެވެ. އޮޅިފައިވާ ކަމަކީ
ޝައިޠާނާ އަހަރެމެންނަށް އޮޅުވާލާ ގޮތެވެ.
ޢަދާވާތްތެރީންގެ ޙަމަލާތައް ހުންނަގޮތް
އެނގުމުން އެޙަމަލާތަކުން ސަލާމަތްވާން
އެނގެއެވެ. އަހަރެން ކުރިން މި ބަޔާންކުރީ އޭގެ
އެއްގޮތެވެ. ޝައިޠާނާގެ ކެހިވެރިކަން ހުންނަގޮތް
އެހެން މައުޟޫއެއްގައި ދޫކޮށްލަމެވެ. ﷲ ގެ
މަގުން ދުރުވެގަތުމަށް ތިމާގެ ނަފުސުވެސް
ގޮވާލަފާނެއެވެ. ﷲ އެންގެވި ގޮތަށް އުޅުމަށް
ހުރަސްއަޅާ އަނެއްކަމަކީ ތިމާ އުޅޭ
މުޖުތަމަޢެވެ. ތިމާގެ ރައްޓެހިންނާއި ތިމާގެ
ގާތްތިމާގެ މީހުންނާއި ތިމާގެ އޮފީސް މީހުން
ވެސް މީގެ ތެރޭގައި ހިމެނެއެވެ. ހުރިހާ
އެންމެންނަކީ ނުބައި މީހުންނެކޭ ނުބުނަމެވެ.
އަހަރެން މިބުނަނީ ﷲ އެންގެވި ގޮތަށް ތިމާ
އުޅުމަށް ތިމާއަށް ހުރަސް އަޅާފާނެ ބައެއް
ފަރާތްތަކެވެ. މިހެން މިބުނަނީ އަހަރެންގެ
ތަޖުރިބާއާއި ބައެއް ރައްޓެހިންނަށް
ދިމާވެފައިވާ ކަންކަމުގެ އަލީގައެވެ. މިގޮތަށް
ހުރަސް އަޅާކަން އެންމެ ރަނގަޅަށް ތިބާއަށްވެސް
ތަޖުރިބާ ކުރެވޭނެއެވެ.
ރައްޓެހިން ބުނެފާނެ އެއްޗަކަށް ލަދުން ނަމާދަށް
ނުދެވި ނުވަތަ ދީނީ ފޮތެއް ކިޔާލަން ނުކެރި
ތިބެނީ ކިތައް މީހުން ތޯއެވެ؟
ނުވަތަ ދީނީ ދަރުސްތަކަށް ދިޔުމާއި ތުނބުޅި
ދިގުކޮށްފައި ހުރި މީހަކާއެކެ ހުންނަށް
ލަދުގަންނަނީ ކިތައް މީހުންތޯއެވެ؟
ތުނބުޅި ދިގުކުރުމަކީ ވާޖިބެއްކަން
ކަނޑައެޅިގެން އެނގޭ އިރުވެސް ލަދުން ތިމާގެ
ތުނބުޅި ދިގުކުރަން ނުކުރިފައިތިބީ ކިތައް
މީހުންތޯއެވެ؟
ނުވަތަ އިސްލާމީ ރިވެތި ފޭރާމުން ފޭރާން ލާ
ޢަވްރަ ނިވާކުރުމަކީ ވާޖިބެއްކަން ކަނޑައެޅިގެން
އެނގޭއިރުވެސް ﷲ އެންގެވިފަދައިން ލަދުން
ނިވާވާން ނުކެރި ތިބީ ކިތައް
ޖިންސުއްލަޠީފުންތޯއެވެ؟
ތިބާއަކީވެސް ފަހަރެއްގައި މިދެންނެވި ގޮތަށް
ދިމާވެފައިވާ މީހަކަށް ވެދާނެއެވެ.
ލަދުނުގަންނާށެވެ. ﷲއަށް އަޅުވެތިވާން
ލަދުގަންނަންވީ ކީއްވެތޯއެވެ؟
އަހަރެމެން ހެއްދެވިގެންވަނީ ﷲ އަށް އަޅުކަން
ކުރުމަށްޓަކައެވެ. އަހަރެމެން ނޭވާލާން ބޭނުންވާ
އޮކްސިޖަންއާއި އުފަންވީއްސުރެ ލޭ
ދައުރުކުރުމަށްޓަކައި ހިތް ހުއްޓުމެއްނެތި
ވިންދުޖަހާ ވިންދުޖެހުމާއި،
އިވުމާއި،
ފެނުމާއި،
ކާނާއާއި ފޭރާމާއި އަދި މިނޫންވެސް ޢަދަދު
ނުކުރެވޭހާ ގިނަގުނަ ނިޢުމަތްތަކެއް
އަހަރެމެންނަށް ދެއްވި ފަރާތުގެ އަމުރަށް
ކިޔަމަން ގަތުމަށްޓަކައި ލަދުގަންނަންވީ މި
ނިޢުމަތްތައް ދެއްވީ ތިބާގެ ރައްޓެހިން ކަމަށް
ހެއްޔެވެ؟
ނުވަތަ އޮފީސް ބޮސް ކަމަށް ހެއްޔެވެ؟
ތިބާ އެބަޔަކު ރުއްސުމަށްޓަކައި
މަސައްކަތްކުރަމުން ތިޔަގެންދާ ތިބާގެ
ރައްޓެހިންނާއި ގާތްތިމާގެ މީހުން،
ޤިޔާމަތްދުވަހުން ތިބާ ސަލާމަތްކޮށްދޭނެތޯއެވެ؟
ތިބާގެ ބޮސް ޤިޔާމަތްދުވަހުގައިވެސް ހަމަވާނީ
ތިބާގެ ބޮސްއަށް ތޯއެވެ؟
އޭނާގެ ބޮސްކަން އެދުވަހުން ދެއްކޭނެތޯއެވެ؟
ޝައިޠާނާއާ އޭނާއަށް ތަބާވެގެން ތިބި މީހުންނަށް
ތިބާ ފުރަގަސްދީ ﷲ އާއި އެއިލާހުގެ މަގުގައި
ހިނގާ މީހުންގެ މަގަށް އަވަހަށް އެނބުރި
އަންނާށެވެ.
