|
ތިބާ ކީރިތި ޤުރުއާން ހިތުދަސްކުރަން ކިހާ މުއްދަތެއް ނަގާނޭހެއްޔެވެ؟
الحمد لله والصلاة والسّلام على نبيّنا محمّد وعلى آله وصحبه ومن
تبعهم بإحسان إلى يوم الدّين.
أماّ بعد:
ﷲ ތަޢާލާ ކީރިތި ޤުރުއާން ބާއްވަވާލައްވާފައިވަނީ އެޤުރުއާން ހިތު
ދަސްކުރާ މީހަކަށް ފަސޭހައިން ދަސްވާ އެއްޗެއްގެ ގޮތުގައެވެ.
ޤުރުއާނުގެ ޢަޖާއިބުތަކުގެ ތެރެއިން އެއް ޢަޖާއިބަކީ ޢަރަބި ބަސް
ނުދަންނަ އެތައް ބަޔަކުވެސް އެޤުރުއާން ކިޔަވައި އަދި ހިތު ދަސް ކުރާ
ކަމެވެ. ދުނިޔެމަތީން އަޅުގަނޑުމެންނަށް ފެންނަ ޙަޤީޤަތަކީ އެހެން
ބަހެއް ނުދަންނަ މީހަކަށް އެބަހަކުން ލިޔެފައި ހުންނަ އެއްޗެއް
ކިޔަން ނެނގޭ ކަމެވެ. ފަހެ އެބަހަކުން ލިޔެފައި ހުންނަ އެއްޗެއް
ކިޔަން ނޭނގޭނަމަ އަދި އޭތި ހިތު ދަސްކުރާނީ ކޮންފަދައަކުންތޯއެވެ؟
އެހެންނަމަވެސް ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގެ ތެދުކަމާއިމެދު ވިސްނަވާ
ލައްވާށެވެ. މިބިންމަތީގައި ޢަރަބި ބަސް ނޭނގޭ ކިތައް ބަޔަކު ކީރިތި
ޤުރުއާން ހިތުދަސްކޮށް ހިތުގައި ރައްކާކޮށްފައި ވޭހެއްޔެވެ.
ސުބްޙާނަﷲ އެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަނީ:
"وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِنْ
مُدَّكِرٍ"
(القمر:17)
"އަދި ހަމަކަށަވަރުން ތިމަން ﷲ، ކީރިތި ޤުރުއާނަކީ ހިތު ދަސްކުރަން
ފަސޭހަ އެއްޗެއްކަމުގައި ލެއްވެވީމެވެ. ފަހެ އެޤުރުއާނާއި މެދު
ވިސްނާ އެއިން ޢިބްރަތް ލިބިގަންނަ މީހަކު ވޭހެއްޔެވެ؟"
ކީރިތި ޤުރުއާން ކިޔަވައި އަދި އެއުނގެނި އޭގައިވާ އެއްޗަކަށް
ޢަމަލުކޮށްފި މީހަކަށް ހުރި ދަރުމައާއި ޘަވާބު މޮޅު
އިތުރުވެގެންވެއެވެ. ރަސޫލު
الله صلى الله عليه وسلم
ޙަދީޘްފުޅު ކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. "ޤުރުއާން ކިޔަވައި
އަދި އެއުނގެނި އެއަށް ޢަމަލުކޮށްފި މީހަކަށް ޤިޔާމަތް ދުވަހުން
ނޫރުން
ވާ ތާޖެއް އެޅުވޭނެއެވެ. އޭގެ އަލިކަން އިރުގެ އަލިކަން
ފަދައިން ވާނެއެވެ. އަދި
އެދުވަހު
އެމީހެއްގެ މަންމައާއި ބައްޕަގެ ގައިގާ
މިދުނިޔެމަތީގައި ނުވާފަދަ ފުރިހަމަ ހެދުމެއް އެޅުވޭނެއެވެ.
