|
ނައިފަރުގެ ދެ މިސްކިތަކުން ޤަބުރު
ފެނިއްޖެ.

މިއޯޑިއޯއަކީ ނައިފަރު ކަތީބު، މިމައްސަލައާއި ގުޅިގެން ރާއްޖޭގެ
މީޑިއާތަކަށް ދެއްވާފައިވާ އިންޓަވިއުއެކެވެ.
ޅ.އަތޮޅުގެ ނައިފަރު އުތުރު އަވަށުގެ، ފިރިހެނުންގެ
މިސްކިތުންނާއި އަދި އަންހެނުންގެ މިސްކިތުގެ އެތެރޭން ޤަބުރު
ފެނުމާއި ގުޅިގެން، އެދެމިސްކިތުގައި ނަމާދު ކުރުން މަނާކޮށް
ރަސްމީގޮތުން އެދެމިސްކިތް ބަންދުކޮށްފިއެވެ. އެރަށުގައި
މިމަސައްކަތުގައި ޝާމިލްވެ އުޅުނު ރައްޔިތެއްގެ ފަރާތުން ޚަބަރު
ލިބިފައިވާ ގޮތުގައި، އިއްޔެ އެއް މިސްކިތުގެ ހަރިންމަ ފާރުގެ ބުޑުން
ކޮނެ ބެލިބެލުމުން މިސްކިތުގެ އެތެރެއަށް ވާގޮތަށް ޤަބުރު ހުރިކަން
ޔަޤީންވުމުން މިއަދު އަނެއް މިސްކިތުގެވެސް ހަރިންމަ ފާރުގެ ބުޑުން
ކޮނެ ބެލިބެލުމުން މިސްކިތުގެ އެތެރޭގައިވެސް ޤަބުރު ވާކަން ވަނީ
ލޮލަށްފެނި ކަށަވަރުވެފައެވެ.
ރާއްޖޭގައި މިނޫނަސް ވަރަށް ގިނަ މިސްކިތްތައް ޤަބުރު މަތީގައި ބިނާ
ކުރެވިފައިވެއެވެ. މިކަމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް
ކުރައްވާފައިވާ ކަމަކަށްވާއިރުވެސް ކުރީގެ ސަރުކާރުންވެސް އަދި
މިފަދަ ރަށްރަށުގެ ރައްޔިތުންވެސް މިކަންކަމާއިމެދު މާބޮޑު
ސަމާލުކަމެއް ދީފައެއް ނުވެއެވެ. މިމައްސަލަ މިހާރުގެ ސަރުކާރުގެ
ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވަނީ ނައިފަރުގެ
ދީނީ ކުދިންތަކެކެވެ.
ނަމާދަކީ
ދީނުގެ އެންމެ މުހިއްމު އެއް އަޅުކަމަށްވާއިރު ތިމާ ކުރާ ނަމާދަކީ
ﷲގެ ޙަޟްރަތުގައި ޤަބޫލު ކުރެވިގެންވާ އެއްޗެއްކަމުގައިވާނީ މިފަދަ
އެންމެހައި ނަހީތަކުން ދުރުހެލިވެގެންނެވެ. ވީމާ އެންމެހައި ލޮބުވެތި
އަޚުންނާއި އުޚްތުންނަށް އަޅުގަނޑުމެން މިގޮވާލަނީ މިފަދަ
ކަންކަމާއިމެދު ރައްކާތެރިވެ އެފަދަ ތަންތަން ބަންދުކުރުމަށް
ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށް ލަސްނުކޮށް އަތުކުރި
އޮޅާލުމަށެވެ.
ތިރީގައިމިވަނީ ނައިފަރުން ޤަބުރު ފެނުނު ދެމިސްކިތާއި އެތަނުން
ފެނުނު ޤަބުރު ތަކުގެ ފޮޓޯތަކެވެ.













ތިރީގައިމިވަނީ ނައިފަރުގައި މިފަހުން ބިނާކުރި ބޮޑު
މިސްކިތްކަމުގައިވާ މަސްޖިދުއް ތަޤްވާއެވެ. އެރަށުގެ ގިނަ ރައްޔިތުން
މިހާރު ނަމާދު ކުރަމުންދަނީ އެމިސްކިތުގައެވެ. މިމިސްކިތް
ބިނާކުރެވިފައިވަނީ ޤަބުރު މަތީގައެއް ނޫނެވެ.

-ނިމުނީ- |