ލަދުގަންނަންވީ ފާފަކުރުން މަތީ ދެމިހުރުމަށާއި
ފާފަކުރާ މީހުންނާ އެކީ އުޅުމަށެވެ. ﷲގެ
މަގުގައި އުޅުމަށް ލަދުގަންނަންވީ ކީއްވެތޯއެވެ؟
އެއިލާހުގެ މަގުގައި އުޅުމުން ވަނީ
މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް
އުފަލެވެ. ﷲ ގެ މަގަށް ރުޖޫޢަވުމަށް ތިމާއަށް
ހުރަސް އަޅަނީ ކޮން ކަންތައްތަކެއްކަން
ބަލާހޯދާށެވެ. ޢުމުރުގައި ތަނެއް ނެތެވެ.
މަރުވުމުގެ ވަޤުތު ކައިރިވަނީއެވެ.
މިދުނިޔެމަތީގައި ތިބާގެ ހިތުގައި ދެން
ވިންދުޖަހާނީ ކިތައް ފަހަރުކަން،
ތިބާއަށް ދެން ލެވޭނީ ކިތައް ނޭވާކަން ތިބާއަށް
އެނގޭހެއްޔެވެ؟
ތިބާގެ ޙަޔާތުގައި ދެން އިރު އަރާ އޮއްސޭނީ
ކިތައް ދުވަހުކަން އެނގޭ ހެއްޔެވެ؟
ފާއިތުވަމުންދާ ކޮންމެ ސިކުންތަކީ ކުޑަކުޑަ
އަނދިރި ގޮޅިއަކާ ތިބާ ކައިރިކުރާ ސިކުންތެކެވެ.
މަރުވާނީ ކޮންވަޤުތަކު ބާވައެވެ؟
ތިޔަ ވިސްނަނީ ގޯސްކޮށެވެ. އަހަރެންގެ މި ލިޔުމާ
ދޭތެރޭ ގޮތެއް ތި ނިންމީ މާއަވަހަށެވެ.
އިސްލާމްދީނުގައި އޮތްގޮތް ބަލާ ދިރާސާ
ކުރުމަށްފަހު އަހަރެންގެ މިލިޔުމާމެދު ގޮތެއް
ނިންމާށެވެ. ތިބާއަކީ ކަންކަން ހޯދާ ބަލާ
މީހެއްކަން މިލިޔުމުގެ މިހާ ހިސާބަށް ތިބާ ކީމާ
އަހަރެންނަށް އެނގިއްޖެއެވެ. އަހަރެން ތިބާއަށް
މިހާރު އިތުބާރު އެބައޮތެވެ. ތިބާއަކީ އިންސާނާ
އުޅެންވީ ރަނގަޅުގޮތް ހޯދާ ބަލާހިތްވާ މީހެކެވެ.
ތިބާ ތިޔަމަގުގައި ކުރިޔަށްދާށެވެ.
ހުއްޓާނުލާށެވެ. މީހުން ކިޔާ އެއްޗަކަށް
ބަލަންޏާ ވާނީ ހިމާރު ވިއްކަން ދިޔަ
ދެބަފައިންނަށް ވީވަރެވެ. އަހަރެންގެ ދުޢާއަކީ
ތިބާއަށް މިދުނިޔޭގައިވެސް އަދި ދެމިއޮތުމުގެ
ޢާލަމުގައިވެސް ﷲގެ ރުހިވޮޑިގަތުމާއި ކާމިޔާބު
މިންވަރުކުރެއްވުމެވެ. ލިޔުން ކިޔުއްވީތީ ވަރަށް
ބޮޑަށް ޝުކުރިއްޔާއެވެ. އެކަމަކު މަނާ ކޮންމެ
ކަމެއް ތަޖުރިބާ ކުރަންޏާ އަހަރެމެން ޕާޓޭންނަށް
ވެދާނެއެވެ.
-ނިމުނީ-
|