|
ދީނުގެ ކަންކަމަށް
ބޯލަނބަންވީ، ސައިންޓިފިކަލީ ގޮތުން އެކަންކަމުގެ ފައިދާ
އެނގުމުނެއް ނޫނެވެ.

މިއަދު
ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ގިނަ
މުސްލިމުންގެ ޙާލަތަކީ، ދީނުގެ ކޮންމެ
ކަމެއްވެސް ޤަބޫލު މިކުރެވެނީ ކޮންމެވެސް ކާފަރު
ސައިންޓިސްޓަކު ނުވަތަ އެދާއިރާއެއްގެ މާހިރަކު،
މިވެނި އެވެނި ކަމަކީ ޞިއްޙީ ގޮތުންނާއި އަދި
މިނޫންވެސް ދުނިޔެވީ އެހެން ގޮތްގޮތުން ފައިދާ
ހުރިކަމެއްކަން ބަޔާން ކުރުމުންނެވެ.
ކޮންމެއަކަސް
ކާފަރުންގެ ތެރޭގައާއި އަދި މުސްލިމުންގެ
ތެރޭގައި، މުސްލިމުންގެ ނަމުގައި ތިބި ދީނުގެ
ޢަދާވާތްތެރިން، މިދީނާއި މެދު މީސްތަކުން
ނަފްރަތްތެރި ކުރުވައި ޝައްކު
އުފެއްދުމަށްޓަކައި ދައްކާ އެންމެ ބޮޑު އެއް
ބަހަނާއަކީ އިސްލާމްދީނުގައި އަންހެނުންގެ
ޙައްޤުތައް ނިގުޅައިގަނެ އެކަނބަލުންގެ
މިނިވަންކަމަށް އަރައިގެންފައިވާ ކަމުގެ
ވާހަކައެވެ.
މިގޮތުން ބުރުޤާ އެޅުމާއި، މޫނު ބުރުޤާ އެޅުމާއި
ގޭގައި ދަރިން ބަލަންތިބުމަކީ އެވެރިންގެ
މައިގަނޑު މައުޟޫތަކެވެ. މޫނު ބުރުޤާ
އަޅައިފިނަމަ، މޫނަށް ބޭނުންވާ އަވި ނުލިބުމާއި،
ވައި ނުލިބުމާއި ނޭވާލުމުގެ ނިޒާމަށް
މައްސަލަޖެހޭ ވާހަކައާއި އަދި ބުރުޤާގެ ސަބަބުން
އިރުގެ އަވިން ބޮލުގެ އިސްތަށިގަނޑަށް ބޭނުންވާ
މާއްދާތައް ނުލިބޭކަމަށް ބުނެ ބަހަނާތައް
ދައްކަމުން ދެއެވެ. ވަޒީފާތަކަށް ނުގޮސް ގޭގައި
ދަރީން ބަލަހައްޓާށާއި ގޭތެރޭގެ ކަންތައްތައް
ކުރަން ތިބުމުގެ ސަބަބުން އެމީހުންނަށް
ޑިޕްރެޝަން ޖެހޭ ވާހަކައާއި މިފަދަ އެތައް
ބުހުތާނު ދޮގު ވާހަކަތަކަކީ އިސްލާމްދީނުގެ
ތަޞައްވުރު ހުތުރުކުރުމަށްޓަކައި އެވެރިން
ދައްކައި އުޅޭ ވާހަކަތަކެވެ.
ކޮންމެއަކަސް
މެޑިކަލް ގޮތުންނާއި އަދި ސައިންޓިފިކަލް ގޮތުން
އިތުރު ހޯދުންތައް ހޯދެމުންދާ ވަރަކަށް، އެނގި
ފާޅުވަމުން މިދަނީ އިސްލާމްދީނުގައި
އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމުން، ދުނިޔެވީ
ގޮތުންވެސް މިކަންކަމުގައި ހުރި ފައިދާތަކެވެ.
ދަންނާށެވެ. ޢަދާވާތްތެރިން ކިތަންމެ ގިނަ
ބަހަނާތަކެއް ދެއްކިކަމުގައި ވިޔަސް ދުވަހެއް
ދުވަހަކަށް މިކަންތައްތައް ދާނީ ފާޅުވެ
ބަޔާންވަމުންނެވެ. އަޅުގަނޑުމެން މުސްލިމުން
ދީނުގެ ކަންތައްތައް ޢަމަލުކުރަންވީ
ސައިންޓިސްޓުން ހޯދާ ހޯދުމަކުން އޭގެ ފައިދާ
އެނގުމަކުންނެއް ނޫނެވެ. އެހެންނަމަވެސް ﷲ އާއި
އެއިލާހުގެ ނަބިއްޔާގެ ބަސްފުޅު ހަމަ
އެނގުމާއިއެކު އަޅުގަނޑުމެން އަވަސްވެގަންނަންވީ
އެގޮތަށް ބޯލަނބައި ކިޔަމަންވުމަށެވެ.
ދުނިޔެއާއި އަދި އާޚިރަތުގައިވެސް ކާމިޔާބު ލިބޭ
ބައެއް ކަމުގައި ވާހުށީ އޭރުންނެވެ.
-ނިމުނީ- |