|
ރާއްޖޭގެ ބޭންކެއްގައި ފައިސާގެ އެކައުންޓެއް ހުޅުވުމަކީ
ހުއްދަކަމެއްހެއްޔެވެ؟
الحمد لله والصلاة والسلام على نبينا محمد وعلى آله وأصحابه ومن
تبعهم بإحسان إلى يوم الدين.
ޖަވާބު:
މިސުވާލަކީ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ މިމުޖްތަމަޢަށް ވަރަށް
މުހިއްމުވެފައިވާ ސުވާލެކެވެ. މީގެ ޖަވާބަށް ދިއުމުގެ ކުރިން އެންމެ
ފުރަތަމަ ފާހަގަ ކޮށްލަންޖެހޭ ނުކުތާއަކީ ބޭންކިންގއަކީ އެއްވެސް
ޙާލެއްގައި އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެއް ނޫނެވެ.
އެހެންނަމަވެސް މިއަދުގެ ދުނިޔޭގައި އުފައްދާފައިމިވާ ބޭންކިންގް
ސިސްޓަމްތައް އިސްލާމްދީނާއި ތަޢާރަޟްވާ ސަބަބަކީ އެސިސްޓަމްގެ
މައިގަނޑު ވިޔަފާރިއެއްކަމުގައި ލޯން އިންޓަރެސްޓް ހަދާފައިވާތިއެވެ.
އިންޓަރެސްޓްގެ މާނައާއި އެކަން ހިނގާ އުޞޫލު ރަނގަޅަށް
އެނގިތިބިނަމަވެސް އަޅުގަނޑުމެންގެ
ތެރޭގައި މިމައްސަލާގައި މީސްތަކުންވަނީ އެކި ބައިބަޔަށް ބެހިފައެވެ.
މިގޮތުން އެއްބަޔަކީ އިންޓަރެސްޓަކީ ޙަލާލް އެއްޗެއް ކަމުގައި ހަދައި
އަދި އެއީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ރިބާ ނޫންކަމުގައި
ހަދައި ހިތުހުރި ގޮތަކަށް އޭގެ މުޢާމަލާތް ކުރާ މީހުންނެވެ. އަދި
އެފަދަ މުޢާމަލާތް ހިންގާ ބޭންކުތަކުގައި އެއްވެސް ވިސްނުމެއް
ފިކުރެއް ނެތި އެކައުންޓްތައް ހުޅުވައިގެން އުޅޭ މީހުންނެވެ. ދެވަނަ
ބަޔަކީ އެއީ ރިބާ ކަމުގައި ޤަބޫލު ކުރިޔަސް އެއީ މާބޮޑު ކަމަކަށް
ނުހަދައި އަދި އެއްވެސް ފަރުވާލެއް ނުބަހައްޓައި އެފަދަ ބޭންކުތަކާއި
އެކު މުޢާމަލާތް ކުރާ މީހުންނެވެ. ތިންވަނަ ބަޔަކީ އެއީ ޙަރާމް
އެއްޗެއްކަން ޤަބޫލުކޮށް އަދި އެފަދަ ބޭންކުތަކާއި އެކު މުޢާމަލާތް
ކުރުން ހުއްދަ ނޫންކަމަށް ޤަބޫލު ކުރާ އެހެންނަމަވެސް ފައިސާ
ރައްކައު ކުރުމަށް އެނޫން އެހެން ގޮތެއް ނެތުމުން އެފަދަ
ބޭންކުތަކާއި މުޢާމަލާތް ކުރާ މީހުންނެވެ. ދެން ހަތަރު ވަނަ ބަޔަކީ
އިންޓަރެސްޓަކީ ރިބާ ކަމުގައި ޤަބޫލުކޮށް އަދި އެފަދަ މުޢާމަލާތްކުރާ
ބޭންކަކާއި އެކީ އެއްވެސް މުޢާމަލާތެއް ހިންގުމަކީ ޙަރާމްކަމެއް
ކަމުގައި ދެކި އެފަދަ ބޭންކުތަކާއިއެކު އެއްވެސް މުޢާމަލާތެއް
ނުހިންގާ މީހުންނެވެ.