އެދެމައިން (އުފަލުން) ބުނާނެތެވެ. އަހަރުމެންގެ ގައިގާ މިހެދުން
އެޅުވުނީ ކިހިނެއްވެގެން ހެއްޔެވެ؟ ދެން ބުނެވޭނެއެވެ. ތިޔަ
ދެމީހުންގެ ދަރިފުޅު ޤުރުއާން ހިތު ދަސްކޮށްފައިވާތީ އޭގެ
ސަބަބުންނެވެ." (ޙާކިމް: 1/268، އިމާމް އަލްޙާކިމް ވަނީ މިޙަދީޘް
ޞައްޙަ ކުރައްވާފައެވެ. އަދި އިމާމް ޛަހަބީވެސް ޞައްޙަ ކަމަށް
އެއްބަސްވެ ވަޑައިގަންނަވައެވެ).
ތިރީގައިމިވާ ޖަދުވަލުން (ތާވަލުން) އެދައްކައިދެނީ ކޮންމެ
މީހަކަށްވެސް އެމީހެއްގެ ހިތުދަސްކުރުމުގެ ފެންވަރު ހުރި
މިންވަރަކުން، ﷲ ތަޢާލާގެ އިރާދަފުޅާއިއެކު ޤުރުއާން ހިތުދަސް ކުރަން
ނަގާނޭ މުއްދަތެވެ.
- ދުވާލަކު 1 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް ކުރެވޭނީ
17 އަހަރާއި 7 މަހާއި 9 ދުވަހުންނެވެ.
- ދުވާލަކު 2 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް ކުރެވޭނީ
8 އަހަރާއި 9 މަހާއި 18 ދުވަހުންނެވެ.
- ދުވާލަކު 3 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް ކުރެވޭނީ
5 އަހަރާއި 10 މަހާއި 13 ދުވަހުންނެވެ.
- ދުވާލަކު 4 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް ކުރެވޭނީ
4 އަހަރާއި 4 މަހާއި 24 ދުވަހުންނެވެ.
- ދުވާލަކު 5 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް ކުރެވޭނީ
3 އަހަރާއި 6 މަހާއި 7 ދުވަހުންނެވެ.
- ދުވާލަކު 6 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް ކުރެވޭނީ
2 އަހަރާއި 11 މަހާއި 4 ދުވަހުންނެވެ.
- ދުވާލަކު 7 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް ކުރެވޭނީ
2 އަހަރާއި 6 މަހާއި 3 ދުވަހުންނެވެ.
- ދުވާލަކު 8 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް ކުރެވޭނީ
2 އަހަރާއި 2 މަހާއި 12 ދުވަހުންނެވެ.
- ދުވާލަކު 9 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް ކުރެވޭނީ
1 އަހަރާއި 11 މަހާއި 12 ދުވަހުންނެވެ.
- ދުވާލަކު 10 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް
ކުރެވޭނީ 1 އަހަރާއި 9 މަހާއި 3 ދުވަހުންނެވެ.
- ދުވާލަކު 11 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް
ކުރެވޭނީ 1 އަހަރާއި 7 މަހާއި 6 ދުވަހުންނެވެ.
- ދުވާލަކު 12 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް
ކުރެވޭނީ 1 އަހަރާއި 5 މަހާއި 15 ދުވަހުންނެވެ.
- ދުވާލަކު 13 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް
ކުރެވޭނީ 1 އަހަރާއި 4 މަހާއި 6 ދުވަހުންނެވެ.
- ދުވާލަކު 14 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް
ކުރެވޭނީ 1 އަހަރާއި 3 މަހާއި 0 ދުވަހުންނެވެ.
- ދުވާލަކު 15 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް
ކުރެވޭނީ 1 އަހަރާއި 2 މަހާއި 1 ދުވަހުންނެވެ.
- ދުވާލަކު 16 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް
ކުރެވޭނީ 1 އަހަރާއި 1 މަހާއި 6 ދުވަހުންނެވެ.
- ދުވާލަކު 17 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް
ކުރެވޭނީ 1 އަހަރާއި 10 މަހާއި 0 ދުވަހުންނެވެ.
- ދުވާލަކު 18 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް
ކުރެވޭނީ 11 މަހާއި 19 ދުވަހުންނެވެ.
- ދުވާލަކު 19 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް
ކުރެވޭނީ 11 މަހާއި 1 ދުވަހުންނެވެ.
