މުޞައްލަމަތީގައި ކީރިތި ޤުރުއާން ބޭއްވުމުގެ ޙުކުމަކީ
ކޮބައިތޯއެވެ؟
ސުވާލު:
މުޞައްލަމަތީގައި ކީރިތި ޤުރުއާން ބޭއްވުމުގެ ޙުކުމަކީ
ކޮބައިތޯއެވެ؟
ޖަވާބު:
الحمد لله.
ކީރިތި ޤުރުއާނަށް އިޙްތިރާމްކޮށް، ރައްކާތެރިކޮށް
ބެލެހެއްޓުމާއިމެދު ޢިލްމުވެރީންގެ ތެރޭގައި އެއްވެސް ވަރަކަށް
އިޚްތިލާފްވެފައެއް ނުވެއެވެ.
އިމާމް ނަވަވީ ވިދާޅުވެފައިވެއެވެ: "ކީރިތި ޤުރުއާން
ރައްކާތެރިކޮށް އަދި އެއަށް އިޙްތިރާމް ކުރުމާއިމެދު
ޢިލްމުވެރީންވަނީ އިޖްމާޢުވެ ވަޑައިގެންފައެވެ." (المجموع:
2/85).
އެހެންނަމަވެސް ކީރިތި ޤުރުއާނަށް އިހްތިރާމް
ކުރުމުގެގޮތުން އެއްވެސް މުސްލިމަކު އެކަމުގައި ހައްދުފަހަނާޅައި
ދިޔުން ހުއްދަވެގެން ނުވެއެވެ. މިކަމުގައި ބައެއް މީހުން
ޙައްދުފަހަނާޅައިގޮސް، ވަރަށް ތަކްލީފް ބޮޑު
އަދި
ދަތި އުނދަގޫ ގޮތްތައްވަނީ
ޚިޔާރުކޮށްފައެވެ. މިގޮތުން އެފަދަ ބައެއް މީހުންގެ ކިބައިން
ވާރިދުވެފައިވެއެވެ. "މުޞްޙަފެއް އެގެއެއްގައިވާނަމަ، ވުޟޫމަތީގައި
ހުރެގެން މެނުވީ އަހަރެން އެފަދަ ގެއަކަށް ނުވަންނަތާ ތިރީސް
އަހަރު ވެއްޖެއެވެ." އަދި އެމީހުންގެ ތެރެއިން ބައެއް މީހުން،
މުޞްޙަފެއް އޮތް ކޮޓަރިއެއްގައިނަމަ، އެމީހުން ނިދީގައި ވަނިކޮށް
ނޭނގި (ފުރަގަސްފަރާތުން) ވަޔެއް ލެވިދާނެކަމުގެ ބިރަށް، އެފަދަ
ކޮޓަރިއެއްގައި ނުނިދާ ތިބޭ ކަމުގައިވެއެވެ.
މިފަދަ ޢަމަލުތަކަކީ ކަނޑައެޅިގެން ކީރިތި ނަބިއްޔާ
محمد صلى الله عليه وسلم
އާއި އެކަލޭގެފާނުގެ އަޞްހާބު ބޭކަލުންގެ ޢަމަލުފުޅުތަކާއި މުޅީން
ޚިލާފް ކަންކަމެވެ. އެބޭކަލުން ދިރިއުޅުއްވި ކަމުގައިވަނީ އެހާމެ
ކުޑަ އަދި ޖާގަނެތް ކުދި ގެތަކުގެ ކޮޓަރިކޮޅު ތަކުގައެވެ.
އެހެންނަމަވެސް އެބޭކަލުންގެ ކޮޓަރިކޮޅު ތަކުގައި ޤުރުއާން
ލިޔެވިފައިވާ ޞުޙުފުތައް ހުރެމެ، އެބޭކަލުން އެތަނުގައި
އަވަހާރަފުޅު ލެއްޕެވުމާއި އަދި އެބޭކަލުންގެ އަނބީންނާއި
ޖިމާޢުވުމާއި އަދި ވުޞޫނެތި އެކޮޓަރި ކޮޅުތަކުގައި ތިބުމުން
އެބޭކަލުން މަނާވެވަޑައި ނުގަންނަވައެވެ. އަދި ޤުރުއާން ޖަމަޢު
ކުރެއްވުމަށްފަހު އެބޭކަލުންގެ ތެރެއިން ގިނަބޭކަލުންގެ
ގެކޮޅުތަކުގައި މުޞްޙަފްތައް ހުރިމެއެވެ.
