"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ސަލަފިއްޔަތާއި އާއި އަހްލުއް ސުންނަތް ވަކިކޮށް ފަރަޤު ކުރުން ހުއްދަވެގެން

 ނުވެއެވެ.

ސުވާލު:

ސަލަފީންނާއި އަހްލުއް ސުންނަތް ފަރަޤުކުރާ މީހުންނާއިމެދު ތިޔަ ބޭކަލުން ދެކިލައްވަކީ ކިހިނަކުންތޯއެވެ؟ އެމީހުން ދެކޭ ގޮތުގައި ސަލަފުންނަކީ އަދި އަހްލުއް ސުންނަތުގެ އަހްލުވެރިންނާއި ތަފާތު، ވަކި ޚާއްޞަ ބައެކެވެ. އެމީހުންގެ އުސޫލުތައް ބިނާވެފައިވަނީ އެމީހުންގެ ޝައިޚުން ޤަބޫލު ކުރާ ގޮތަށާއި ވިދާޅުވާ އެއްޗަކާއި އަދި އެޝެއިޚުން ދެކިލައްވާ ރައުޔުގެ މައްޗަށެވެ.

ޖަޥާބު:-

ޝައިޚް عبد الله الغنيمان حفظه الله (ސަޢޫދީ ޢަރަބިއްޔާގެ ދީނީ ފަތުވާ ކޮމިޓީގެ މެންބަރެއް).

އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ ކީރިތިވަންތަ ﷲ ތަޢާލާއަށެވެ.

އެމީހުން އެބުނާ ބުނުން ޙައްޤާއި ދުރުވެގެންވެއެވެ. އެހެނީ ސުންނަތުގެ އަހްލުވެރިންނަކީ ޞަޙާބީންނަށް ތަބާވެ، އަދި ސަލަފުންވެސް ތިއްބެވި ގޮތަށް ތަބާވި މީހުންނެވެ. އެއްގޮތަކަށްވެސް އެއީ ވަކި ތަފާތު ދެބައެއް ނޫނެވެ. އަދި ސަލަފީން އެމީހުންގެ މައްޗަށް ވަކި ޚާއްޞަވެގެންވެސް ނުވެއެވެ.

އިޞްޠިލާޙީ ގޮތުން އޭގެ މައްޗަށް ބަލާލާއިރު، ސަލަފުންނަކީ ޞަޙާބީންނާއި އެބޭކަލުންގެ މަގަށް ތަބާވީ މީހުންނެވެ. އަދި ސުންނަތުގެ އަހްލުވެރިންނަކީ (އަހްލުއް ސުންނަތް) އަކީ ރަސޫލު الله صلى الله عليه وسلمގެ ސުންނަތަށް ތަބާވި މީހުންނެވެ. އެއީ (މިއަންނަނިވި) އެކަލޭގެފާނުގެ ޙަދީޘްފުޅުގައި ވާރިދުވެފައިވާ ފަދައިންނެވެ: "އެބައިމީހުންނަކީ ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ޞަޙާބީން ތިއްބެވި މަގަށް ނުވަތަ ގޮތަށް ތަބާވި މީހުންނެވެ". (މިޙަދީޘްފުޅަކީ الفرقة الناجية ނަރަކައިން ސަލާމަތްވެގެންވާ މީހުންނާއި ބެހޭގޮތުން އައިސްފައިވާ ޙަދީޘްއެވެ).

ހަމައެކަނި ލަޤަބެއްގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކާއި ދެބަސްވެ އަރާރުންވުން ހުއްދަވެގެން ނުވެއެވެ. މާތް ﷲ މުއުމިނުންނަށް އަމުރު ކުރައްވާފައިވަނީ އެކަތިގަނޑަކަށްވެ އެއްބައިވުމަށެވެ. އަދި ވަކިވަކިވެގަނެ ބައިބައިވުން ވަނީ ޙަރާމް ކުރައްވާފައެވެ. އަދި އެކަމަށްވަނީ އިންޛާރުވެސް ދެއްވާފައެވެ.

ކޮންމެ އިންސާނެއްގެވެސް އެދުމަކަށް ވާންވާނީ ޙައްޤު ހޯދުމެވެ. އަދި ވާހަކައެއް ދައްކައިފިނަމަ ދައްކަންވާނީ ޢަދުލުވެރިކޮށް އިންޞާފުވެރިކަމާއި އެކީގައެވެ. އަދި ތިމާގެ ނުރުހުންތެރިކަމުގެ ސަބަބުން އެއްވެސް މީހަކު ތިމާ އެބުނާ ޙައްޤު ބަހަށް އިންކާރުކޮށް ފުރަގަސްދިނުމަށް މަގުފަހިވާ ގޮތަށް އެމީހަކާއިމެދު ނުރުހުންތެރިވެގެން ނުވާނެއެވެ. ނުވަތަ އެމީހެއްގެ ކުށްތައް ފާހަގަކޮށް ހަދައިގެން ނުވާނެއެވެ. އަދި ކަމާއި ނުގުޅޭ އެހެން ކަންކަން ގެނެސްގެން ނުވާނެއެވެ. ނުވަތަ އެކަމަށްޓަކައި ދަތި އުނދަގޫ ކަންކަން ގެނެސްގެންވެސް ނުވާނެއެވެ. އެހެންކަމުގައި ވެއްޖެނަމަ އެއީ އަހްލުއް ސުންނަތުގެ މަގެއް ނޫނެވެ. ކޮންމެ މުސްލިމަކަށްވެސް ވާޖިބުވެގެންވަނީ އެމީހެއްގެ އަމިއްލަ ނަފްސަށް އެދޭ ކޮންމެ ކަމެއް، އޭނާގެ އަޚާއަށްވެސް އެދުމެވެ. އަދިހަމަ ވާޖިބުވެގެންވަނީ އެމީހަކަށް ހެޔޮއެދޭ މީހެއް ކަމުގައި ވުމެވެ. އަދި އޭނައަށް ނަޞޭޙަތްދީ އޭގެ މައްޗަށް ހިތް ޖެއްސުމެވެ.

-ނިމުނީ-

 

ނޯޓް: މިއީ www.islamqa.com އިން ނަގާފައިވާ ފަތުވާއެކެވެ. މީގައި މިވަނީ މި ފަތުޥާގެ ޢަރަބި ނައްޞުގެ ޖުމްލަ ތަރުޖަމާއެކެވެ. ولله التوفيق.

dheenee-news@hotmail.com  

blog stats

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)