- ދުވާލަކު 20 އާޔަތް ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް
ކުރެވޭނީ 10 މަހާއި 16 ދުވަހުންނެވެ.
- ދުވާލަކު 1 ވަޖުހު (ޞަފްޙާ) ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް
ކުރެވޭނީ 1 އަހަރާއި 8 މަހާއި 12 ދުވަހުންނެވެ.
- އަދި ދުވާލަކު 2 ވަޖުހު ހިތުދަސްކޮށްފިނަމަ، ޤުރުއާން ހިތުދަސް
ކުރެވޭނީ 10 މަހާއި 6 ދުވަހުންނެވެ.
إن شاء الله.
ފަހެ ތިބާ ޤުރުއާން ކިޔަވާއިރު އެކިޔާ ކޮންމެ އަކުރަކީ
ދަރުމައެއްކަން ހަނދުމަ
ނައްތާނުލާށެވެ. އަދި ﷲ ތަޢާލާގެ ދީލަތިވަންތަ ކަމުން އެދަރުމަ
ލިޔެވިގެންވަނީ ދިހަ ޘަވާބުގެ ގޮތުގައެވެ.
"بسم
اللّـه الرّحمن الرّحيم"
ގައި 19 އަކުރު ވެއެވެ. އޭގެ މާނައަކީ 190 ޘަވާބެވެ. އެހެންކަމުން
ތިބާ ހަމައެކަނި ބިސްމި ކިޔާލުމުން 190 ޘަވާބު އެބަލިބެއެވެ. އެއީ
އަދި އެހެން އެއްވެސް އާޔަތެއް ކިޔަން ނުފަށަނީހެވެ. ވީމާ އަދި
އެހެން އާޔަތްތަކާއި އަދި އެއާޔަތްތައް ހިތު ދަސްކުރާއިރު
އެތަކުރާރުކުރާ ތަކުރާރުކުރުމަށް ކިހާ ޘަވާބެއް ލިބޭނެހެއްޔެވެ.
ޙަޤީޤަތުގައިވެސް ﷲ ތަޢާލާ ދެއްވަވާފައިވާ މިމަތިވެރި ފުރުޞަތަކީ
އަޅުގަނޑުމެން ހަމައެއްގޮތަކަށްވެސް ދޫކޮށްލައިގެން ވާނޭ ފުރުޞަތެއް
ނޫނެވެ. އެހެނީ ޤިޔާމަތް ދުވަހުން ބައެއް މީހުން ﷲގެ
ރަޙްމަތްފުޅާއިއެކު ސުވަރުގެވަނުމުގެ މަގުހުޅުވުމަށްޓަކައި،
އެމީހުންގެ މީޒާނުގައި ހެޔޮކަމުގެ ތިލަފަތް ބަރުވުމަށް ބޭނުންވާނީ
ހަމަ އެންމެ ހެޔޮ ކަމެކެވެ. އެހެންކަމުން މިފުރުޞަތަކީ ދުނިޔެވީ
ޙަޔާތުގައި ލިބޭ ރަނގަޅު ފުރުޞަތެކެވެ.
ދުޢާ އިޖާބަ ކުރައްވަވާ ކީރިތި ﷲ ތަޢާލާގެ ޙަޟްރަތުން އެދި ދުޢާ
ކުރަނީ މިޢަމަލުގެ ޘަވާބު އާޚިރަތް ދުވަހުން ގެއްލެނިވި ނުކޮށް
އަޅަމެން އެންމެނަށް ދެއްވަވައި އަޅަމެންނަކީ ނަރަކައިން ދިންނަވާ
ބައެއްކަމުގައި ލެއްވުމަށެވެ.
آمين
وصلّ اللهم وسلّم على نبيِّنا محمّد وعلى آله
وصحبه وسلّم.
(ނޯޓް: މިލިޔުމުގައިވާ ޖަދުވަލާއި އަދި އޭގެ ތިރީގައިވާ ބައެއް
ޢިބާރާތްތައް ނަގާފައިވަނީ ދީނީ އީ-މަޖައްލާއެއްކަމުގައިވާ
'ބެނެފިޓް
އޮފް ދަ ޑޭ'
އިންނެވެ.) |