|
ދުނިޔޭގެ
މަޝްހޫރު ދީނީ ޢިލްމުވެރިންނާއި އެކު 'ޕީސް ކޮންފަރެންސް 2009'
ކުރިއަށް އެބަދޭ!
ލިޔުނީ: އަލީ އަހްސަން
އިހްސާން

ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި އެކު 'ޕީސް ކޮންފަރެންސް
2009' ވަރަށް ކާމިޔާބުކަމާއި އެކު ކުރިއަށް އެބަދެއެވެ.
އޮކްޓޯބާރ 30 އިން ނޮވެމްބާރ 8ގެ ނިޔަލަށް އިންޑިއާގެ މުމްބާއީގައި
ކުރިއަށްދާ ޕީސް ކޮންފަރެންސް އަކީ އިންޑިއާގެ މަޝްހޫރު އިސްލާމީ
ޖަމިއްޔާއެއްކަމުގައިވާ 'އިސްލާމިކް ރިސާރޗް ފައުންޑޭޝަން
(އައި.އާރު.އެފް)' ގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ
ކޮންފަރެންސްއެކެވެ. ދުނިޔޭގެ ފެންވަރުގެ އިލްމުވެރިންނާއި އެކު
ބޭއްވޭ މި އިސްލާމިކް ކޮންފަރެންސްގައި ތަފާތު ހަރަކާތްތައް
ކުރިއަށްދާނެކަމަށް ޚަބަރު ލިބެއެވެ. މިކޮންފަރެންސްގައި ދީނީ
ޢިލްމުވެރިންގެ އިތުރުން އިސްލާމީ ދުނިޔޭގެ މަޝްހޫރު ބޭފުޅުންވެސް
ބައިވެރިވާކަމަށް ބޭރުގެ މީޑިއާތަކުން ހާމަކޮށްފައިވެއެވެ.
'ޕީސް
- ސޮލޫޝަން ފޯ ހިއުމަނިޓީ'،
މިޝިޔާރުގެ ދަށުން ގެނެސްދޭ މި ހަރަކާތުގައި ދުވާލަކު ފަންސާސް ހާސް
މީހުން ބައިވެރިވާނެކަމަށް އަންދާޒާކުރެވޭކަމަށް މިއިވެންޓް
އިންތިޒާމްކުރާ ފަރާތަށް ހަވާލާދީ ބޭރުގެ ނޫސްތަކުން ޚަބަރުދެއެވެ.
އަދި 125 ޤައުމަކުން ޕީސްޓީވީ މެދުވެރިކޮށް އެތައް މިލިޔަން ބަޔަކު
މިއިވެންޓް ބަލާނެކަމަށްވެސް އަންދާޒާކުރެވެއެވެ.
ދުނިޔޭގެ ފެންވަރުގެ ގާތްގަޑަކަށް 30 ޢިލްމުވެރިންނާއި އެކު
ކުރިއަށްދާ އިންޓަނޭޝަނަލް ކޮންފަރެންސްގައި
ބައިވެރިވެވަޑައިގަންނަވާ ފާހަގަ ކޮށްލެވޭ ޢިލްމުވެރިންގެ ތެރޭގައި
އިންޑިއާގެ ޑރ ޒާކިރު ނައިކް،
ދާދިފަހުން ރާއްޖެ ވަޑައިގަތް ކެނެޑާގެ ޑރ ބިލާލް ޕިލިޕްސް،
ޔޫކޭގެ އަބްދުއްރަހީމް ގްރީން،
މެލޭޝިޔާގެ ހުސެއިން ޔީ،
ޔޫއޭއީގެ ސާލިމް އަލް އަމްރީ،
އެމެރިކާގެ ޔޫސުފް އީސްޓެސް،
ސޫދާންގެ ޑރ ޖާފަރ އިދްރީސް،
އޮސްޓްރޭލިޔާގެ ޔަހްޔާ އިބްރާހިމް،
ސައުދީގެ ޑރ އަހްމަދު އިބްން ސައިފުއްދީން،
އަޤްސާ މިސްކިތުގެ އިމާމް ޝެއިޚް އަލީ އަލް އައްބާސީ،
މަޝްހޫރު މަދަހަ ކިޔުންތެރިޔާ ޒައިން އަދި ޑރ ޒާކިރު ނައިކްގެ
ދަރިފުޅު ފާރިޤް ނައިކް ހިމެނެއެވެ.
މިއަހަރުގެ ޕީސް ކޮންފަރެންސްގެ ފާހަގަ ކޮށްލެވޭ މައުޟޫތަކުގެ
ތެރޭގައި 'އިސްލާމް ދީނުގައި އަންހެނުންގެ ހައްޤުތައް' މިމައުޟޫއަށް
ޑރ ޒާކިރު ނައިކް ވަނީ ވަރަށް ފުރިހަމަ ތަގުރީރެއް ކުރައްވާފައެވެ.
އަދި ޑރ ޒާކިރު ނައިކް ގެ ދަރިފުޅު،
ފާރިޤް ނައިކް ވެސް ތަގުރީރު ކުރާނެކަމަށް ހަބަރުތަށް ބުނެއެވެ.
މައިގަނޑު ބަހުރުވައެއްގެ ގޮތުގައި 'އިނގިރޭސި' ބަސް ބޭނުންކުރާ
މިކޮންފަރެންސްގައި 'އިސްލާމް ދީން ފެތުރިފައިވަނީ ކަނޑިންތަ؟'
، 'މިޒަމާނާއި
އިސްލާމް ދީން ގުޅޭ ހެއްޔެވެ؟'
އަދި 'ދުނިޔެއަށް ކުރިމަތިވާ ކާރިސާތަކުން އަންނަ ބަދަލުތައް.' ފަދަ
މުހިންމު އެތައް މައުޟޫއަކަށް ގާތްގަނޑަކަށް 30 ޢިލްމުވެރިން
ތަޤުރީރު ކުރައްވާނެއެވެ.
'އިސްލާމިކް
ރިސާރޗް ފައުންޑޭޝަން (އައި.އާރު.އެފް)'ގެ ދީނީ ޓީވީ ކަމުގައިވާ
'ޕީސްޓީވީ'އިން މިކޮންފަރެންސްގެ ގިނަ އިވެންޓްތައް ދަނީ ލައިވް
ކުރަމުންނެވެ. މިއިވެންޓަކީ ހަމައެކަނި މުސްލިމުންނަށް އަމާޒުކޮށް
ގެނެސްދޭ އިވެންޓެއް ނޫނެވެ. ޣައިރު މުސްލިމުންގެ މެދުގައިވެސް
ވަރަށް މަޤްބޫލު އިވެންޓަކަށްވަނީ ވެފައެވެ. މިދިޔަ އަހަރުގެ ޕީސް
ކޮންފަރެންސްގައި އިވެންޓްގެ ތެރޭގައި އެތައް ބަޔަކުވަނީ
އޯޑިއަންސްގެ ކުރިމަތީ އިސްލާމް ދީން ޤަބޫލުކޮށް ޝަހާދަތް
ކިޔާފައެވެ. ހިތާމައަކީ މި ސަތޭކަ އިންސައްތަ މުސްލިމުން އުޅޭ
މިދިވެހިރާއްޖޭގައި މިފަދަ މުހިންމު އިސްލާމީ އިވެންޓެއްގެ
ވާހަކައިން ޛިކުރު ނުކުރެވޭކަމެވެ.
-ނިމުނީ- |