|
ބޭނުމަކީ މީހުން އިސްލާޙުވިޔަ ނުދިނުމެވެ.
ލިޔުނީ: އަބޫ
ޙަނީން

ދުނިޔޭގެ މީޑިޔާއަކީ ވަކިފަރާތަކަށް ނުޖެހި ޚަބަރު ފަތުރާ
ވަޞީލަތްތަކެކޭ ބުނެފިނަމަ އަހަރެން އެވާހަކަ ޤަބޫލެއް ނުކުރާނަމެވެ.
ސަބަބުތައް ބައިވަރެވެ. ދުނިޔޭގެ މީޑިޔާއިން އެބަޔަކާ ދެކޮޅަށް
ހަނގުރާމަ ކުރަމުންދާ އެއްބަޔަކީ އަހަރެމެންނެވެ. އަހަރެމެންނާ
ދެކޮޅަށް ކުރާ ހަނގުރާމަކީ އަހަރެމެން މުސްލިމުންނަށް ވީތީވެ،
އަހަރެމެންނަކީ މުވައްޙިދުންނަށް ވީތީވެ، އަހަރެމެން ﷲގެ
ޙުކުމްފުޅުތަކާއި އެއިލާހު ފޮނުއްވި މާތް ނަބިއްޔާއަށް ތަބަޢުވުމަށް
މަސައްކަތް ކުރާތީ، އަހަރެމެންނާމެދު އެވެރިންގެ ހިތުގައި އޮންނަ
ނަފުރަތާއި ޙަސަދަވެރިކަމުގެ ސަބަބުން ކުރާ ހަނގުރާމައެވެ. ބޭނުމަކީ
މީހުން އިސްލާޙުވިޔަ ނުދިނުމެވެ. ދުނިޔޭގެ ކުރިމަތީގައި
އިސްލާމްދީނަކީ އަނިޔާވެރި، ހަޑި މުޑުދާރު، އެއްވެސް ހަމައެއް
ލަމައެއް ނެތް، ބޯދާ ފިކުރުތަކާއި ވިސްނުންތައް ގެންގުޅޭ، ތަހުޒީބު
ނުވާ، އަމިއްލަ އަށް ހަދާފައިވާ، މިޒަމާނާ ނުގުޅޭ ދީނެއްކަން
ދުނިޔޭގެ ހިތްތަކަށް ވެއްދުމެވެ. ވިސްނާލަބަލާށެވެ. މިކަމާމެދު
ވިސްނިވިސްނިހެން ހަމަ ހާމަވެގެންދަނީ ﷲ ގެ ބަސްފުޅުގެ ތެދުކަމެވެ.
"يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ
بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ
الْكَافِرُونَ"
(الصف:8)
މާނައީ:
"އެއުރެން އެދެނީ ﷲގެ ނޫރުފުޅު (އެބަހީ އިސްލާމްދީން) އެއުރެންގެ
އަނގަތަކުން ފުމެ ނިއްވާލުމަށެވެ. އެހެނެއްކަމަކު ކާފިރުން ކިތަންމެ
ނުރުހުންވި ކަމުގައިވިޔަސް ﷲ، އެކަލާނގެ ނޫރުފުޅު
ފުރިހަމަކުރައްވާހުއްޓެވެ."
އަހަރެންގެ ދީނުގައި ޙަރާމްކުރައްވާފައިވާ ފާފައެއް ނުވަތަ
ޖަރީމާއެއް ނުވަތަ ކުށެއް، އަހަރެން ކުރުމުން ކުށްވެރިވާނީ
އިސްލާމްދީން ހެއްޔެވެ؟ ނުވަތަ އަހަރެން ހެއްޔެވެ؟ މިއަދު ދުނިޔޭގެ
މީޑިޔާގައި މުސްލިމަކު ކުށެއްކޮށްފިނަމަ މުޅި އިސްލާމްދީން
ކުށްވެރިވެއެވެ. އެއީ އިސްލާމްދީނުގައި ކިތަންމެ ބޮޑު އަދަބެއް
ކަނޑައަޅުއްވާފައިވާ ކަމަކަށް ވީނަމަވެސް ވެއެވެ. އެކަމަކު އެހެން
ދީނެއްގެ މީހަކު ކިތަންމެ ބޮޑު ކުށެއް ކުރިޔަސް އޭނާގެ ދީން
ކުށްވެރިއެއް ނުވެއެވެ. ކުށްވެރިވަނީ އޭނާއެވެ.