އޭރު ކީރިތި ނަބިއްޔާ
محمد صلى الله عليه وسلمގެ
މިސްކިތް ކޮޅުގައާއި އަދި ޞަޙާބިއްޔަ ބޭކަލުންގެ
މިސްކިތްތަކުގައިވެސް މުޞްޙަފުގެ ގަނޑުތައް ބެހެއްޓުމަށާއި އަދި
އެނޫން ދީނީ ތަކެތި ލިޔެވިފައިވާ ގަނޑުތައް ބެހެއްޓުމަށްޓަކައިވެސް
ފޮތް ހަރުތައް ބެހެއްޓިފައެއް ނުވެއެވެ. އެހެންކަމުން މިއިން
ދޭހަކޮށްދެނީ އެފަދަ ތަނެއްގައި މުޞްޙަފް ބޭއްވުމަކީ ކީރިތި
ޤުރުއާނަށް ކުރެވޭ އިހާނަތްތެރި ކަމެއް ނޫންކަމުގައެވެ. މިގޮތުން
ތިލާވަތުގެ ސަޖިދަ ޖެހުމަށްޓަކައި ނުވަތަ އެފަދަ ކަމަކަށްޓަކައި
މުޞްޙަފް ބާއްވަން ޖެހިއްޖެ މީހަކުނަމަ، ބިންމަތީގައި ޠާހިރު އަދި
ސާފު ކޮންމެ ތަނެއްގައި މުޞްޙަފް ބޭއްވުމަކުން އެއްވެސް ގޯހެއް
ނެތެވެ.
إن شاء الله.
شيخ محمد بن صالح العثيمين رحمه الله
ވިދާޅުވެފައިވެއެވެ:
"ﷲ ތަޢާލާގެ ފޮތާއިމެދު ދޭން ބޭނުންވާ ނަޞޭޙަތަކީ، އެފޮތަށް
އިޙްތިރާމް ކުޑަކުރެވޭފަދަ އެއްވެސް ތަނެއްގައި އެފޮތް
ނުބާއްވާށޭއެވެ. މިގޮތުން ތަނެއްގައި ކީރިތި ޤުރުއާން
ބާއްވައިފިނަމަ އެފޮތަށް އިހާނާތްތެރިކޮށް ހިތޭ ތަންތަނުގެ
ތެރޭގައި، ކުނިއުކާލާ އަޅާހަދާ ތަންތަނާއި އަދި އެޒާތުގެ އެހެން
ތަންތަން ހިމެނެއެވެ.
ވީމާ ބައެއް ކުޑަކުދިން މަދަރުސާތަކުގެ ކިޔެވުން ނިމުމުން
އެކުދިންގެ މުޤައްރަރުގެ ފޮތްތައް މަގުމައްޗަށް އުކާލައި އަދި
ކުނިއަޅާ ޑަސްބިންތަކަށް އަޅައި ހެދުމާއިމެދު ސަމާލުކަންދީ
ރައްކާތެރިވާން އެބަޖެހެއެވެ. އެހެނީ އޭގެތެރޭގައި ޤުރުއާނުގައި
ބައިތައް ލިޔެވިފައިވާ ފޮތްތައްވެސް ހިމެނޭތީއެވެ. ފަހެ މިގޮތަށް
ފޮތްތައް އެފަދަ ތަންތަނަށް އުކާލައި ހެދުމުގައި ހުރި
ނުބައިކަމެއްގެ ބޮޑު ކަމާއިއެވެ."
ކޮންމެއަކަސް ބިންމަތީގައި ސާފު ޠާހިރު ތަނެއްގައި މުޞްޙަފް
ބޭއްވުމަކުން އެއްވެސް މައްސަލައެއް ނެތެވެ. އަދި ގޯހެއްވެސް
ނެތެވެ. އެހެނީ އެގޮތަށް ބޭއްވުމަކުން ޤުރުއާނަށް އިހާނަތްތެރިކޮށް
ހިތުމެއް ކަމުގައި، އެކަން ނުވެއެވެ. އަދި ޤުރުއާނަށް އިޙްތިރާމް
ނުކުރުމެއް ކަމުގައިވެސް އެކަން ނުވެއެވެ. ވަރަށް ގިނައިން މީހުން
ނަމާދު ކުރާއިރު ނުވަތަ ޤުރުއާން ކިޔަވާއިރު ސަޖިދަ ޖެހުމަށްޓަކައި
އެމީހުންގެ ކުރިމަތީގައި މުޞްޙަފް ބާއްވައެވެ. މިހެން ހެދުމަކުން
އެއީ ޤުރުއާނަށް އިޙްތިރާމް ނުކޮށް އަދި އެއަށް އިހާނަތްތެރިކޮށް
ހިތުންކަމުގައެއް ނުވާނެއެވެ. އެގޮތަށް ބޭއްވުމުގައި އެއްވެސް
މައްސަލައެއް ނެތެވެ."
