|
އިސްލާމްދީނުގައި ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން ސަލާމް
ކުރުން!؟
(ވީޑިއޯ
މިޞަފްޙާގެ އެންމެ ތިރީގައި)
މިވީޑިއޯއިން ތިޔަ ފެނިވަޑައިގަންނަވަނީ
2003 ވަނަ އަހަރު މައުމޫނު ޢަބްދުލް
ޤައްޔޫމް ރިޔާސީ އާ ދައުރަކަށް ހޮވުމާއި
ވިދިގެން ބޭއްވި "ރިޔާސީ ސަލާމް" ކުރުމުގެ
މަންޒަރެކެވެ. ކޮންމެއަކަސް މިމަޢުޟޫޢަކީ
ސިޔާސީ ޢިލްމުވެރިންނާއި ދީނީ
ޢިލްމުވެރިންނާއި ދެމެދު ވަރަށްވެސް
އަރާރުން އޮންނަ މައްސަލައެކެވެ. މިކަން
ހުއްދަކުރާ މީހުން ހުއްދަކުރަނީ
ކީއްވެގެންކަން މިވީޑިއޯއިންވެސް މިއޮތީ
ސާފުކޮށް ފެންނާށެވެ.
އިސްލާމްދީނުގެ ޙުކުމްފުޅުތައް
މީސްތަކުންނަށް އޮޅުވާލައި، ޙައްޤު ބަސް
ބުނާ މީހުންނަށް ފުރައްސާރަ ކޮށް ހަދާ
ބަޔަކު ކޮންމެ ފަދަ ވާހަކައެއްވެސް ދައްކާ
ހަދާފާނެއެވެ. މީގެ ތެރެއިން ބަޔަކު މިހާރު
ޓީވީއަށް އަރައި، ކިޔަމުން އެދަނީ ހިލޭ
އަންހެނުންނާއި ސަލާމް ކުރުން ޙަރާމްކޮށް
އެކަން ނުކުރާ މީހުންނަކީ ފާޙިޝް ކަންތައް
ބޮލަށް ވަދެފައި ތިބި ބައެކޭއެވެ. ފަހެ މިއީ
ބުއްދި ސަލާމަތުން ހުރި މީހަކު ޤަބޫލު
ކުރާނޭ ވާހަކައެއް ހެއްްޔެވެ؟ މިވާހަކައިގެ
ތެދުދޮގު ބެއްލެވުމަށް ތިޔަބޭފުޅުން އަލުން
މިވީޑިއޯ ބައްލަވާލައްވާށެވެ.
ކޮންމެއަކަސް މިކަމުގެ އަޞްލު އޮތްގޮތް ހޯދަން ބޭނުންވާ މީހުންނަށް
އޮތީ ﷲ ތަޢާލާގެ ފޮތާއި ކީރިތި ނަބިއްޔާ މުޙައްމަދު
صلى الله عليه وسلم
ގެ
ސުންނަތުގައި މިކަން އޮތްގޮތް ބެލުމެވެ. މިކަމަށް އިޝާރާތް ކުރައްވާ
ﷲ ތަޢާލާ ސޫރަތުއް ނޫރުގައި ވަޙީ ކުރައްވާފައިވެއެވެ.
"قُلْ
لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا
فُرُوجَهُمْ ذَلِكَ أَزْكَى لَهُمْ إِنَّ اللَّهَ خَبِيرٌ بِمَا
يَصْنَعُونَ"
(النور:30)
"މުއުމިނު ފިރިހެނުންނަށް އެބައިމީހުންގެ ބެލުންތައް ތިރިކުރުމަށާއި
އަދި އެބައިމީހުންގެ ފަރުޖުތައް ރައްކާތެރި ކުރުމަށް ކަލޭގެފާނު
ވިދާޅުވާށެވެ. އެގޮތް އެބައިމީހުންނަށް ޠާހިރުކަން ބޮޑުވެގެންވެއެވެ.
ފަހެ ހަމަކަށަވަރުން ﷲ ތަޢާލާ އެމީހުން ކުރާ ކަންތައްތައް މޮޅަށް
ދެނެވޮޑިގެންވެއެވެ."
އިމާމް ބުޚާރީއާއި މުސްލިމް ރިވާ ކުރައްވާފައިވާ
ޙަދީޘްފުޅެއްގައިވެއެވެ.