ކޮންމެއަކަސް ކުރީގައި ބަޔާންވެދިޔަފަދައިން ދުނިޔޭގެ ގިނަ
ބޭންކުތަކުގައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކީރިތި ﷲ
سبحانه وتعالى
ޙަރާމް ކުރައްވާފައިވާ ރިބާ ނުވަތަ ސޫދުގެ ވިޔަފާރި ކުރުމެވެ. ރިބާގެ
ޙަރާމްކަމާއި އޭގެ ނުބައިކަމާއި އަދި އެކަން ކުރާ މީހަކަށް ހުރި
ޢަޛާބުގެ ބޮޑު ކަމާއި ބެހޭގޮތުން ކީރިތި ޤުރުއާނާއި ރަސޫލު ﷲ
صلى اللّـه عليه وسلمގެ
ސުންނަތުގައި އެތަކެއް އާޔަތްތަކާއި ޙަދީޘްފުޅުތަކެއް ވާރިދުވެގެން
ވެއެވެ. މިގޮތުން މީގެ ބައެއް އާޔަތްތަކާއި ޙަދީޘްފުޅުތައް
މިތަނުގައި ބަޔާންކޮށްލާނަމެވެ.
ކީރިތި ޤުރުއާނުން.
-
ރިބާއަކީ ޙަރާމް މުޢާމަލާތެއްކަމާއި އެކަންކުރާ މީހާއަށް ހުރި
ޢަޛާބުގެ ވާހަކަ ވަޙީ ކުރައްވާ އަންގަވާފައިވެއެވެ.
"
الَّذِينَ يَأْكُلُونَ الرِّبا لا يَقُومُونَ إِلاَّ كَمَا يَقُومُ
الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ذَلِكَ
بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبا وَأَحَلَّ
اللَّهُ الْبَيْعَ وَحَرَّمَ الرِّبا فَمَنْ جَاءَهُ مَوْعِظَةٌ مِنْ
رَبِّهِ فَانْتَهَى فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّهِ
وَمَنْ عَادَ فَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ"
(البقرة:275)
"ފަހެ ރިބާ ކާމީހުން ޖިންނި އަވަލުމުގެ ސަބަބުން މޮޔަވެފައިވާ މީހަކު
ތެދުވާފަދައިން މެނުވީ ޤިޔާމަތްދުވަހުން ނުތެދުވާ ހުއްޓެވެ. އެއީ
ގަނެވިއްކުމަކީ ހަމަކަށަވަރުން ރިބާ ފަދަ ކަމެކޭ އެމީހުން
ބުނާތީއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ގަނެވިއްކުން ހުއްދަ
ކުރެއްވިއެވެ. އަދި ރިބާ ޙަރާމް ކުރެއްވިއެވެ. ފަހެ އެމީހެއްގެ
ރައްބުގެ ކިބައިން އެމީހަކަށް ވަޢުޡު (ނަޞޭޙަތް) އައުމަށްފަހު އެކަން
ހުއްޓާލައިފިނަމަ ވޭތުވެ ދިޔަތަނަށް ފާފައެއް ނެތެވެ. އަދި އޭނާގެ
ކަންތައްވަނީ ﷲ ތަޢާލާއާއި ހަވާލުވެގެންނެވެ. އަދި (ވަޢުޡު
އައުމަށްފަހުވެސް) އެކަންކުރުމުގައި ދެމިހުރެއްޖެ ބަޔަކު ދަންނައެވެ.
ފަހެ އެމީހުންނަކީ ނަރަކައިގެ އަހުލުވެރީންނެވެ. އަދި އެތަނުގައި
އެމީހުން އަބަދަށް ދެމިތިބޭނެއެވެ."