(شرح
رياض الصالحين:
1 / 423، دار ابن الهيثم ، شرح حديث رقم: 181
)
އަދި ޝެއިޚް
عبد الله بن جبرين – حفظه الله -
އާއި ސުވާލު ކުރެވުނެވެ: "މުޞްޙަފް ބިންމަތީގައި، ސާފު
ޠާހިރުތަނެއްގައި ނުވަތަ މުޞައްލަމަތީގައި ބޭއްވުމުގެ ޙުކުމަކީ
ކޮބައިތޯއެވެ؟" ޖަވާބުގައި ވިދާޅުވިއެވެ. "މުޞްހަފް ބޭއްވުން
އެންމެ ރަނގަޅުވެގެންވަނީ އުސްތަނެއްގައެވެ. އެއީ ޙިއްސީގޮތުންނާއި
މަޢުނަވީ ގޮތުންވެސް (އެބަހީ ހުރިހައި ގޮތަކުންވެސް) އެފޮތް
މަތިވެރި ކުރުމަށްޓަކައެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
"مَرْفُوعَةٍ
مُطَهَّرَة"
މާނައަކީ: "އެފޮތަކީ އުފުލިގެންވާ އަދި ޠާހިރުވެގެންވާ ފޮތެކެވެ."
ތިބާ މުޞްޙަފް ބާއްވަން ބޭނުންވެއްޖެ ނަމަ އުސްތަނެއްގައި އެފޮތް
ބާއްވާށެވެ. އެއީ ކިތަންމެ ކުޑަކޮށް އުފުލިފައިވާ ތަނެއްކަމުގައި
ވިޔަސްމެއެވެ. އަދި އެގޮތް ފަސޭހަ ނޫންނަމަ، ބިންމަތީގައި ސާފު
ޠާހިރު ކާޕެޓެއްމަތީގައި ނުވަތަ އެފަދަ އެހެން ތަނެއްގައި ބޭއްވުން
ހުއްދަވެގެން ވެއެވެ. މާ ތިރި ނުވަތަ ނަޖިސްތަނެއްގައި ނުވަތަ
ހިރަފުސް ހުރި ތަނެއްގައި މުޞްޙަފް ބާއްވައިގެން ނުވާނެއެވެ.
އެހެނީ އެއީ ޤުރުއާނާއިމެދު އަދަބު ކުޑަކޮށް ހިތުމުގެ ތެރެއިން ވާ
ކަމެކެވެ. އެހެންނަމަވެސް ސާފު ޠާހިރު ކާޕެޓެއްގެ މަތީގައި
ބާއްވަން ޖެހިއްޖެނަމަ ހިއްސީގޮތުންނާއި މަޢުނަވީގޮތުން އެޤުރުއާން
މަތިވެރި ކުރާހާލު އެތަނުގައި މުޞްޙަފް ބޭއްވުމަކުން މައްސަލައެއް
ނެތެވެ."
(فتاوى إسلامية:
4 / 15 ).
އެހެންކަމުން މިކަންކަމަށް ވިސްނާލާއިރު، މުޞައްލައަކީ ސާފު ޠާހިރު
އެއްޗެއް ކަމުގައިވެފައި އަދި އެތަނުގައި ބޭއްވުމުގެ ސަބަބުން ކުޑަ
ކުދިންނާއި އަދި އެނޫން މީހުންގެވެސް ސަބަބުން އެއަށް ގެއްލުމެއް
ނުފޯރާނަމަ، އެގޮތަށް ބޭއްވުމަކުން ގޯހެއް ނެތެވެ. އެހެންނަމަވެސް
އެންމެ ރަނގަޅުވެގެންވަނީ އުފުލިފައިވާ (އުސް) ތަނެއްގައި
ބޭއްވުމެވެ.
والله أعلم.