عن عائشة رضي الله عنها
أنها
قالت: "لا والله
ما
مست يد رسول الله صلى الله عليه وسلم
يد امرأة
قط، غير أنه يبايعهن بالكلام"
(رواه البخاري 5288 ومسلم
1866).
މާނަ: ޢާއިޝާ
رضي الله عنها
ވިދާޅުވިއެވެ. "ފަހެ ﷲ ގަންދީ ހުވާކޮށް ވިދާޅުވަމެވެ. ހަމަކަށަވަރުން
رسول الله صلى الله عليه
وسلمގެ
އަތްޕުޅު ދުވަހަކުވެސް ހިލޭ އަންހެނެއްގެ އަތުގައި ނުބީހެއެވެ.
އެކަލޭގެފާނު އެކަނބަލުންގެ ކިބައިން ބައެޢަތު ހިއްޕަވަނީ
ކަމުގައިވާނަމަ ހިއްޕަވަނީ އަނގަބަހުންނެވެ."
(ހިލޭ
އަންހެނުންނާއި ހިލޭ ފިރިހެނުން ސަލާމް ކުރުން ހުއްދަ ކުރުމުގެ
ގޮތުން މިޙަދީޘްފުޅުގައި މިވާ
"مسّ"
ގެ މާނައަކީ ޖިމާޢުކަމުގައި އެބަޔަކު ވާހަކަ ދައްކަމުން ދެއެވެ.
އެހެންނަމަވެސް އެހެންވާނީ ކިހިނަކުންތޯއެވެ. އެލަފްޒާއި ވިދިގެން
ސީދާ އައިސްފައި އެވަނީ
"يد"
އާދެ،
އަތުގެ ވާހަކައެވެ. ޢަރަބި ބަހުގެ
"مسّ"
އަޞްލުގައި މިބަސް ބޭނުން ކުރެވެނީ ބީހުމަށެވެ. މިމާނާގައި
ޤުރުއާނުގައި ވާރިދުވެފައިވާ އާޔަތުގައިވަނީ:
"لا
يَمَسُّهُ إِلاَّ الْمُطَهَّرُونَ"
(الواقعة:79)
،
މާނައަކީ: "އެޤުރުއާނުގައި ޠާހިރުކޮށް ތިބި ބަޔަކު މެނުވީ
ނުބީހެއެވެ." އަދި މިނޫން މާނަތަކުގައިވެސް ޤުރުއާނުގައި މިލަފްޒު
ވާރިދުވެފައިވެއެވެ. މިގޮތުން ކަމެއް ކުރިމަތިވެ ލައިގަތުމުގެ
މާނައިގައިވެސް މިލަފްޒު ބޭނުން ކުރެވެއެވެ. (ޔޫނުސް ސޫރަތުގެ 12ވަނަ
އާޔަތް ބައްލަވާ).
ކޮންމެއަކަސް މަތީގައި ބަޔާންވެ ދިޔަ ޙަދީޘްފުޅުގައި އެވަނީ
މިދުނިޔެއަށް ކައުކުރެއްވުނު އެންމެ މަތިވެރި
އިންސާނާ، މުއުމިނު އަންހެންކަނބަލުންގެ ކިބައިން ބައެޢަތު
ހިއްޕެވުމުގައި ޢަމަލުކުރެއްވެވި ގޮތެވެ. މިވާހަކަ ބަޔާންކޮށް
މިދެއްވަނީ އެކަލޭގެފާނު އެންމެ ލޯބިފުޅުވާ އަނބިކަނބަލުން
ޢާއިޝަތުގެފާނެވެ. މިޙަދީޘް ބަޔާންކުރެވިފައި މިވަނީ މުޅި އުއްމަތް
އެދެފޮތުގެ ޞައްޙަކަމާއިމެދު އެއްބަސްވެފައިވާ ޞަޙީޙުލް ބުޚާރީއާއި
މުސްލިމްގައެވެ. ފަހެ ލޮބުވެތި ނަބިއްޔާ
صلى الله عليه وسلم
ހިލޭ އަންހެނުންނާއި (އެއީ އެކަލޭގެފާނުގެ ވެރިކަމަށް ބައެޢަތު
ހިއްޕަވާއިރު ކަމުގައިވިޔަސް) ސަލާމް ކުރައްވާފައި ނުވާއިރު،
ތިމަންމެންގެ ހިތުގައި އެއްވެސް ޝަހުވަތްތެރިކަމެއް ނެތޭ ބުނެ ހިލޭ
އަންހެނުންނާއި ސަލާމްކުރާ މީހުންނަށް (އެއީ ވެރިކަމަށް ހޮވުމުން
އެކަމުގެ އުފަލުގައި ކަމަށްވިޔަސް)، އެދަޢުވާ ކުރެވެނީ ކީރިތި
ނަބިއްޔާއަށްވުރެވެސް އެމީހުންގެ އީމާންތެރިކަން އިތުރުވެފައި
އެދުންވެރިކަން ކުޑަކަމުގައެވެ.