-
ރިބާއިން ދުރުހެލިވުމަށް އަމުރުކުރައްވައި ﷲ
سبحانه وتعالى
ވަޙީ ކުރައްވާފައިވެއެވެ.
"يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا
بَقِيَ مِنَ الرِّبا إِنْ كُنْتُمْ مُؤْمِنِينَ"
(البقرة:278)
"އޭ
އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ.
އަދި ތިޔަބައިމީހުންނީ އީމާންވާ ބައެއްކަމުގައިވާނަމަ ރިބާއިން ބާކީ
ހުރިއެއްޗެއް ހަމަމުޅިން ދޫކޮށްލާ ހުށިކަމެވެ."
"فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِنَ اللَّهِ
وَرَسُولِهِ"
(البقرة:279)
"ފަހެ އެހެން ނުހަދައިފި ކަމުގައިވާނަމަ ﷲ އާއި އެއިލާހުގެ ރަސޫލާ
ތިޔަބައިމީހުންނާއި ހަނގުރާމަ އިޢުލާނު ކުރައްވާކަމުގެ އިންޒާރު
ލިބިގަންނަ ހުށިކަމެވެ."
ކީރިތި ނަބިއްޔާގެ ސުންނަތުން.
-
ރިބާއަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި
ބަޔާން ކުރައްވައި ކީރިތި ނަބިއްޔާ
صلى اللّـه عليه وسلم
ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
"اجتنبوا السبع الموبقات
قلنا : وما هن يا رسول الله ، قال : الشرك بالله والسحر وقتل النفس
التي حرم الله إلا بالحق وأكل الربا وأكل مال اليتيم والتولي يوم
الزحف وقذف المحصنات الغافلات المؤمنات".
(رواه البخاري ومسلم)
"ހަލާކު ކުރަނިވި ބޮޑެތި ހަތް ފާފައިން ތިޔަބައިމީހުން
ދުރުހެލިވާށެވެ. ދެން ޞަޙާބިއްޔަ ބޭކަލުން ދެންނެވިއެވެ.
އެފާފަތަކަކީ ކޮބައިތޯއެވެ؟ އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ
ތަޢާލާއަށް ޝިރުކު ކުރުމާއި، ސިޙުރު ހެދުމާއި، އެއްވެސް ޙައްޤަކާއި
ނުލާ ﷲ ތަޢާލާ ޙަރާމްކުރެއްވި ނަފްސެއް ޤަތުލު ކުރުމާއި، ސޫދު (ރިބާ)
ކެއުމާއި، ޔަތީމުންގެ މުދާ (ނަހަމަގޮތުގައި) ކެއުމާއި، ހަނގުރާމައިގެ
މައިދާނުގައި ޢަދުއްވުންގެ ލަޝްކަރާއި ކުރިމަތިލާ ހިނދު
ހަނގުރާމައަށް ފުރަގަސްދީ ފިލުމާއި، މުޙްސިން ޢިއްފަތްތެރި މުއުމިނު
އަންހެނެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމެވެ."
އެހެންކަމުން މަތީގައި ބަޔާންވެ ދިޔަ އާޔަތްތަކާއި ޙަދީޘްއިން
އެނގެނީ ރިބާގެ އެއްވެސް މުޢާމަލާތެއް ކުރުމަކީ ހުއްދަ ކަމެއް
ނޫންކަމެވެ. އަދި ހަމަމިގޮތަށް ރިބާގެ މުޢާމަލާތް ކުރާ އެއްވެސް
ބޭންކެއްގައި އެއްވެސް މުޢާމަލާތެއް ހިންގުމަކީ ހުއްދަވެގެންވާ
ކަމެއް ނޫންކަމެވެ. ފަހަރެއްގައި މީހަކު ބުނެފާނެއެވެ. އަހަރުމެން
ބޭންކަށް ފައިސާ ލީކަމުގައިވިޔަސް
އަހަރުމެން ރިބާގެ މުޢާމަލާތެއް ނުކުރަމެވެ.
