|
އަޅުގަނޑުމެންގެ ދަރީން މިފަދަ ކުދީންނަށް ނުހެދެންވީ ކީއްވެހެއްޔެވެ؟
މިވީޑިއޯއިން ތިޔަ ފެނިވަޑައިގަންނަވަނީ ބަޙްރެއިންގެ ކުޑަ ފިރިހެން
ކުއްޖެއް ކަމުގައިވާ އަޙްމަދު ސުޢޫދު، ކީރިތި ޤުރުއާން ކިޔަވަމުންދާ
ތަނެވެ. ކިޔަވަމުން އެދަނީ ޔާސީން ސޫރަތް ހިތުންނެވެ. އެކުޑަ
ކުއްޖާގެ މޫނު މަތިން ފެންނަން ހުރީ އީމާންތެރިކަމެވެ.
ތަޤްވާވެރިކަމެވެ. ހަރުދަނާ ކަމެވެ. އާދެ އެތުއްތު ކުއްޖާގެ މޫނު
މައްޗަށް ބަލާލުމުން ހިތަށް އީމާންތެރިކަމުގެ އަޘަރު ނުކުރޭތޯއެވެ؟
ކޮންމެއަކަސް ހިތާމައަކީ މިއަދު އަޅުގަނޑުމެން، އަޅުގަނޑުމެންގެ
ދަރީން ތަރުބިއްޔަތު ކުރުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ
ކަމެވެ. އެންމެ ކުޑަ އިރުއްސުރެ ތުއްތު ކުދިންނަށް ދައްކަމުންދަނީ
ފާޑުފާޑުގެ ކާޓޫނުތަކާއި، ލަވަތަކާއި ގޭމްތަކެވެ. އެހެންކަމުން
އަޅުގަނޑުމެންގެ ދަރީންގެ ކިބައިގާ އަށަގެންފައި ހުންނަނީ އެފަދަ
ތަކެތިން ދަސްވާ ފިކުރުތަކާއި އަޚްލާގާއި ސުލޫކެވެ. މުޖްތަމަޢުގެ
ތެރެއަށް ނަޒަރު ހިންގާލުމުން މީގެ ނަތީޖާ އަޅުގަނޑުމެންނަށް މިއޮތީ
އެހާމެ ސާފުކޮށް ފެންނާށެވެ. ނަމާދު ކުރާކަށް ޤުރުއާން ކިޔަވާކަށް
އަދި އެނޫންވެސް ދީނީ ކަންތައްތަކަށް އެއްވެސް ޝައުޤުވެރިކަމެއް
ނުހުރެއެވެ.
އެހެންނަމަވެސް މިފަދަ ވީޑިއޯތަކާއި އަދި ކަންތައްތައް ދައްކައިގެން
ތަރުބިއްޔަތުކޮށް ބޮޑު ކުރާ ކުއްޖެއްގެ އަޚްލާގާއި ސުލޫކާއި
ޢަމަލުތައް ހުންނާނެ ގޮތަކާއިމެދު ތިޔަބޭފުޅުން އަމިއްލައަށް
ވިސްނަވާ ވަޑައިގަންނަވާށެވެ.
-ނިމުނީ-
|