أستغفر الله.
ފަހެ މިމައްސަލާގައި ސީދާ ކީރިތި ނަބިއްޔާ
މުޙައްމަދު
صلى الله عليه وسلمގެ
ދޫފުޅުން ބަޔާން ކުރައްވާފައިވާ މިއަންނަނިވި ޙަދީޘަކީ، މިކަމުގައި
ވާރިދުވެފައިވާ ޙަދީޘްފުޅުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް
ޙަދީޘްފުޅެވެ.
އެކަލޭގެފާނު
ޙަދީޘްފުޅު ކުރައްވަނީ:
"لأن يطعن في رأس أحدكم بمخيط من حديد خير له من أن يمس امرأة لا
تحل له".
(رواه الطبراني في "الكبير:
486
" – وصححه الألباني رحمه الله في "صحيح الجامع:
5045")
"ފަހެ ތިޔަބައިމީހުންކުރެ މީހަކު އެމީހަކަށް ހުއްދަވެގެން ނުވާ ހިލޭ
އަންހެނެއްގެ ގައިގާ ބީހުމަށްވުރެ، ދަގަނޑު ތިނޯހެއް ނުވަތަ ކައްޓެއް
އެމީހެއްގެ ބޮލަށް ހަރާލައި ޒަޚަމްކޮށްލުންވެސް ހެޔޮވެގެން ވެއެވެ."
އަދިވެސް އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
قال رسول الله صلى الله عليه وسلم : "إني لا أصافح النساء".
(رواه النسائي:
4181,
وابن ماجه:
2874.
وصححه الألباني في "صحيح الجامع:
2513").
މާނައަކީ:
"ހަމަކަށަވަރުން ތިމަންކަލޭގެފާނު ހިލޭ އަންހެނުންނާއި ސަލާމް
ނުކުރައްވަމެވެ."
ޚުލާޞާ: ފަހެ މިލިޔުމުގެ އެންމެ ފުރަތަމަ އެވާ އާޔަތުން
އަޅުގަނޑުމެންނަށް ބަޔާންވެގެން ވަނީ، ހިލޭ އަންހެނުންނަށް ބެލުން
ހުއްދަ ނޫން ކަމުގައެވެ. އެހެންކަމުގައިވާއިރު ދެން އަދި ސަލާމް
ކުރުން ޙުއްދަވާނީ ކިހިނަކުންތޯއެވެ؟ އަދި ކިއެއްހެއްޔެވެ،
މިމައްސަލައަކީ ސަލަފުއް ޞާލިޙުންގެ ކުރީގެ ޢިލްމުވެރިން ޙުއްދަ
ކުރައްވާފައިވާ ކަމެއްވެސް ނޫނެވެ. އެހެންނަމަވެސް ހިލޭ
އަންހެނުންނަށް ކަމުގައި ވިޔަސް އަތާއަތް ޖޯޑު ނުކޮށް، އިސްލާމީ
ސަލާމުން އެކަނބަލުންނަށް ސަލާމް ގޮވާލުމަކީ ހުއްދަކަމެކެވެ.
ކޮންމެއަކަސް އަތާއަތް ޖޯޑުކޮށް ސަލާމްކުރާނަމަ އެމީހަކަށް
ބެލެންވެސް ބެލޭނެއެވެ. އޭގެ ހެއްކަކަށް ތިރީގައިމިވާ ވީޑިއޯވެސް
ފުދެއެވެ.
ވީޑިއޯ ޑައުންލޯޑް ކުރެއްވުމަށް
މިލިޔުންކޮޅަށް ފިއްތަވާލައްވާ.
ނޯޓް:
މިވީޑިއޯއަކީ ކިޔުންތެރިއަކު ފޮނުވާފައިވާ ވީޑިއޯއެކެވެ.
މިވީޑިއޯގައި މުޖްތަމަޢަށް ދޭން ބޭނުންވާ މުހިއްމު މެސެޖްތަކެއް
ހުރުމުން މިސައިޓުގައި ޝާޢިއު ކުރީއެވެ.
|