އަދި ފައިސާގެ ތެރެއަށް އެއިތުރުވާ އެއްޗަކީވެސް
އެއީ
ރިބާއެއް ނޫނެވެ. އެއީ ބޭންކުން އެއްބަސްވެފައިވާ އެގްރީމެންޓެއްގެ
ދަށުން އަހަރުމެންނަށް ލިބޭ ފައިދާ އެކެވެ. ޙަޤީޤަތުގައި މިހެން ބުނާ
މީހުންނަށް ބޭންކިންގް ސިސްޓަމް
ރަނގަޅަށް
ނޭނގެނީއެވެ. އެހެނީ ބޭންކުން ކުރާ ވިޔަފާރިއަކީ ބޭންކަށް މީހުން
ލާފައި ހުންނަ ލާރި އިންޓަރެސްޓް ހިމެނޭ ލޯނުގެ ގޮތުގައި މީހުންނަށް
ދޫކުރުމެވެ. އަދި އެމީހުންގެ އެކައުންޓްތަކަށް އިތުރު ކުރަނީ
މިގޮތަށް
ދޫކުރާ
ލޯނުތަކުން ލިބޭ ރިބާގެ ފައިސާއިންނެވެ. ކޮންމެ ނަމެއް ކިޔުނު
ކަމުގައި ވިޔަސް އެއީ ހަމަ ސާފު ބަޔާންވެގެންވާ ރިބާއެވެ.
އެހެންކަމުން އެފަދަ ބޭންކުތަކުގައި ލާރި ޖަމާކުރުމުން އަޅުގަނޑުމެން
އެމީހުންނަށް ރިބާގެ މުޢާމަލާތް ކުރުމުގައި އެހީތެރި ވެދެވެނީއެވެ.
އެކަމަށް މަގުފަހި ކޮށްދެވެނީއެވެ.
ދެން ބަލާލަންޖެހެނީ ޙާލަތުގެ ގޮތުން ތިމާގެ އަތުގައި ނުވަތަ ގޭގައި
ފައިސާ ބަހައްޓައިގެން ނުވަތަ ޖަމާކޮށްގެން ގެންގުޅުމުގައި އެއްވެސް
ރައްކާތެރިކަމެއް ނެތްނަމަ، އަދި އެފަދަ ޙާލަތެއްގައި ރިބާގެ
މުޢާމަލާތް ނުކުރާ އިސްލާމީ ބޭންކެއްވެސް ނެތްނަމަ ދެން ހަދާނީ
ކިހަކުންތޯއެވެ. މިގޮތުން އަޅުގަނޑުމެންގެ މުޖްތަމަޢުއަށް ބަލާލާއިރު
މިހާރުގެ ޙާލަތު ގޮސްފައިވާ ހިސާބުން،
ވައްކަން ކުރާ މީހުންގެ އުނދަގުލާއި ހުރެ އެންމެ އާދައިގެ މީހަކަށް
ލިބޭ ކުޑަ ލާރިކޮޅުވެސް ގޭގައި ރައްކާކޮށްގެން ގެންގުޅުމަކީ
ނުރައްކާތެރި ކަމަކަށް މިވަނީ ވެފައެވެ. އެހެންކަމުން ދެން އުފެދޭ
ސުވާލަކީ މިފަދަ ޙާލަތެއްގައި އޭނާގެ ދިރިއުޅުމުގެ ކަންތައްތައް
ހަމަޖެއްސުމަށާއި ވިޔަފާރިން ލިބޭ
މިލާރިކޮޅު
ރައްކާ ކުރާނީ ކިހިނަކުން ހެއްޔެވެ؟
އާދެ މިމައްސަލައަކީ ދީނުގެ ބޮޑެތި ޢިލްމުވެރިން ވާހަކަ
ދައްކަވާފައިވާ މައްސަލައެކެވެ. ދީނުގެ ބައެއް ކަންކަމުގެ ފަތުވާތައް
ޙާލަތާއި ވަޤުތާއި ތަނާއި އަދި މިނޫންވެސް ބައެއް ސަބަބުތަކާއި ހެދި
