|
ސުންނަތް ނަމާދު ކުރަން ހުއްޓައި ނަމާދަށް ޤަމަތް ދީފިނަމަ ހަދާނީ
ކިހިނެއްހެއްޔެވެ؟
ސުވާލު:
ސުންނަތް ނަމާދު ކުރަން ހުއްޓައި ނަމާދަށް ޤަމަތް ދީފިނަމަ
ސަލާމްދީފައި ޖަމާޢަތުގައި ބައިވެރިވާނީ ހެއްޔެވެ؟ ނުވަތަ ސުންނަތް
ނަމާދު ފުރިހަމަ ކޮށްފައި ޖަމާޢަތުގައި ބައިވެރިވާނީ ހެއްޔެވެ؟
ޖަވާބު:
الحمد لله والصلاة والسلام على نبينا محمد وعلى آله وأصحابه ومن
تبعهم بإحسان إلى يوم القيامة.
أما بعد.
ﷲ ތަޢާލާ ރުއްސުން ލެއްވެވި އަބޫ ހުރައިރާގެ ކިބައިން އިމާމް
މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ.
قال النبي صلى الله عليه وسلم: "إذا
أقيمت
الصلاة
فلا صلاة إلا المكتوبة"
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ.
"ފަހެ ނަމާދަށް ޤަމަތް ދެވިއްޖެނަމަ ފަރުޟު ނަމާދު ފިޔަވައި އެހެން
ނަމާދެއް ނުވެއެވެ." (އެބަހީ: އެހެން ނަމާދެއް ކުރުމެއް ނެތެވެ.)
ފަރުޟު ނަމާދަށް ޤަމަތް ދެވިއްޖެނަމަ އެހެން ނަމާދެއް ކުރަން ފެށުން
ހުއްދަ ނުވާނެކަން މިޙަދީޘުން ދަލީލު ކޮށްދެއެވެ. އަދި ހަމައެގޮތަށް
ސުންނަތް ނަމާދެއް ކުރަން ހުއްޓައި ފަރުޟު ނަމާދަށް ޤަމަތް
ދެވިއްޖެނަމަ އެނަމާދު މެދު ކަނޑާލައި، ފަރުޟު ނަމާދުގެ ޖަމާޢަތުގައި
ބައިވެރިވާން ޖެހޭނެކަމަށް މިޙަދީޘުން ދަލީލުކޮށްދޭ ކަމަށް ދީނުގެ
ދަންނަބޭކަލުން ވިދާޅުވެއެވެ.
އަލް ޙާފިޡުލް ޢިރާޤީ ވިދާޅުވެފައިވެއެވެ. "ރަސޫލާގެ
ޙަދީޘްފުޅުގައިވާ 'فلا
صلاة -
ނަމާދެއް ނުވެއެވެ'، އެއިން މުރާދު ކޮށްދެނީ: ޤަމަތް ދީފިނަމަ އެހެން
ނަމާދެއް ކުރަން ފެށުމެއް ނެތް ކަމެވެ. އަދި ހަމައެގޮތަށް ޤަމަތް
ދިނުމުގެ ކުރިން އެހެން (ސުންނަތް) ނަމާދެއް ކުރަން ފަށާފައި
ވިކަމުގައި ވިޔަސް، އެނަމާދާއިގެން މަޝްޣޫލުވުމެއް ނެތްކަމެވެ. އަދި
ކިއެއް ހެއްޔެވެ. އޭނާއަށްވަނީ ތަކްބީރަތުލް އިޙްރާމްގެ މަތިވެރިކަން
ލިބިގަތުމަށްޓަކައި އެނަމާދު މެދުކަނޑާލުމެވެ. އަދި އޭނާ އެސުންނަތް
ނަމާދު މެދު ކަނޑައިނުލި ނަމަވެސް އެނަމާދު އޭގެ ޛާތުގައި ބާޠިލް
ވެގެންދާނެއެވެ" (ޢިރާޤީގެ ޤަވްލު ނަޤަލު ކޮށްފައިވަނީ އިމާމް
ޝައުކާނީގެ ނައެލުލް އައުޠާރުއޭ ކިޔުނު ފޮތުގެ 3/91 ގައެވެ).
ދެން ފަރުޟު ނަމާދުގެ ޖަމާޢަތަށް ދިއުމަށްޓަކައި ސުންނަތް ނަމާދު
ކުރަން ހުރި މީހާ، އެއީ ކޮޅަށް ހުރި ކަމުގައި ވިޔަސް ނުވަތަ
ރުކޫޢުގައި އޮތްކަމުގައި ވިޔަސް ސަލާމް ދިނުމެއް ނެތެވެ. ހަމަ އެހުރި
ހިސާބުން ހަށަމް މޮހެލައި ނުވަތަ ރުކޫޢިން ތެދުވެ ނަމާދުން
ނިކުންނާނީއެވެ.
ފަރުޟު ނަމާދަށް ޤަމަތް ދިނުމުން ސުންނަތް ނަމާދު ކުރަން ހުންނަ
މައްސަލައަކީ މިހާރަކަށް އައިސް ރާއްޖޭގެ މިސްކިތްތަކުން
އަޅުގަނޑަށްވެސް ފެންނަމުން ދާކަމެކެވެ. ބައެއް ފަހަރު އިމާމާއާއި
މައުމޫމުން ރުކޫޢަކޮށް ސަޖިދަ ކުރާއިރު ބައެއް މީހުން މިސްކިތުގެ
ފަހަތުގައި ސުންނަތް ނަމާދު ކުރަން ހުންނަތަންވެސް އެބަފެނެއެވެ.
ޚާއްޞަކޮށް މިކަން ފެންނަނީ ރާއްޖެއަށް މަސައްކަތު އައިސް އުޅޭ
ބަންގްލަދޭޝް އިންޑިޔާފަދަ ޤައުމު ތަކުގެ މުސްލިމުންގެ ކިބައިންނެވެ.
އަދި މަދުންނަމަވެސް ދިވެހީންގެ ކިބައިންވެސް ފެނެއެވެ. ކޮންމެއަކަސް
ރަސޫލު ﷲ
صلى الله عليه وسلمގެ
ޙަދީޘްފުޅުގައި އެވާ ފަދައިން، ފަރުޟު ނަމާދަށް ގަމަތް ދެވުމުން
ޖެހޭނީ އެހެން ހުރިހާ ނަމާދު ތަކެއް ދޫކޮށް ފަރުޟު ނަމާދާއިގެން
މަޝްޣޫލު ވާށެވެ.
މިމައްސަލާގައި ޝެއިޚް އިބްނު ޢުޘައިމީން
رحمه الله
ވިދާޅުވެފައިވެއެވެ. "ފަރުޟު ނަމާދަށް ގަމަތް ދެވުނު އިރު ތިބާވަނީ
ދެވަނަ ރަކްޢަތުގައިނަމަ އަވަހަށް އެސުންނަތް ނަމާދު ފުރިހަމަ
ކޮށްލާނީއެވެ. އެހެނެއްކަމަކު ތިބާވަނީ ފުރަތަމަ ރަކްޢަތުގައިނަމަ
އެނަމާދު މެދުކަނޑާލާނީއެވެ." (ޝަރްޙުލް މުމްތިޢު: 4/238).
ޚުލާޞާއަކީ އިމާމާއި އެކީ ފުރަތަމަ ރަކްޢަތް ލިބޭނެކަމުގެ ޔަޤީންކަން
އޮތްނަމަ އަވަހަށް ސުންނަތް ނަމާދު ކޮށް ނިންމާލާނީއެވެ.
والله أعلم. |