ދުނިޔޭގެ މީޑިޔާއިން އިސްލާމްދީނުގެ ޙަޤީޤަތާ އިދިކޮޅު ތަޞައްވުރު
ޢާއްމުކުރުމުގައި ރެއާއި ދުވާލު ޙަރަކާތްތެރިވަމުންދާއިރު،
އިސްލާމްދީނުގެ ނޫރުގެ ހުޅުކޮޅު ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވެ
އަލިގަދަވަމުންނެވެ. ސެޕްޓެމްބަރ އެގާރައިގެ ނުވަތަ 9/11ގެ
ޙާދިޘާއަށްފަހު ޚާއްޞަކޮށް އެމެރިކާގެ ޚަބަރުފަތުރާ ވަޞީލަތްތަކުން
ޢާއްމުކުރީ މިއީ މުސްލިމުން ކުރި ކަމެއް ކަމަށާއި، އިސްލާމްދީނަކީ
ޓެރަރިޒަމާއި އަނިޔާވެރިކަމަށް އަދި ލޭ އޮހޮރުވާލުމަށް ގޮވާލާ
ދީނެއްކަމަށެވެ. އިސްލާމްދީނުގެ މި ނުބައި ތަޞައްވުރު އެމެރިކާގެ
ޢާއްމުންގެ ހިތްތަކަށް ފޯރުމާއެކު، އިސްލާމްދީނުގެ "ނުބައިކަން"
އަމިއްލަ ލޮލުން ބަލާލައި އެދީނުގެ "އަނިޔާވެރިކަން" އަމިއްލަ ދުލުން
ކިޔާލުމަށްޓަކައި ކީރިތި ޤުރުއާނުގެ އިނގިރޭސި ތަރުޖަމާތައް ހުޅުވާލި
އެތައް ނަފްސެއް ތަރުޖަމާތައް ލައްޕާލާފައިވަނީ "ނޫނެކޭ ނޫނެކޭ
މިއީއޭ ޙައްޤު ދީނަކީ" މިހެން ހިތުގެ އަޑިން ކިޔާ ޙާލުގައެވެ.
އެމެރިކާގެ ތާރީޚުގައި އިސްލާމްވީ ޢަދަދު އެންމެ ގިނަ ވެފައިވަނީ
ސެޕްޓެމްބަރު އެގާރައިގެ ޙާދިޘާއަށްފަހުއެވެ.
ﷲ
ގެ ނޫރު ދުވަހަކުވެސް ނިއްވާ ނުލެވޭނެއެވެ. އެނޫރުގެ އަލި ޤިޔާމަތާ
ޖެހެންދެން ﷲ ތަޢާލާ ދަމަހައްޓަވާނެއެވެ. އެއީ އެއިލާހުގެ
ވަޢުދުފުޅެކެވެ. ހަމަކަށަވަރުން ﷲ އެއިލާހުގެ ވަޢުދާ
ޚިލާފުވެވޮޑިގެން ނުވެއެވެ.
ދުނިޔޭގެ މީޑިޔާއިން ޚަބަރުތައް ފެތުރުމުގައި ވަކި ފަރާތަކަށް
ޖެހިފައިވާކަން ޔަޤީންކޮށްލުމަށްޓަކައި ތިރީގައި މިވާ ނޫސްތަކުން
ނަގާފައިވާ ޚަބަރުތަކަށް ބައްލަވާލައްވާށެވެ.



















-ނިމުނީ- |