ބަދަލުވެދާނެކަމަށް ދަންނަބޭކަލުން ވިދާޅުވެއެވެ. މިއުންމަތުގެ ބޮޑު
ދަންނަ ބޭކަލެއްކަމުގައިވާ
إمام ابن قَيِّمْ الجوزية
އެކަލޭގެފާނުގެ މަޝްހޫރު ފޮތްކަމުގައިވާ
إعلام الموقعين عن ربّ العالمين
(ޢާލަމްތަކުގެ ވެރި ރައްބުގެ ފަރާތުން ސޮއިކުރާ މީހުންނަށް އަންގާ
އެންގުން)، މިފޮތުގައި
ޙާލަތާއި ތަނާއި ޒަމާނާއި އަދި މިނޫންވެސް ސަބަބުތަކާއި ހެދި
ފަތުވާތައް ބަދަލުވެދާނޭކަން
ތަފްޞީލުކޮށް
ބަޔާންކުރައްވާފައި ވެއެވެ. (އިތުރަށް ހޯއްދެވުމަށް
إعلام الموقعين
، 3/3
ބައްލަވާ).
އެހެންކަމުން ޢިލްމުވެރިން ވިދާޅުވަނީ މަޖްބޫރު ވެގެން ނުވަތަ ޟަރޫރީ
ޙާލަތެއްގައިނަމަ މިފަދަ ބޭންކަކަށް ލާރި ޖަމާކުރެވިދާނެކަމަށެވެ.
މިކަމަށް ކީރިތި ޤުރުއާނުންވެސް ދަލީލު ލިބެއެވެ. މިގޮތުން ﷲ ތަޢާލާ
ބަޤަރާ ސޫރަތުގައި މީސްތަކުންނަށް ޙަރާމް ކުރެއްވެވި ބައެއް ތަކެތީގެ
ނަން ޛިކުރު ކުރެއްވުމަށްފަހު ޟަރޫރީ ޙާލަތެއްގައި އެފަދަ ތަކެތި ކޭކަމުގައިވިޔަސް
އޭގައި ފާފައެއް ނެތްކަމަށް އަންގަވާ ވަޙީ ކުރައްވާފައިވާ އާޔަތުގައި
ވަނީ:
"إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ
الْخِنْزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللَّهِ فَمَنِ اضْطُرَّ
غَيْرَ بَاغٍ وَلا عَادٍ فَلا إِثْمَ عَلَيْهِ إِنَّ اللَّهَ غَفُورٌ
رَحِيمٌ"
(البقرة:173)
"ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ޙަރާމްވެގެންވަނީ
ކަތިލެވުމަކާއި ނުލާ މަރުވެފައިވާ ޖަނަވާރާއި ލެޔާއި އޫރު މަހާއި
އަދި ﷲ ތަޢާލާ ނޫން އެހެން ފަރާތަކަށް ޤުރުބާން ކުރެވިފައިވާ
(ކަތިލެވިފައިވާ) ތަކެއްޗެވެ. ފަހެ އެތަކެތި ކާން މަޖުބޫރުވެއްޖެ
މީހަކު، އެތަކެތި ކެއުމަށް ނޭދި އަދި އެތަކެތި ކޮންމެހެން ކެއުމަށް
ބޭނުންވާ ހައްދަށްވުރެ އިތުރު ނުކޮށް ކައިފިނަމަ އެމީހަކަށް އޭގައި
ފާފައެއް ނެތެވެ. ހަމަކަށަވަރުން ﷲ ތަޢާލާއީ ފާފަފުއްސަވާ
ރަޙީމްވަންތަ އިލާހެވެ."
މިއާޔަތުން ދޭހަކޮށްދެނީ މަޖުބޫރުވެއްޖެ ޙާލަތެއްގައި
ޙަރާމްތަކެތިވެސް ވަކި ޝަރުޠުތަކާއި އެކު ބޭނުން ކުރުމުގައި ފާފައެއް
ނެތްކަމަށެވެ. މިގޮތުން މިފަދަ އާޔަތްތަކާއި ޙަދީޘްތަކަށް
ރިޢާޔަތްކޮށް ހެދިފައިވާ ޝަރުޢީ ޤާޢިދާގައިވަނީ
الضَّرورات تبيح المحظورات،
މާނައީ:
މަޖުބޫރީ ކަންތައްތައް ޙަރާމް ކަންތައްތައް ހުއްދަ ކުރެއެވެ.
މީގެ މިޘާލުތަކުގެ ތެރޭގައި، މިޘާލަކަށް އަންހެނަކު މޫދަށް
ގެނބެމުން ދަނިކޮށް އޭނާ ސަލާމަތް ކުރުމަށްޓަކައި އޭނާގައިގާ ބީހުން
ހިލޭ ފިރިހެނަކަށް ހުއްދަވެގެން ވެއެވެ. އެއްވެސް ޙާލެއްގައި އޭގެ
ސަބަބުން ހިލޭ ފިރިހެނުންނަށް
ހިލޭ
އަންހެނުންގެ ގައިގާ ބީހުން ހުއްދަވީއެއް ނޫނެވެ. އެހެންނަމަވެސް
ޙާލަތުގެ ގޮތުން އެކަން ހުއްދަވީއެވެ. އަދި ހަމަ މިގޮތަށް
ވަކިވައްތަރެއްގެ ވަޅިއެއް ނުވަތަ ކަނޑިއެއް މީހުން ބޭނުންކުރަނީ
މީސްތަކުންނަށް ހަމަލާދީ މެރުމަށްޓަކައި ކަމުގައިވާނަމަ އެފަދަ
ޙާލަތެއްގައި އެފަދަ އެއްޗެއް ވިއްކުންވެސް ޙަރާމްވެގެންވެއެވެ.
އެއްވެސް ޙާލެއްގައި އެއީ އެފަދަތަކެތި އޭގެ ޛާތުގައި ޙަރާމްވާތީ
އެއް ނޫނެވެ. އެހެންނަމަވެސް ކުރީގެ މިޘާލެކޭ އެއްފަދައިން ޙާލަތުގެ
ގޮތުން އެޙުކުމް އެގޮތަށް ބަދަލުވީއެވެ.
އެހެންވީމާ މަތީގައި ބަޔާންވެ އެދިޔަ އާޔަތާއި އަދި ޝަރުޢީ
ޤާޢިދާގެ ދަށުން ރައްކާތެރިކަމާއިއެކު ލާރި ޖަމާކޮށްގެން
ނުގެންގުޅެވޭނަމަ ރާއްޖޭގެ ބޭންކެއްގައިވެސް ފައިސާގެ އެކައުންޓެއް
ހުޅުވިދާނެއެވެ. އެހެންނަމަވެސް މިގޮތަށް ހުޅުވާއިރުވެސް ހުޅުވަން
ޖެހޭނީ ކަރަންޓް އެކަންއުންޓެކެވެ. އެހެނީ ކަރަންޓް އެކައުންޓަކީ
ސޭވިންގްސް އެކައުންޓާއި ޚިލާފަށް ރިބާއަށް ލޯނު ދޫކޮށްގެން ލިބޭ
ފައިދާ އިތުރުނުވާ އެކައުންޓަކަށް
ވާތީއެވެ. މިފަދަ ޙާލަތެއްގައި އެފަދަ ބޭންކަކާއިއެކު މުޢާމަލާތް
ކުރިކަމުގައި ވިޔަސް ބަލަން ޖެހޭނީ، ވީހާވެސް ބޮޑަށް އެތަނުގައި
ހިމެނޭ ޙަރާމްކަންތައްތަކުގައި ނުޖެހޭގޮތަކަށް ކަންތައް
ކުރެވޭތޯއެވެ.
والله أعلم.
|